އިންޑިއާގެ ސިނާއީ އުފެއްދުންތެރިކަން މޭ މަހު %5.9 މަތިވެއްޖެ

އޭޕްރީލް މަހުގެ ސިނާއީ އުފެއްދުންތެރިކަމަށްވުރެ މޭ މަހުގެ އުފެއްދުންތެރިކަން އިތުރުވީ މައިގަނޑު ގޮތެއްގައި ކޮންޒިއުމަރުން ބޭނުންކުރާ އުމުރު ދިގު މުދާ އުފެއްދި މިންވަރު އިތުރުވުމާއި ކަރަންޓު ޖަނަރޭޓުކުރި މިންވަރު އިތުރުވުމުންނެވެ.

އިންޑިއާގެ ސިނާއީ އުފެއްދުންތެރިކަން އަންނަނީ އިތުރުވަމުން، ފޮޓޯ: ދަ ހިންދޫ

އިންޑިއާގެ ސިނާއީ އުފެއްދުންތެރިކަން ފާއިތުވި އަހަރުގެ މޭ މަހާ އަޅާބަލާއިރު 5.9 އިންސައްތަ މަތިވެއްޖެ އެވެ. 

އޭޕްރީލް މަހުގެ ސިނާއީ އުފެއްދުންތެރިކަމަށްވުރެ  މޭ މަހުގެ އުފެއްދުންތެރިކަން އިތުރުވީ މައިގަނޑު ގޮތެއްގައި ކޮންޒިއުމަރުން ބޭނުންކުރާ އުމުރު ދިގު މުދާ އުފެއްދި މިންވަރު އިތުރުވުމާއި ކަރަންޓު ޖަނަރޭޓުކުރި މިންވަރު އިތުރުވުމުން ކަމަަށް ހިސާބުތަކުން ދައްކައެވެ. 

ޖުމްލަކޮށް ތަކެތި އުފެއްދުން ނުވަތަަ މެނުފެކްޗަރިންގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބިފައިނުވެ އެވެ. އެގޮތުން މޭ މަހުގައި މެނުފަކްޗަރިން ދާއިރާގެ އުފެއްދުންތެރިކަން ހުރީ 4.6 އިންސައްތާގައި ކަމަށް ހިސާބުތަކުން ދައްކަ އެވެ. 

ނަމަވެސް ކޮންޒިއުމަރުން ބޭނުންކުރާ ކުރު މުއްދަތުގައި ފަނާވަނިވި މުދާ އުފައްދާ މިންވަރު 2.3 އިންސައްތައިން މޭ މަހު އިތުރުވި އެވެ. ނަމަަވެސް އެ ދެ މަހުގެ އުފެއްދުންތެރިކަން އެއްކޮށްލުމުން ނިމުނު އަހަރުގެ އެ މުއްދަތުގެ އުފެއްދުންތެރިކަމަށްވުރެ 0.1 އިންސައްތަ ދަށެވެ. 

އަސާސީ މުދާ އުފައްދާ މިންވަރުވަނީ އޭޕްރީލުގައި 7 އިންސައްތާގައި ހުރުމަށްފަހު މޭ މަހު 7.3 އިންސައްތައަށް އިތުރުވެފަ އެވެ. އޭޕްރީލުގައި 10 އިންސައްތާގައި ހުރި ކޮންޒިއުމަރުން ބޭނުންކުރާ އުމުރު ދިގު މުދާ އުފައްދާ މިންވަރު 12.3 އިންސައްތަ އިތުރުވި އެވެ. 

އިންޑިއާގެ ސިނާއީ އުފެއްދުންތެރިކަން އިތުރުވެފައިވާއިރު އިންޑިއާ ސަރުކާރުގެ އަމާޒަކީ އެކި ދާއިރާތަކުން އިންޑިއާގައި ތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ދުނިޔޭގެ ކާރުޚާނާގެ ގޮތުގައި ބެލެވޭ ޗައިނާގެ ބަދަލުގައި އެ މަގާމަށް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ވާސިލުވުމެވެ. 

އިންޑިއާއިންވަނީ ފާއިތުވި ވިހި އަހަރެއްހައި ދުވަސް ތެރޭގައި އިގުތިސާދީ ބޮޑެތި ކާމިޔާބުތަކެއް ހޯދާފަ އެވެ. އެ ގައުމަކީ މިހާރު ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ތިންވަނަ އިގުތިސާދަށް އިންޑިއާ ވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.