ކުންފުނިތަކުގެ ދަރަނި 35 ބިލިއަނަށް، ފަސް ކުންފުންޏެއްގައި ބިލިއަނުން މަތީގެ ދަރަނި

މާލީ ހިސާބުތަކަށް ބަލާއިރު ދައުލަަތުގެ ފަސް ކުންފުންޏެއްގެ ދަރަނި ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ. އެ ކުންފުނިތަކުގެ ދަރަނި އެއްކޮށްލުމުން 29.8 ބިލިއަން ރުފިޔާއަށް އަރައެވެ.

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ފާއިތުވި 2023 ވަނަަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުގެ ދަރަނި 35 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑުގެ ހިސާބުތަކުން ދައްކައިފި އެވެ. 

ކުއާޓާއަކު އެއްފަހަަރު އެ ބޯޑުން އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ ދަރަންޏަކީ ޖުމްލަ 33.22 ބިލިއަން ރުފިޔާ އެވެ. އެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށްވަނީ 35.03 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ކުންފުނިތަކުގެ ދަރަނި ބޮޑުވިއިރު އެންމެ ބޮޑަށް ދަރަނި އިތުރުވީ ދަތުރުފަތުރާއި އިމާރާތްކުރުމާއި ގެދޮރުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ދަރަންޏެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް މި ދާއިރާގެ ކުންފުނިތަކުގެ ދަރަންޏަކީ 1.07 ބިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިތަކުގެ ދަރަނިވަނީ 1.62 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތް ކުންފުންޏަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެވެ. އެ ކުންފުނީގެ ދަރަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ އެބައޮތެވެ. ދެވަނައަށް އެންމެ ބޮޑަށް ދަރަނިވެރިވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. 

ބިލިއަނަކުން މަތީގެ ދަރަނި އޮތް ކުންފުނިތައް

  •  އެމްއޭސީއެލް: 11.2 ބިލިއަން
  •  އެޗްޑީސީ: 10.03 ބިލިއަން
  •  އެސްޓީއޯ: 3.6 ބިލިއަން
  •  ސްޓެލްކޯ: 2.9 ބިލިއަން
  •  އެފްޑީސީ: 1.6 ބިލިއަން
  •  ޖުމްލަ: 29.8 ބިލިއަން

ޕީސީބީގެ ރިޕޯޓުން ފެންނަ ގޮތުގައި އެޗްޑީސީގެ ދަރަނީގެ ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު 10.03 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެ އެވެ. އޭފެ އިތުރަށް އެސްޓީއޯއިން 3.6 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވެ އެވެ. ސްޓެލްކޯގެ ދަރަނި 2.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

އެ ރިޕޯޓުގައި އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ 11 ކުންފުންޏެއްގެ ދަރަނި 500 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އަދި 16 ކުންފުންޏެއްގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ދަރަނި އޮތްކަމަށް ހިސާބުތަކުން ދައްކަ އެވެ. 

އަދި މާލީ ހިސާބުތަކަށް ބަލާއިރު ދައުލަަތުގެ ފަސް ކުންފުންޏެއްގެ ދަރަނި ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ. އެ ކުންފުނިތަކުގެ ދަރަނި އެއްކޮށްލުމުން 29.8 ބިލިއަން ރުފިޔާއަށް އަރައެވެ. 

އެސްއޯއީތަކުން ބޮޑު މާލީ ހިރާހެއް - އެސްއޯއީތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވާކަން ވޯލްޑް ބޭންކާއި އައިއެމްއެފްއިން ފާހަގަކުރެ އެވެ. އެގޮތުން ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި ސަރުކާރުގެ ކޭޝް ފްލޯއަށް ކުންފުނިތަކުގެ ދަރަނި ބޮޑުވެ ހިންގުމުގެ ހަރަދު މަތިވުމުގެ ނޭދެވޭ އަސަރު ފޯރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.