ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރުވަނީ ރާއްޖެއިން އަންރުވާއަށް އަހަރަކު ދޭ ފައިސާގެ އަދަދު 50،000 އެމެރިކާ ޑޮލަރަށް ބޮޑުކުރާކަން އިއުލާނު ކުރައްވާފަ އެވެ.
ފަލަސްތީނުގެ ރެފިއުޖީންނަަށް އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ ޖަމްއިއްޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ)އަށް ކޮންމެ އަހަރަކު 50،000 އެމެރިކާ ޑޮލަރު ރާއްޖެއިން ދޭން ނިންމަައިފި އެވެ.
އަންރުވާއަށް މީގެ ކުރިން ދިވެހި ސަރުކާރުން ދެމުން އަންނަނީ އަހަރަކު 5،000 ޑޮލަރެވެ. އެ އަދަދު 50،000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ހާރިޖީވަޒީރު މޫސާ ޒަމީރެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމްއިން ބޭއްްވި ޓެލެތޯނު ފެށުމުގެ ރަސްމިއްޔާތުގަ އެވެ.
އިއްޔެ އދ.ގެ މައި މަރުކަޒުގައި އޮތް އަންރުވާ ޕްލެޖިން ކޮންފަރެންސްގަައި ވާހަކަދައްކަވަމުން ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރުވަނީ ރާއްޖެއިން އަންރުވާއަށް އަހަރަކު ދޭ ފައިސާގެ އަދަދު 50،000 އެމެރިކާ ޑޮލަރު/ 771،000 ރުފިޔާއަށް އިތުރުކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ.
އަދި ރައީސްގެ އިސްނެންގެވުމަށް ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު 1.29 މިލިއަން އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައިވާކަމަށް އަލީ ނަސީރު ވިދާޅުވި އެވެ.
ޓެލެތޯނުން 18.4 މިލިއަން ރުފިޔާ އަދި 49،800 އެމެރިކާ ޑޮލަރު ލިބުނެވެ. އޭގެ އިތުރަށް ޒަކާތު ފަންޑުން ފަލަސްތީނަށް އެހީވުމަށް 100،000 ޑޮލަރު ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ.