މިނިސްޓަރު އެދިވަޑައިގަތީ ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތުގައި ރިސޯޓުތައް ބައިވެރިވާން

މިނިސްޓަރު ވިދާޅުވީ ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތުގައި ރިސޯޓުތައް ބައިވެރިވުމަކީ ދައުލަތުގެ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ވިޔަފާރިތަކަކަށް ހެދުމުގެ ސިޔާސަތަށް ލިބޭނެ ބާރެއް ކަމަށެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް، ފޮޓޯ: ޕީއެސްއެމް

ރިސޯޓުތަކުން ކުނި ނަގައިދިނުމަށް ވެމްކޯއިން ފެށި ހިދުމަތުގައި ހުރިހާ ރިސޯޓުތަކަކުން ބައިވެރިވުމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެދިވަޑައިގެންފި އެވެ. 

ވެމްކޯއިން ރިސޯޓުތަކަށް ކުނި އުކައިލަދިނުމުގެ ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މިހާތަނަށް ރިސޯޓުތަކުން ކުނި އުކައިލަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށެވެ. 

އަދި އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކުނި އުކައިލުމަކީ ދެމެހެއްޓެނެވި ގޮތަކަށް ރިސޯޓުތަކުގެ ކުނި މެނޭޖުކުރުމަށް އެންމެ އެކަށީގެންވާ އިންތިޒާމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތުގައި ރިސޯޓުތައް ބައިވެރިވުމަކީ ދައުލަތުގެ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ވިޔަފާރިތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ލިބިގެންދާނެ ކާމިޔާބެއް ކަމަށެވެ. 

"އަމިއްލައަށް އިސްނަގައިގެން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ޚިދުމަތުގައި ބައިވެރިވާށޭ އަޅުގަނޑު ދަންނަވާނީ. ރާއްޖެ ރީތިކޮށް ބާއްވާ، ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ރިސޯޓުތަކަކީ ސާފު ރީތި ތަނަކަށް ހަދަންޖެހޭ،" ފައިސަލް ވިދާޅުވި އެވެ. 

ވެމްކޯއިން ބުނި ގޮތުގައި ރިސޯޓުތަކުން ކުނި ނަގައިދޭން ފެށީ ކުންފުނީގެ ސަރަހައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިވާތީ އެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. 

ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތް ހޯދަން ރަޖިސްޓަރީވާ ހުރިހާ ރިސޯޓުތަކަށް ވެމްކޯއިން ހިދުމަތް ފޯރުކޮށްދޭނެ ކަމުގައި ބުނެފައިވެ އެވެ. އެ ހިދުމަތް ލިބޭނީ ހިދުމަތް ހޯދުމަށް ވެމްކޯގައި ރަޖިސްޓަރީވުމުންނެވެ. 

ވެމްކޯއިން ބުނެފައިވަނީ އެ ކުންފުނިން ކުނި ނަގާނީ ޕްލާސްޓިކާއި، ބަދިގޭ ކުންޏާއި، ބިއްލޫރިއާއި މަދުދަން އަދި އެހެނިހެން ކުނި ހިމެނޭހެން ހަތަރު ބައަށް ވަކިކުރުމަށް ފަހު ކަމަށެވެ. އަދި ކުނި މިފަދައިން ވަކިކޮށްގެން ގެންގުޅުމަކީ ފަތުރުވެރިކަމަށްވެސް އެއިން އެދެވޭ އަސަރު ކުރާނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.