މީރާއިން ފާހަގަކުރި ގޮތުގައި މި އަހަރުގެ ޖޫން މަހުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ އިތުރުވީ ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
މި އަހަރުގެ ޖޫން މަހުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ ޖޫން މަހުގައި ލިބުނު އާމްދަނީއަށްވުރެ 26.8 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ ހިސާބުތަކަށް ބަލާއިރު ފާއިތުވި ޖޫން މަހުގެ ނިޔަލަށް އެ އިދާރާއަށް 2.05 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި ޑޮލަރުން ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 76.57 މިލިއަން ޑޮލަރު މީރާއަށް ލިބުނެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖޫން މަހު ލިބުނު އާމްދަނީގެ 36.49 އިންސައްތަ ޖީއެސްޓީގެ ގޮތުގައި ލިބުނުއިރު އާމްދަނީގެ 30.69 އިންސައްތައަކީ އިންކަަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ 35.70 އިންސައްތައަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އަދި 29.22 އިންސައްތައަކީ ޓޫރިޒަމް ދާއިރާގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޑޮލަރު އާމްދަޏީގެ 29.22 އިންސައްތައަކީ އިންކަަމް ޓެކުހެވެ.
ޖީއެސްޓިގެ ގޮތުގައި ދިވެހި ރުފިޔާއިން 329.8 މިލިއަން ރުފިޔާ ލިބުނުއިރު ޑޮލަރުން 27.3 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ޖުމްލަ 748.4 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރާ އަޅާބަލާއިރު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވަނީ 36.5 އިންސައްތަ އިތުރުވެފަ އެވެ.
ޓޫރިޒަމްގެ ބިމު ކުލީގެ ގޮތުގައި ޖޫން މަހު 22.3 މިލިއަން ޑޮލަރު ނުވަތަ 343 މިލިއަން ރުފިޔާ ލިބުނެވެ. އެއީ ނިމުނު އަހަރުގެ ޖޫން މަހަށްވުރެ 16.7 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ފާހަގަކުރި ގޮތުގައި މި އަހަރުގެ ޖޫން މަހުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ އިތުރުވީ ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
މައިގަނޑު ގޮތެއްގައި 2023 ވަނަ އަހަރުގެ ޖޫން މަހަށްވުރެ އެ ދާއިރާތަކުން އާމްދަނީ އިތުރުވީ އީދު ބަންދާ ގުޅިގެން 2023 ވަނަ އަހަރުގެ ޖޫންގައި ޓެކްސް ދެއްކުމުގެ އިތުރު މުއްދަތެއް ދިނުމާ ގުޅިގެންނެވެ. މި އަހަރު އެފަދައިން މުއްދަތު އިތުރުކޮށްފައިނުވެ އެވެ.