އޭނާގެ އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދައި، ވިޔަފާރި އެކައުންޓްގައި ހުރި 2.6 މިލިއަން ރުފިޔާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ. ހިއްސާދާރުގެ އަމިއްލަ އެކައުންޓްގައި ހުރި 25،000 ރުފިޔާ ވެސް ވަނީ ވަގަށް ނަގާފަ އެވެ.
ވިޔަފާރި ކުރާ ކުންފުންޏަކުން މުދާ ސަޕްލައި ކުރަން ބޭނުންވާ ކަމަށް ބުނެ، ކުންފުނީގެ އެއް ހިއްސާދާރުގެ އީމެއިލްގެ މައުލޫމާތު ހޯދައިގެން އިންޓަނެޓް ބޭންކިންއަށް ވަދެ، 1.9 މިލިއަން ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން އަލަށް އުފެއްދި އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ހެޑް މަރިޔަމް ރަޝީދާ ވިދާޅުވީ މި ސްކޭމް ހިންގާފައި ވަނީ ކާކުކަން ނޭންގޭ މީހަކު ކުންފުނީގެ އެއް ހިއްސާދާރަށް މުދާ ސަޕްލައި ކުރަން ބޭނުންވާ ކަމަށް ބުނެ ވަޓްސްއެޕުން މުއާމަލާތް ކޮށްގެން ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި މައްސަލައިގައި، ވިކްޓިމްގެ އީމެއިލްގެ މައުލޫމާތު ހޯދާފައި ވަނީ ވެންޑާ ރަޖިސްޓްރީ ކުރަން ބޭނުންވާ ކަމަށް ބުނެ އެވެ. އެއަށްފަހު އޭނާގެ އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދައި، ވިޔަފާރި އެކައުންޓްގައި ހުރި 2.6 މިލިއަން ރުފިޔާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ. ހިއްސާދާރުގެ އަމިއްލަ އެކައުންޓްގައި ހުރި 25،000 ރުފިޔާ ވެސް ވަނީ ވަގަށް ނަގާފަ އެވެ.
ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޮންސް ޔުނިޓުގެ ހެޑް ނަވީދު ވިދާޅުވީ، އެކައުންޓުން އެހެން އެކައުންޓްތަކަށް ފައިސާ ފޮނުވުމާއި އޭޓީއެމް އިން ނެގުމާއި ދެމެދު ހިނގާފައި ވަނީ 15 ވަރަކަށް މިނެޓު ކަމަށެވެ. ފައިސާ ވަގަށް ނަގައި ސްކޭމް ހިންގިއިރު ވެސް ކުންފުނީގެ ހިއްސާދާރު ގެންދިޔައީ ސްކޭމަރާއެކު ވަޓްސްއެޕުން ވިޔަފާރީގެ ވާހަކަ ދައްކަމުން ކަމަށެވެ.
ފައިސާ މަދުކަން އެނގުނީ ކުންފުނީގެ އެހެން ހިއްސާދާރަކު އިންޓަނެޓް ބޭންކިންއަށް ވަނުމުންނެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 72 ގަޑިއިރުތެރޭގައި 50 އެކައުންޓްގެ 80 ޕަސެންޓް މީހުންނާ ސުވާލުކޮށް ބަލައިފާސްކުރަން ޖެހޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި، އެވަގުތުގައި ބޭންކުތަކުގައި ދައުރުކުރި 1 ލައްކަ ރުފިޔާ ހޯލްޑްކޮށްފައިވާ ކަމަށެވެ. އަދި ހަތަރު ލައްކަ ރުފިޔާ މިހާތަނަށް ރިކަވާ ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ރިކަވާ ކުރެވުނު ފައިސާގެ ޖުމްލަ އަދަދަކީ، 548،860 ރުފިޔާ ރުފިޔާ އެވެ.
ނަވީދު ވިދާޅުވީ މިހާތަނަށް ސްކޭމްގެ ފައިސާ ދައުރުކުރި 57 އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ އެންމެ މީހެކެވެ. މިހާތަނަށް ރިކަވާވި ފައިސާ ވެރިފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަވީދު ވިދާޅުވި އެވެ.
ފަހަކަށް އައިސް މިފަދަ ބޮޑެތި ސްކޭމްތައް ދަނީ ހިންގަމުންނެވެ. އީމެއިލްގެ މައުލޫމާތު ހޯދައިގެން، އީމެއިލް ހެކްކުކޮށްގެން އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދަނީ އެވެ. މީހުންގެ އެކައުންޓުން މިލިއަނުން ފައިސާ ނަގާފައިވާ ގިނަ މައްސަލަތަކެއް ފުލުހުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.