"ސުޕްރީމް ކޯޓުން 'ޓިނު ނެގި' މައްސަލައިގަ ޔާމީނަށް ތަހުގީގު ހިންގަން ޖެހޭ"

"ރައީސް ނަޝީދުގެ އިރުގަ ސުޕްރީމް ކޯޓުގަ ތަޅު އެޅުވީމަ މިބޭފުޅުންނަށް ވަރަށް ގޯސްވެގެން ދިޔަ. އެއީ ޓެރަރިޒަމްގެ އަމަލެއް ގޮތަށް މާނަކޮށްފަ އެވާހަކަ ވަރަށް ގަދަޔަށް ދެއްކި. ތިމާޔާ ޖެހުނީމަ ކަމަކު ނުދިޔަ. އެއީ އާދައިގެ ކަމަކަށް ވެއްޖެ،"

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން: ސުޕްރީމް ކޯޓުން "ޓިނު ނެގި" މައްސަލަ ބަލަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައި --

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ކޯޓުން "ޓިނު ނެގި" މައްސަލައިގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް އޮފީހުގެ މިހާރުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި، އޭރުގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ބަންދުގައި ތިބި ސިޔާސީ ނުވަ ގައިދީން ދޫކޮށްލުމަށާއި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

އެ ހުކުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސުޕްރީމް ކޯޓަށް ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށް ބަންދު ކޮށްފަ އެވެ. އެކަމަށް ޑިސެމްބަރު 11، 2021 ވަނަ ދުވަހުގެ ރޭ "ކޮތަރު ކޮށި" ގެ ނަމުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ވެސް ވިދާޅުވެ ދެއްވި އެވެ.

"އަސްލުޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މިކަމާ ގުޅޭ ގޮތުން މުހުތާޒު ވިދާޅުވީ ރައީސް ޔާމީން އެ ޖަލްސާގައި ސުޕްރީމް ކޯޓުން "ޓިނު ނެގި" ކަމަށް އެއްބަސްވެވަޑައިގެން އެވާހަކަތައް ދައްކާފައި އެވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވިގެން ވަރަށް އާދައިގެ ކަމަށް އެކަން ހައްދަވައިގެން ކަމަށެވެ.

"އެބޭފުޅުން އެ ބޭނުންވާ ނުފޫޒު ނުފޯރުވިގެން އެހާ އާދައިގެ ކަމަކަށް ހަދާ މަޖަލަކަށް އެވާހަކަ ދެކެވިގެން ނުވާނެ. ފަނޑިޔާރުންގެ ގައިގައި އެގޮތަށް އަތްލެވިގެން ނުވާނެ، އަތްލާން އަމުރުކުރެވިގެން ވެސް ނުވާނެ. ހަމަ ރައީސް ނަޝީދަށް ދައުވާ ކުރިހެން ރައީސް ޔާމީނުގެ މައްޗަށް ވެސް ތަހުގީގު ހިންގެން ވާނެ،" މުހުތާޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ޖެނުވަރީ 16، 2012 ގައި އޭރުގެ ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލާފަ އެވެ. މުހުތާޒް ވިދާޅުވީ ހަމަ އެގޮތަށް ރައީސް ޔާމީންގެ މައްޗަށް ވެސް ތަހުގީގު ހިންގަން ޖެހޭނެ ކަމަށެވެ. 

އޭނާ ވިދާޅުވީ ފުރާޅުން ޓިނު ނަގައިގެން ގައުމެއްގެ އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގައި މައްސަލަތަކެއް ހުރި ނަމަވެސް، ރައީސް ޔާމީން އޭރު އަމަލު ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ އިރުގަ ސުޕްރީމް ކޯޓުގަ ތަޅު އެޅުވީމަ މިބޭފުޅުންނަށް ވަރަށް ގޯސްވެގެން ދިޔަ. އެއީ ޓެރަރިޒަމްގެ އަމަލެއް ގޮތަށް މާނަކޮށްފަ އެވާހަކަ ވަރަށް ގަދަޔަށް ދެއްކި. ތިމާޔާ ޖެހުނީމަ ކަމަކު ނުދިޔަ. އެއީ އާދައިގެ ކަމަކަށް ވެއްޖެ،" މުހުތާޒު ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވީ ރައީސް ޔާމީންގެ އިތުރުން، ސުޕްރީމް ކޯޓަށް ވަތް ފުލުހުންނާއި ސިފައިން އަދި އެކަމަށް ލަފާދިން މީހުންނާއި އެކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. 

މުހުތާޒަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން މެޖިސްޓްރޭޓެއް މެދުވެރިކޮށް އެއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް ޔާމީނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ޕީޖީގެ މަގާމުން ވަކިކުރެވި އެ މައްސަލައިގެ ތެރެއިން ޖަލަށް ލެވުނު ބޭފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.