ކުންފުނިތަކުގެ ހިސާބުތައް | އިންޒާރުގެ ރަނގަބީލު، އިސްލާހުތައް ލަސްކުރެވެން ނެތް

ފިނޭންސް މިިނިސްޓަރު ޑރ. މުހައްމަދު ޝަފީގް

ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ބޮޑުވުމާއި ކުންފުނިތަކަށް އެހީތެރިވުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ބޮޑުވުމަކީ ފާއިތުވި ފަސް އަހަރު ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. އެ ވާހަކަ ދެއްކެވީ ރާއްޖޭގެ ސިޔާސީން އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް އެ ވާހަކަ ދެއްކި އެވެ. ކުންފުނިތައް އިސްލާހުނުކުރެވޭނަމަ އެކަމުގެ ސަބަބުން ގައުމަށް އޮތް ގެއްލުން ކުންފުނިތަކުގެ ހިސާބުތަކުން ސާފުކޮށް ފެނެ އެވެ. 

ވޯލްޑް ބޭންކުގެ އިންޒާރު: ކުންފުނިތަކުން އޮތީ ނުރައްކާ

2022 ވަނަ އަހަރު ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވީއު" ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ސަބަބުން ސަރުކާރުގެ ހަރަދުބަރަދަށް ގިނަ ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެ އެވެ. 

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހިރާސްތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކަށް އެހީތެރިވުމަށް އެ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޭ ފައިސާ އިތުރުވުމާއި، އެ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަދާކުރަން ސަރުކާރުން ފައިސާ ދޭންޖެހުމާއި، އެ ކުންފުނިތަކުން ސަރުކާރަށް ލިބޭ އާމްދަނީ މަދުވުމުގެ ސަބަބުން ސަރުކާރުގެ ކޭޝް ފްލޯއަށް ނޭދެވޭ އަސަރުކުރުމުގެ އިހުތިމާލު އޮތުން ހިމެނެ އެވެ. 

ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދައުލަތުގެ ކުންފުނިތަކުން ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާވާ މިންވަރު ބޮޑެވެ. ނަމަަވެސް ރާއްޖެއާ އެއް ދަރަޖައެއްގައި ގުނައިލެވޭ، އިގުތިސާދީ ހާލަތު އެއްގޮތް އެހެން ގައުމުތަކަށްވުރެ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި އެސްއޯއީތަކުގެ ހިއްސާ ބޮޑެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ %10 ހިއްސާ ކުރަނީ ދައުލަތުގެ ކުންފުނިތަކެވެ. 

ވޯލްޑު ބޭންކުން ފާހަގަކުރި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ސަބަބުން ރާއްޖޭއަށް ޖުމްލަ 38.5 ބިލިއަން ރުފިޔާ ނުވަތަ 2.5 ބިލިއަން ޑޮލަރުގެ ހިރާސްއެއް އެބައޮތެވެ. އެއީ 2019 ވަނަ އަހަރު ރާއްޖޭގެ މުޅި ޤައުމީ އުފެއްދުންތެރިކަމުގެ 45 އިންސައްތައާ އެއް މިންވަރުގެ އަދަދެއްކަން އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ދައުލަތުގެ ކުންފުނިތަކުން ދެ ބާވަތެއްގެ ހިރާސް ކުރިމަތިވެފައި އޮތްކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ. އެއިން އެއް ހިރާސަކީ އެ ކުންފުނިތަކަށް ނަގާފައިވާ ދަރަނީގެ ހިރާހެވެ. އެގޮތުން 1.6 މިލިއަން ޑޮލަރު ދައުލަތުން ގަރަންޓީ ދީގެންނާއި ސީދާ ކުންފުނިތަކުން ލޯނުގެ ގޮތުގައި ނަގާފައިވެއެވެ. އެއީ 24.6 ބިލިއަން ރުފިޔާއެވެ.

އަދި ދެވަނަ ބާވަތުގެ ހިރާސް ކަމުގައިވާ އެކި ފަރާތްތަކަށް ދައްކަންޖެހި ކުންފުނިތަކުން ނުދައްކާ ހުރި ފައިސާގެ އަދަދުވަނީ 859 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އެއީ 13.2 ބިލިއަން ރުފިޔާއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަކީ 2022 ވަނަ އަހަރުގެ ހާލަތެވެ. އެ ރިޕޯޓު ނެރުނު ފަހުން ކުންފުނިތަކުގެ ހާލަތު އިތުރަށް ގޯސްވެ ކުންފުނިތަކުން އިގުތިސާދަށް ކުރިމަތިވާ ހިރާސްތައް މަދުވުމުގެ ބަދަލުގައި އިތުރުވެފައިވާކަން ކުންފުނިތަކުގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ސާފުވެ އެވެ. 

މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުވި

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުން ނުހިމަނައި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ އާބާދީގެ 12 އިންސައްތަ މުވައްޒަފުން މަސައްކަތްކުރަނީ ދައުލަތުގެ ކުންފުނިތަކުގަ އެވެ. އެގޮތުން 21،000 މީހުން ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރި އެވެ.

އެއީ 2022 ވަނަ އަހަަރެވެ. 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ އަދަދު 34،369 އަށް އަރާފައިވާކަން ޕީސީބީން އިއްޔެ އާންމުކުރި 2023 ވަނަ އަހަރުގެ ފަހު ކުއާޓާގެ ދައުލަތުގެ ކުންފުނިތަކުގެ މާލީ ރިޕޯޓުން ހާމަވެފައިވެ އެވެ. 2018 ވަނަ އަހަރުން ފެށިގެން ފާއިތުވި ފަސް އަހަރު ތެރޭ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު 84 އިންސައްތައިން އިތުރުވެފައިވެ އެވެ. 

މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދަށް ބަލާއިރު ބައެއް ކުންފުނިތަކަށް ލިބޭ އާމްދަނީއަށްވުރެ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ބޮޑެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކުންފުންޏަށް ނިމުނު އަހަރު 3.28 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މުވައްޒަފުންގެ މުސާރައަށް 11.69 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް 7.65 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު 20.61 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރި އެވެ. 

އާމްދަނީއަށްވުރެ އިތުރަށް މުވައްޒަފުންގެ މުސާރައަށް ހޭދަކުރަންނުޖެހުނު ނަމަވެސް ދައުލަތުގެ ވަރަށް ގިނަ ކުންފުނިތަކުން އަންނަނީ ކުންފުނީގެ އާމްދަނީގެ ބޮޑު ބައެއް މުސާރައަށް ހަރަދުކުރަމުންނެވެ. އެމްޕީއެލްއަށް ލިބޭ އާމްދަނީގެ 53 އިންސައްތަ ހަރަދުކުރަނީ މުވައްޒަފުންގެ މުސާރައަށެވެ. އާސަންދައިގެ އާމްދަނީގެ 69 އިންސައްތަ ހަރަދުވަނީ މުސާރައަށެވެ. 

ފައިދާއެއް ނުވޭ، ދަރަނިވީ އިތުރު

ކުންފުނިތަކުގެ ހަރަދުތައް އިންތިހާއަށް މަތިވެފައިވާއިރު ކުންފުނިތަކުގެ ހިސާބުތަކުން ފެންނަ ގޮތުގައި ކުންފުނިތަކަށް ލިބުނު އާމްދަނީ ނިމުނު އަހަރު އިތުރުވި އެވެ. އެގޮތުން ޕީސީބީގެ ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު ދައުލަތުގެ ކުންފުނިތަކަށް 13.27 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ 2022 ވަނަ އަހަރު ލިބުނު 12.72 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބައި ބިލިއަނެއްހައި ރުފިޔާ އިތުރު އަދަދެކެވެ. 4 އިންސައްތަ އިތުރުވުމެކެވެ. 

ނަމަވެސް ކުންފުނިތަކުގެ ސާފު ފައިދާ ނިމުނު އަހަރު ދިޔައީ ބޮޑުތަނުން ދަށަށެވެ. 2022 ވަނަ އަހަރު ޖުމްލަކޮށް ދައުލަތުގެ ކުންފުނިތަކަށް 1.02 ބިލިއަން ރުފިޔާގެ ފައިދާ ވިއެވެ. ނަމަަވެސް ފާއިތުވި އަހަރު ކުންފުނިތަކަށް 2.27 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ޕީސީބީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ 323 އިންސައްތައިގެ ވެއްޓުމެކެވެ. 1.25 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. 

2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ ދަރަނި 35 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކގެ ދަރަންޏަކީ 33.22 ބިލިއަން ރުފިޔާ އެވެ. 

ކުންފުނިތަކުން ނަގާފައިވާ ދަރަންޏާއި މާލީ އިލްތިޒާމުތައް އަދާކުރުމުގެ ގާބިލުކަމަށް ބަލާއިރު ގިނަ ކުންފުނިތަކުގެ ދަރަންޏާއި މާލީ އިލްތިޒާމުތަކުގެ ތެރެއިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމުގެ ގާބިލުކަން ނެތްކަން ޕީސީބީގެ ރިޕޯޓުން ފާހަގަވި އެވެ. 

ޕީސީބީން ފާހަގަކުރި ގޮތުގައި ބައެއް ކުންފުނިތަކުން ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރެވޭނެ ގާބިލުކަން ނެތުމުން، އެ ކުންފުނިތަކުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުމަށް ކުންފުނީގެ އާމްދަނީއާއި އެސެޓުތައް ބޭނުންކުރުން ނޫން ގޮތްތަަކެއް ހޯދަންޖެހޭނެ އެވެ. 

އިސްލާހީ ފިޔަވަޅުތައް ފެށިއްޖެ، ލަސްކުރެވެން ނެތް

ސަރުކާރުން އަންނަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތަށް ކުންފުނިތަކުން އޮތް ހިރާސް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެއިން އެއް ފިޔަވަޅަކީ ކުންފުނިތަކުގެ ބޯޑުތަކުގައި އޮންނަ އޮޑިޓު ކޮމިޓީތައް ހަރުދަނާ ކުރުމެވެ. 

އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން މިހާރުވަނީ އިއުލާނުކޮށްގެން ބޯޑުތަކުގެ ފައިނޭންސް އެންޑް އެކައުންޓިން މެންބަރުން އައްޔަންކުރަން ނިންމާފަ އެވެ. އެކައުންޓިން ޑިރެކްޓަރުންގެ ޕޫލެއް އެކުލަވައިލައި، އޮޑިޓު ކޮމިޓީތަކުގައި ހިމެނޭ ބޯޑު ޑިރެކްޓަރަކީ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާވާނެ ކަމެކެވެ.

އޭގެ އިތުރަށްވެސް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ސަރުކާރު އޮތީ ތައްޔާރަށެވެ. މާލިއްޔަތު ކޮމިޓީގައި ގައުމުގެ މާލީ ހާލަތާމެދު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކޮށް ހިންގުން ހަރުދަނާކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވަރަަށް އަވަހަށް ތަންފީޒުކުރައްވާނެ ކަމަށެވެ. 

ދައުލަތުގެ މާލީ ހާލަތު ވެއްޓިފައިވާ ވަޅުގަނޑުން ނަގައިގަތުމަށް ސަރުކާރުން އެކުލަަވައިލި އިސްލާހީ އެޖެންޑާގައި އެންމެ ބޮޑު އިސްކަމެއް އޮތީ ދައުލަަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށެވެ. ޕީސީބީން އިއްޔެ އާންމުކުރި ހިސާބުތައް ބުނަނީ ކުންފުނިތައް އިސްލާހުނުކޮށް، މިހާރު އޮތް ގޮތަށް ކުރިއަށްދާން ދޫކޮށްލުމަކީ ސަރުކާރަށް އަދި ދިވެހި ދައުލަތަށް ހިޔާރެއް ނޫން ކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.