ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 8

ދުވަސްދުއްވާލަން އެދުން މީހާގެ މުޅި ޙަޔާތް އަހަރެން ދުއްވާލާނަން.." ބަތާންގެ ޖުމުލައާ އެކުގައި އެތަނުން އެ ޖިންނި ގެއްލިއްޖެ އެވެ.

- އެޕިސޯޑް 8 –

ކާސިމް އަވަސްވެ ގަތީ ފާޚާނާއިން ނުކުންނާށެވެ. އަދި ގަޔަށް އެއްޗެއް ހެޔޮވަރު ކޮށްލައިގެން ގެވަޅުން ނުކުންނަން ކާސިމް ހިނގައިގަތެވެ. ކާސިމްގެ މިސްރާބު ހުރީ އޭނާގެ ގެއާ ދިމާލަށެވެ. ނިލަންދޫގެ ބޮޑު މަގުގައި، މަޑު ހިނގުމެއްގައި ކާސިމް ހިނގާފައި ދިޔައިރު އޭނާގެ ގައިން ދާ ތިކިތައް ކެކެމުން ދިޔައެވެ. މެންދުރުގެ ހޫނު ގަދަކަން މުޅި ރަށު ތެރެއަށް އެ ވަގުތު ވަނީ ފައުޅުވާން ގާތްވެފައެވެ.

ބަތާންގެ ޖަވާބުން ކާސިމަށް ހިތްހަމަ ޖެހުން ލިބުން ކަމަކު، އޭނާ ހުންނަނީ ކޮންމެވެސް ވަރަކަށް ހިތް ބިރުގަން ފައެވެ. ވާނެ ގޮތެއް ސީދާ ބުނަން ނޭނގޭތީއެވެ. ކަމުގެ ބޮޑު ކަމާއި ނުރައްކާތެރި ކަމުގެ ސަބަބުންނެވެ. ނަމަވެސް ދަރިފުޅުގެ ދިރިއުޅުން ސަލާމަތް ކުރެވޭނެ އިތުރު ގޮތެއް ކާސިމަށް ނެތުމުން މި ގޮތަށް އަމަލު ކުރަން އޭނާއަށް މަޖުބޫރުވީ ކަމުގައި އޭނާ ޤަބޫލު ކުރެއެވެ.

މީކާލް ކަހަލަ ވަރުގަދަ، ނުރައްކާތެރި މީހަކާ ކުރިމަތިލާ އޭނާގެ ކައިވެންޏަށް ދެކޮޅު ހަދައިފި ނަމަ ކާސިމް އާއި އޭނާގެ މުޅި ޢާއިލާއަށް އެރަށުގައި ދިރިއުޅުން ވާނީ ބޮޑު ވޭނަކަށްކަން ކާސިމަށް އެނގެއެވެ. އެގޮތަށް އެކަން ވާން ކާސިމް ބޭނުން ނުވީއެވެ. ފަސް ޖެހުނީއެވެ. މީކާލް އާއި އޭނާގެ ގޭންގް ދެކެ ކާސިމް ބިރުގަތީއެވެ.

ސިކުނޑި ތެރޭގައި ތަފާތު އެތަކެއް ޚިޔާލުތަކެއް އެނބުރެމުން ދިޔަ ކާސިމަށް ގެއަށް ވަދެވުން އިރު، ގޭގެ ދޮރާވީ ދިމާލު އަރިމައްޗެއްގައި ހުރި އުނދޯލީގައި މުނީރާ އިނެވެ.

"ކާސިމް.." 

މުނީރާ ބަލައިލީ ކާސިމާ ދިމާލަށެވެ. ކާސިމް ފެނިފައި މުނީރާއަށް ލިބުނީ ހައިރާން ކަމެކެވެ. އެއްވެސް ތާޒާ ކަމެއް ކާސިމްގެ ފަރާތުން ފެންނާކަށް ނެތެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯއްވެފައެވެ.

"ކާސިމް.. ކިހިނެއްވެފަ ތިހުރީ؟" 

މުނީރާ އުނދޯލިން ތެދުވުމާ އެކުގައި ކާސިމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ގެވަޅުގަ މަސައްކަތެއް ކޮށްފަ މިއައީ.. ވަރަށް ވަރުބަލި.. އެބަ އަަންނަން ފެންވަރާލައިގެން.." 

ކާސިމް ވަރަށް އަވަހަށް ހިނގާފައި ވަނީ ފާޚާނާއަށެވެ. މުނީރާ އޭނާއާ ގާތްވެއްޖެ ނަމަ، އޭނާގެ ގައިން އެހެން ކަހަލަ ވަސްތަކެއް މުނީރާއަށް ދުވާފަނެ ކަމުގެ ބިރާ އެކުގައެވެ.

ކާސިމްގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު ކަންތައްތަކާ ހައިރާންވެ ހުރެ މުނީރާ މަޑުމަޑުން އަނެއްކާ ވެސް އިށީންނީ އުނދޯލީގައެވެ. ފަހުން ފަހުން އައިސް ކާސިމް ކޮންމެވެސް ކަމެއް މުނީރާއަށް ސިއްރު ކުރަން އުޅޭހެން މުނީރާއަށް ވަރަށް ހީވެއެވެ. ގެވަޅަށް ނުދާން ބުނެފަ އޮތީމަ އެކަން ކުރަން ވެސް މުނީރާއަށް ނުކެރުނީއެވެ. ގެވަޅުގައި މަސައްކަތެއް ކުރިއަށް ދާން ކަމަށާއި، ގެވަޅުގައި ތޫނު އެއްޗެހި ބިންމަތީގައި ހުރެދާނެތީ އެތަނަށް ދިޔުން ރައްކާތެރި ކަމެއް ނޫން ކަމަށް ކާސިމް ބުނެފައި އޮތީމާ އެކަން މުނީރާ ހުރީ ޤަބޫލުކޮށްލައިގެންނެވެ. ނަމަވެސް ކާސިމްގެ ފަރާތުން މިހާރު ފެންނަނީ ކުރީގެ ކާސިމްގެ އުޅުމެއް ނޫނެވެ.

ގަޑިން ހަވީރު 4 ޖަހަން ގާތް ވަނީއެވެ. ކާސިމް އާއި މުނީރާ އިނީ ގޭގެ އުނދޯލީގައެވެ.

"ކޮބާ ލައިލާ؟ ހެނދުނު ގަޑީ ފެނުން ގޮތަށް އަދި ލޮލަށް ދައްކާ ނުލާ.." ކާސިމް ބަލައިލީ މުނީރާއަށެވެ.

"ކޮޓަރީގަ އޮންނާނީ.." މުނީރާ ޖަވާބު ދިނެވެ.

"ދޭ ބަލަ އެ މަންޖެއަށް ގޮވަން.. ބުނޭ ބައްޕަ އެބަ ހޯދަ އޭ.." 

ކާސިމްގެ އެދުމާ އެކުގައި މުނީރާ އުނދޯލިން ތެދުވެ ހިނގައިގަތީ ލައިލާގެ ކޮޓަރިއާ ދިމާލަށެވެ.

"ދަރިފުޅާ... ލައިލާ.." 

ކޮޓަރީގެ ދޮރުގައި ޓަކި ދިނުމާ އެކުގައި، ލައިލާ އާއި މީކާލްއަށް އެއްކޮށް ބަލާލެވުނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ.

"ޝޫޝް.." 

މީކާލް މަޑުމަޑުން ލައިލާއާ ދުރުވެލިއެވެ. އޭސީގެ ފިނީގެ އެއްވެސް އަސަރެއް އެ ދެ ހަށިގަނޑުން ފެންނާކަށް ނެތެވެ. ލައިލާ ވަރަށް މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ތުވާލިން ގައި ފޮހެލިއެވެ.

"ދަރިފުޅާ!.." 

މުނީރާ އަނެއްކާ ވެސް ގޮވާލިއެވެ.

"މަންމާ.. މި ހުޅުވަނީ.." 

ލައިލާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ބައްޕަ އެބަ ހޯދާ.. އާދޭ." 

މުނީރާ އެހެން ބުނެ، ހިނގައިގަތީ ކާސިމްގެ ގާތަށެވެ.

ލައިލާ ހެދުންލުމަށްފަހު، އޭނާ ހުއްޓުނީ ޑްރެސިންގ ޓޭބަލްގެ ކުރިމަތީގައެވެ. އަދި މޫނުމަތި ރީތިކޮށްލަމުން ލައިލާ ބަލައިލީ އެނދުމަތީގައި އޮތް މީކާލްއަށެވެ.

"އަދިވެސް އޮންނަނީތަ؟" 

މީކާލްގެ ހަށިގަނޑަށް ބަލާލަމުން ލައިލާ އަހައިލިއެވެ.

"އާނ.. ކިހިނެއްވީ.. ހެހެ.." 

މީކާލް ސަމާސާ ރާގެއްގައި ވާހަކަދެއްކިއެވެ.

"ތި ތެދުވޭ!" 

ލައިލާ މަޑުމަޑުން ހިފައިލީ މީކާލްގެ އަތުގައެވެ. މީކާލް ކުއްލިއަކަށް ހުރެފައި އޭނާގެ ގަޔާ ގާތަށް ލައިލާ ދަމާލިއެވެ. ލައިލާ ގޮސް ވެއްޓުނީ މީކާލްގެ ފޭރާމެއް ނެތް ހަށިގަނޑުގެ މައްޗަށެވެ. މީކާލް ވަރަށް ލޯބިން ލައިލާގެ ގައިގައި ބައްދާލިއެވެ.

"އައި ލަވް ޔޫ ސޯ މަޗް ބޭބީ.." 

މީކާލް ހިނިތުންވެލަމުން ބުނެލިއެވެ. ލައިލާ ބަލައިލީ މީކާލްގެ މޫނަށެވެ. 

"އައި ލަވް ޔޫ މޯރ" އޭ ބުނެލަމުންނެވެ.

މީކާލްގެ ފަރާތުން އެއްވެސް ވަރަކަށް ބަލި ކަމުގެ އަލާމާތެއް މިހާރު ފެންނާކަށް ނެތެވެ. ހެނދުނު ގަޑީގައި ބޮލަށް ރިއްސާ، މޭނުބައި ކުރުވިއެވެ. ހުން ވެސް ކޮންމެވެސް ވަރަކަށް އައެވެ. ނަމަވެސް ހޮސްޕިޓަލުން އައިސް، މެންދުރުފަހަށް އެޅި އިރު، ބަލި އެއްކޮށް ރަނގަޅު ވެއްޖެއެވެ. މީކާލް އެ ވާހަކަ ލައިލާއަށް ހިއްސާ ކުރީ ހައިރާން ކަމާއެކުގައެވެ. އެހާ އަވަހަށް ހުރިހާ ކަމެއް ރަނގަޅު ވީމައެވެ.

ލައިލާއަށް ވަމުންދާ ބިރުވެރިކަންތައް ލައިލާ ހުރީ މީކާލްއާ ދިމާވުމުން ކިޔާ ދޭން ނިންމައިގެންނެވެ. އަދި މީކާލްއާ އެކުގައި ހިންގޭ ނަހަލާލު ގުޅުންތައް ވެސް ހުއްޓާލަން ލައިލާ ހުރީ އިންތިޙާއަށް ބޭނުން ވެފައެވެ. ނަމަވެސް މީކާލް ފެނުމާއެކުގައި ލައިލާއަށް ހުރިހާ ކަމެއް ހަނދާން ނެތުނީއެވެ. މަސްތީ ކަމުގެ ތެރެއަށް ޤަރުޤުވާން ބޭނުން ވީއެވެ. މީކާލްގެ ބީހުންތަކަށް އެދެވެން ފެށުނީއެވެ.

"މީކާލް ވެސް އަންނަން ވީނު އަހަންނާއެކު؟ މަންމަމެން ގާތަށް.. ވާހަކަ ދައްކާލަން.. ތެދުވޭ!" ލައިލާ ބަލައިލީ މީކާލްގެ ދެލޮލަށެވެ. ލައިލާ ބޭނުންވީ މީކާލްގެ ދުލުން އޭނާގެ މައިންބަފައިންގެ ގާތުގައި ކައިވެނީގެ ވާހަކަ ދައްކުވާށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.