ވެލާނާ އެއާޕޯޓަށް ދަތުރުކުރި ބައިނަލްއަގުވާމީ ފުލައިޓުތައް އިތުރުވެއްޖެ

މި އަހަރު ޖަނަވަރީން މޭ މަހުގެ ނިޔަލަށް ވީއައިއޭއަށް ދަތުރުކުރި އިންޓަނޭޝަނަލް ފުލައިޓުތަކުގެ އަދަދު 2.9 އިންސައްތަ އިތުރުވެފައިވެ އެވެ.

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ވީއައިއޭގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އިންޓަނޭޝަނަލް ފުލައިޓުތަކުގެ އަދަދު ފާއިތުވި އަހަރަށްވުރެ އިތުރުވެއްޖެ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަހަކު އެއްފަހަަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް ވީއައިއޭއަށް ޖުމްލަ 7،193 ބައިނަލްއަގުވާމީ ފުލައިޓު އަޅާފައިވެ އެވެ. އެ ފުލައިޓުތަކުގެ ތެރެއިން ބޮޑު ބަޔަކީ ޝެޑިއުލް ދަތުރުތަކެވެ. 

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ވީއައިއޭއަށް ދަތުރުކުރި ބައިނަލްއަގުވާމީ ފުލައިޓުތަކުގެ އަދަދަކީ 6،991 ފުލައިޓެވެ. އެހެންކަމުން މި އަހަރު ދަތުރުކުރި ފުލައިޓުތަކުގެ އަދަދު 2.9 އިންސައްތަ އިތުރުވެފައިވެ އެވެ. 

ފާއިތުވި އަހަރު ރާއްޖެއަށް ދަތުރުކުރި ޝެޑިއުލް ފުލައިޓުތަކުގެ އަދަދަކީ 6،246 ފުލައިޓެވެ. މި އަހަރު 6،523 ޝެޑިއުލް ފުލައިޓު ރާއްޖެއަށް ދަތުރުކުރި އެވެ. އެހެންކަމުން ޝެޑިއުލް ފުލައިޓުތައް ދަތުރުކުރި މިންވަރު 4.4 އިންސައްތަ އިތުރުވެފައިވެ އެވެ. 

ނަމަވެސް ޕްރައިވެޓް ޖެޓުތަކާއި ޗާޓަރު ފުލައިޓުތައް އައި މިންވަރުވަނީ ފާއިތުވި އަހަރަށްވުރެ މަދުވެފަ އެވެ. ފާއިތުވި އަހަރު ޕްރައިވެޓް އަދި ޗާޓަރު 745 ފުލައިޓު ވީއައިއޭއަށް ދަތުރުކުރި ނަމަވެސް މި އަހަރު ވީއައިއޭއަށް އައިސްފައިވަނީ 670 ފުލައިޓެވެ. އެއީ ނިމުނު އަހަރަށްވުރެ 10.1 އިންސައްތަ ދަށް އަދަދެކެވެ. 

2023 ވަނަ އަހަރުގެ އެ މުއްދަތުގައި ޓްރެވަލް ރިސީޓްސްގެ ގޮތުގައި 1.7 ބިލިއަން ޑޮލަރު ނުވަތަ 27.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. މި އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދެއް އަދި ރެކޯޑު ކުރެވިފައިނުވެ އެވެ. 

މިދިޔަ އަހަރު ޖުމްލަ 15،883 ބައިނަލްއަގުވާމީ ފުލައިޓު ވީއައިއޭއަށް އައިސްފައިވެ އެވެ. އެއިން 14،608 ފުލައިޓަކީ ޝެޑިއުލް ފުލައިޓެވެ. އަދި 1،275 ފުލައިޓަކީ ޗާޓާޑް ފުލައިޓާއި ޕްރައިވެޓް ޖެޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.