ހެކަތަންގައި ތިން ޓީމު ހޮވައި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލަން އިނޮވޭޝަން ލެބްގައި މަސައްކަތް ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ހިންގަން ނިންމާފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރޭގައި ހިމެނޭ ބީއެމްއެލް ހެކަތަން މިއަދު އިފްތިތާހު ކޮށްފި އެވެ.
ބޭންކަށް 40 އަހަރު ފުރުމާ ގުޅުވާލައި ތައާރަފު ކުރި އިނޮވޭޝަން ލެބަށް ބައިވެރިން ހޮވަން މި ހެކަތަން ކުރިޔަށް ގެންދާނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ތީމަށެވެ.
ހެކަތަން 48 ގަޑިއިރަށް ގެންދާއިރު ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ފަރުދުންނާއި ޓީމްތަކަށް ވެސް ރަޖިސްޓަރީ ކުރެވޭނެ އެވެ. ހެކަތަންއަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތެއް ބައިވެރި ކުރާނެ އެވެ. ހެކަތަން ފަށާނީ މި މަހުގެ 14 ވަނަ ދުވަހު މެންދުރު ފަހު 2:00 ޖަހާއިރު ގައި ހޮޓެލް ޖެންގަ އެވެ.
ބީއެމްއެލްގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިން ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރާ ކަމަށެވެ. އަދި މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރަން ބޭންކިން ސޮލިއުޝަންސް ފޯރު ކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރެވުމަކީ ބީއެމްއެލްގެ އަމާޒު ކަމަށެވެ.
"ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމް ވެގެންދާނެ." އޭނާ ވިދާޅުވި އެވެ.
މި ހެކަތަންގައި ތިން ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލަން ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތް ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އެ މުއްދަތުގައި ބޭންކުގެ އެހީތެރިވެ ދޭނެ އެވެ.