އަޒާން ޝާހިދަށް؛ މަޖިލީހުގެ ވަގުތު ނަގާލަން ފުރުސަތު ނުލިބޭނެ

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުމަށް ފުރުސަތު ނުދެއްވޭނެ ކަމުގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ. 

އަޒާން މިފަދައިން ވިދާޅުވީ މިހާރު ސިލްސިލާކޮށް އެމްޑީޕީން މަޖިލީހަށް ހުށަހަޅަމުންދާ ކުއްލި މައްސަލަތައް ތަޅުމަށް ބަލައިނުގަތުމަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ކޮންގުރެސް ޕާޓީގެ މެންބަރުން ނިންމެވުމާ ގުޅިގެން ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. 

އިއްޔެ އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްކޮލާޝިޕް އަދި ލޯނު ފައިސާ ސަރުކާރުން ޖަމާކޮށްނުދޭކަމަށް ބުނެ، އެ ފައިސާ ދަރިވަރުންނަށް ޖަމާކުރުމަށް ގޮވައިލާ ހުށަހެޅި މައްސަލައެކެވެ.

މިއަދު ހުށަހެޅި މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަމުންދާކަމަށް ބުނެ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓައިލުމަށް ގޮވައިލާ ހުށަހެޅި މައްސަލައެކެވެ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

މިކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސިޔާސީ ވަޒީފާތަކާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާތައް ހައްދެއް ނެތް މިންވަރަށް އިތުރުކޮށް، ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން މަގާމުތަކުން ވަކިކުރުން ހުއްޓައިލުމަށް ގޮވައިލާ މައުރޫފު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ސިފަކުރެއްވި ގޮތުގައި އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް ބޭރުކޮށްލުމަކީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުނަނުދިނުމެވެ. 

ޝާހިދަށް ރައްދުދެއްވަމުން އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވުމަށް މަޖިލީހުގައި މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ މަޖިލީހުގެ ވަގުތު ނަގައިލާ، މަޖިލީހުގައި ކުރަން ހުރި މުހިއްމު މަސައްކަތްތަކަށް ހުރަސްއަޅަން ފުރުސަތު ނުލިބޭނެ ކަމަށެވެ. 

ޕީއެންސީގެ މެންބަރުން ވިދާޅުވާ ގޮތުގައި އެމްޑީޕީން ކޮންމެ ދުވަހަކު ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހަޅަމުންދަނީ ވަގުތު ބޭކާރުކޮށްލުމުގެ ގޮތުންނެވެ. މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކުއްލި މައްސަލަތަކަށް ބަހުސްކުރުމަށް އެއް ގަޑިއިރުގެ ވަގުތު ދޭންޖެހޭނެ އެވެ.

ކޮންގުރެސް ޕާޓީގެ މެންބަރުންވަނީ މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހެޅޭނެ މިންގަނޑު މިހާރަށްވުރެ ހަރުދަނާކުރުމަށްވެސް ގޮވައިލައްވާފަ އެވެ. އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގައި މިހާރު މުހިއްމު ގައުމީ މަސައްކަތްތަކެއް ކުރަން ހުރިއިރު ކުއްލި މައްސަލަތައް ހުށަހެޅުމަކީ އެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.