ކުރިން އަމަލުކުރަމުން އައި އުސޫލުގައި ބުނަނީ އެޗްއެސްބީގެ ކޯސްތަކުގައި ބައިވެރިވާ އަންހެން ދަރިވަރުންގެ އިސްކޮޅުގައި ފަސް ފޫޓު އެއް އިންޗި ހުންނަންވާނެ ކަމަށާއި ފިރިހެން ދަރިވަރުންގެ އިސްކޮޅުގައި ފަސް ފޫޓު ހަ އިންޗި ހުންނަންވާނެ ކަމަށެވެ.
ހަނޯއީގައި ހުންނަ ވިއެޓްނާމް ނޭޝަނަލް ޔުނިވާސިޓީގެ ހަނޯއީ ސްކޫލް އޮފް ބިޒްނަސްއަށް ވަކި އިސްކޮޅެއް ހަމަނުވާ ދަރިވަރުންނަށް ނުވަދެވޭ ގޮތަށް އެކަށެއެޅި އުސޫލު އެ ޔުނިވަސިޓީން ބާތިލުކޮށްފި އެވެ.
އެ އުސޫލު އެކުލަވައިލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޔުނިވާސިޓީއަށް އަމާޒުވެފައިވަނިކޮށް ވިއެޓްނާމު ސަރުކާރުން ޔުނިވަސިޓީއަށް އެ އުސޫލު އުވައިލަން އަންގާފައިވެ އެވެ. އެ އެންގުމާ ގުޅިގެން އުސޫލަށް ބަދަލު ގެނެސްފައިވާކަން ޔުނިވަސިޓީން ހާމަކޮށްފަައިވެ އެވެ.
ކުރިން އެޗްއެސްބީން އެކުލަވައިލި އުސޫލުގެ ދަށުން އެ ކޮލެޖުގައި ހިންގާ ޑިގުރީ ފެންވަރުގެ ހަތަރު ޕްރޮގުރާމަށް ޝަރުތު ފުރިހަމަވާނީ ވަކި އިސްކޮޅެއް ހުރެގެންނެވެ. ނަމަވެސް މިހާރު އިސްކޮޅު ފުރިހަމަވާންޖެހޭނީ އެ ކޯސްތަކުގެ ތެރެއިން މެނޭޖުމެންޓް އެންޑް ސެކިއުރިޓީ ކޯހުގައި ބައިވެރިވާ ދަރިވަރުން އެކަންޏެވެ.
ކުރިން އަމަލުކުރަމުން އައި އުސޫލުގައި ބުނެފައިވަނީ އެޗްއެސްބީގެ ކޯސްތަކުގައި ބައިވެރިވާ އަންހެން ދަރިވަރުންގެ އިސްކޮޅުގައި ފަސް ފޫޓު އެއް އިންޗި ހުންނަންވާނެ ކަމަށެވެ. އަދި ފިރިހެން ދަރިވަރުންގެ އިސްކޮޅުގައި ފަސް ފޫޓު ހަ އިންޗި ހުންނަންވާނެ ކަމަށެވެ.
އެޗްއެސްބީން ބުނި ގޮތުގައި މި ޝަރުތު ކަނޑައެޅި ސަބަބަކީ އެކަޑެމިކް ގާބިލުކަމުގެ އިތުރަށް ޖިސްމާނީ ގޮތުން މީހާ ހުންނަ ގޮތަކީވެސް އަމިއްލަ ނަފްސަށް އިތުބާރުކުރާ ލީޑަރުންގެ ގޮތުގައި ދަރިވަރުން ބިނާކުރުމުގައި މުހިއްމު ކަމަކަށްވުމެވެ.
އެޗްއެސްބީގެ އުސޫލާ ގުޅިގެން ވިއެޓްނާމުގެ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދުގައި ބުނެފައިވަނީ ދަރިވަރުންގެ ގާބިލުކަމާއި ކޮލިފިކޭޝަނާ ގުޅުމެއް ނެތް ޝަރުތެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިގެން ނުވާނެ ކަމަށެވެ.