ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 42

ޒީމާގެ އެ ވިސްނުން އަދިވެސް ހުރީތީއެވެ. ސަބަބަކީ އެ ވިސްނުން ނަޒީރާގެ ސިކުނޑިން އޭނާ ބޭރު ކުރިތާ ދުވަސްގަނޑެއް ވެއްޖެއެވެ.

- އެޕިސޯޑް 42 –

"ކިހިނެއްވީ؟" ޒީމާ ބަލައިލީ ނަޒީރާގެ ދެލޮލަށެވެ.

ނަޒީރާގެ ފަރާތުން ފެނުން ހަމަހިމޭން ކަމުން ޒީމާ ދެއްކި ވާހަކަ ނަޒީރާއަށް ކަމުނުދިޔައީ ބާއޭ ޒީމާގެ ހިތަށް އެރިއެވެ.

"ކަމެއް ނުވޭ! ބުނާނެ އެއްޗެއް ނޭނގުނީ.. އަހަރެން މިހާރު ތި ޚިޔާލު ދޫކޮށްލައިިފިން.. އަހަރެންގެ ދަރިފުޅު ގާތުގަ އަދިވެސް އަހަރެން ނުބުނަން އަޔާޒް ކައިވެނި ކުރި ވާހަކަ.. އަޔާޒްގެ ނަން ގަންނަން ވެސް އަހަރެން މި ހުންނަނީ ލަދުން... އެ ފަކީރަށް އަހަރެންނަށް ދެވުނީ އެއްވެސް އުއްމީދެއް ނެތް ޔަޤީން ކަމެއް.. ސުހާ ވެސް މަޑުމަޑުން ކޮޓަރިން ނުކުމެ، ތި ގެއަށް ގޮސް، އޭނާގެ މޫނުމަތިން ވެސް ތަފާތު ކަމެއް ފެނި، ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ސުހާއަށް އައި.. ނަމަވެސް އެކަން ވެސް ނިމިގެން ދިޔައީ ސުހާއަށް އޭނާގެ ބަދުނަސީބުކަން އިތުރަށް ހަނދާންކޮށްދީފަ.." ނަޒީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ދެން އިތުރަށް އެ ކަހަލަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ސުހާ އަދިވެސް ކޮޓަރީގަ އެ އޮންނަނީ.. އޭނާގެ ކުރީގެ ލޯބިވެރިޔާ މަތިން ހަނދާންކޮށްލަ ކޮށްލާ.. އަހަރެން މި ހުންނަނީ އެ މަންޒަރު ކޮންމެ ދުވަހަކު ބަލަން ހިތް ރޫޅޭ ވަރު ވެފަ.. އަޅެ ޒީމާ ބުނެބަލަ! އަހަރެންގެ މައިލަގޮނޑިއަށް ވަކި ކެތް ވާނެތަ؟" 

ނަޒީރާ އެހެން ބުނުމާ އެކުގައި ޒީމާ ހިފައިލީ ނަޒީރާގެ ދެއަތުގައެވެ. ވަރަށް އޯގާތެރިކަމާއެކުގައެވެ.

"އަހަރެންނަށް މާފު ކުރޭ! ތި ކަމުގަ އަހަރެންގެ ކުށް އެބަ އޮތް.. ތި ކަމާ ހުރެ އަހަންނަށް އެނގޭ އަހަރެމެން ދެ މީހުންގެ ގުޅުމަށް ވެސް ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައިކަން.."

ޒީމާ ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ. ނަޒީރާއަށް ބަލަހައްޓައިގެން އިނދެއެވެ.

"އެކަމު ނަޒީރާ.. ދެން އެހެނެއް ނުވާނެ.. އަހަރެން މިފަހަރު އަންނާނީ އަޔާޒް ގޮވައިގެން.. އަޔާޒްގެ ދުލުން ސުހާގެ ކައިވެންޏަށް އެދޭނީ.. އެންމެ ރަނގަޅެއްނު؟ އެ ހިސާބަށް ދަން ދެން މި ވާހަކަ އެހަށް ނުދައްކަމާ! އޯކޭތަ؟" ޒީމާ އަހައިލިއެވެ.

ވަގުތުކޮޅެއްގެ ހިމޭންކަމަކަށް ފަހު، ނަޒީރާ އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހައިލިއެވެ. ޒީމާ ހިނިތުންވެލަމުން ނަޒީރާގެ ދެ ކޮނޑުގައި ފިރުމާލުމަށްފަހު، ކޮޅަށް ތެދުވެ އެ ގެއިން ނުކުންނަން ހިނގައިގަތެވެ.

***

ދުވަސްތައް ވޭތުވަމުން ދެއެވެ. ދުވަހަކަށްފަހު، ދުވަހެއް މާޒީގެ ތެރެއަށް ޤަރަޤުވަމުން ގޮސް ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ޝަރާ އާއި އަޔާޒްގެ ވަރީގެ ކަންތައް ކޯޓުގައި ނިންމައިފިއެވެ. ވަރި ސާބިތު ކުރުމަށް ކޯޓަށް ދިޔަ ދުވަހުގައި އަޔާޒް އެންމެ ފަހަރަކު ވެސް ޝަރާ އަށް އިސް އުފުލާ ބަލާލާފަ ވެސް ނެތެވެ. އަޔާޒްގެ މޫނުމަތިން ޝަރާއަށް ފެނުނީ، ޝަރާ ދެކެ އައިސްފައިވާ އިންތިހާ ރުޅި އާއި ޝަރާ ދެކެ ވެފައިވާ ފޫއްސެވެ.

ނަމަވެސް ޝަރާގެ ހިތް އަޔާޒަށް ވަރަށް ސާފެވެ. ޝަރާގެ ދުޢާއަކީ އަޔާޒަށް އުފާވެރި ޙަޔާތެއް ލިބުމެވެ. ކޯޓުން ނުކުމެގެން ދިޔަ ވަގުތުގައި ޝަރާގެ ދެލޯ ފެންކަޅިވިއެވެ. އެ މަންޒަރު އަޔާޒަށް ނުފެންނާނެތާއެވެ. އެއީ އަޔާޒް ކޯޓުން ނުކުމެގެން ދިޔައީ އިސް ޖަހައިގެންނެވެ. ހަލުވި ހިނގުމެއްގައެވެ. އަޔާޒް ހިނގާފައި ގޮސް ކާރަށް އަރަންދެން ޝަރާ ހުރީ އަޔާޒަށް ބަލާށެވެ. އެއީ ޝަރާ ދިރި ދުނިޔޭގައި ހުއްޓާ އަޔާޒް ފެންނާނެ އެންމެ ފަހު ފަހަރުކަމުގައި ވުން ގާތްވީމައެެވެ.

ޝަރާ އާއި ލީޒާ ތައްޔާރު ވަމުން ދިޔައީ ރަޝިޔާއަށް ދިޔުމަށްޓަކައެވެ. އެމީހުންގެ ފްލައިޓް ފުރުން އޮތީ މިރޭ 9 ޖަހާއިރުއެވެ. ޝަރާގެ ހިތާއި ސިކުނޑި ވަނީ މުޅިން ބަރާވެފައެވެ. ރާއްޖޭގެ ފަސްގަނޑު ދޫކޮށް، ރާއްޖެއާ ވަރަށް ދުރު ހިސާބަކަށް ދިރިއުޅުން ބަދަލު ކުރަން ޝަރާއަށް މަޖުބޫރު ކުރުވީ އޭނާގެ ޙާލަތެވެ. މި ހުރިހާ ކަމެއްގައި ލީޒާގެ ފަރާތުން ލިބޭ އެހީތެރިކަން އެއީ ޝަރާ ތާއަބަދު މާތްﷲއަށް ޝުކުރުވެރިވާ ކަމެކެވެ.

އީމާ އާއި ވާރިޝް ތައްޔާރު ވަމުން ދިޔައީ ޔޫކޭއަށް ދިޔުމަށްޓަކައެވެ. އެމީހުންގެ ފްލައިޓް ފުރުން އޮތީ މިރޭ ދަންވަރު 2 ޖަހާއިރުއެވެ. ވާރިޝްއަށް ލިބުން 3 މަހުގެ ކޯހެއް ފުރިހަމަ ކުރުމަށްޓަކައި އެދެމީހުން ޔޫކޭއަށް ދަނީ ކުއްލި ދަތުރެއްގައެވެ.

"މަންމާ... ރަނގަޅަށް ދޮންބެ އަށް ބަލާތި! ދޮންބޭ.. ހިތްވަރުގަދަ މީހަކަށް ވާތި.. ދޮންބެއަށް ލިބޭނެ އަދި މާ ރަނގަޅު ކުދިން.." އީމާ ބަލައިލީ އަޔާޒްގެ މޫނަށެވެ. އެވަގުތު އެ ގޭގެ އެންމެން ތިބީ ސިޓިންގރޫމްގައެވެ. އީމާ އެހެން ބުނުމާ އެކުގައި އަޔާޒް ލުއިކޮށް ހީނލިއެވެ.

"ދަރިފުޅުމެން ތިކަމާ ހާސް ނުވޭ! އިރާދަކުރެއްވިއްޔާ ދަރިފުޅުމެން އަންނަން ވާއިރަށް އަޔާޒް މީހަކާ އިންނާނެ ދޯ؟" ޒީމާ ހިނިގަނޑެއް ޖަހާލަމުން އަހައިލިއެވެ. އިމާ ވެސް އެ ހުނުމުގައި ބައިވެރި ވެލިއެވެ.

"އެއީ ތެދެއްތަ ދޮންބޭ؟ ހީކުރި ވަރަށް ވުރެ ދޮންބެ މާ ގަދަ.." އީމާގެ ކަނާ އަތުން އޭނާ ޖަހައިލީ އަޔާޒްގެ ކޮނޑުގައެވެ.

"އާނ! ކީއްކުރަން ބޭކާރު ކުރާ ވަގުތެއް ދޯ މަންމާ؟ އަދި އެކަހަލަ އަންހެނެއް ވަކި ވެގެން ދިޔާމަ.." އަޔާޒް އެހެން ބުނެލީ ވަރަށް ހިތްވަރު ހަށިން ނެރެމުންނެވެ.

"ވާވް! ދޮންބޭ! ޔޫ އާރ ދަ ބެސްޓް އިނގޭ! އަންނަން ވާއިރަށް ފަހަރީއެއް ގެންނާތި." އީމާ ހެމުން ބުނެލިއެވެ.

"މަންމާ.. އަޅެ ކުއްޖެއް ހޯދަބަލަ! އަޔާ މެރީ ކުރަން.." އަޔާޒް ބަލައިލީ ޒީމާއަށެވެ. ޒީމާއަށް ވީގޮތް ވެސް ނޭނގުނެވެ. އަޔާޒް އިސްވެ އެހެން އެހުމުންނެވެ. ޒީމާއަށް މި ފެންނަނީ ހުވަފެނެއް ބާއޭ ހިތާ އެއްޗެއް ނުބުނެ ވަގުތުކޮޅަކު އިނދެވުނެވެ.

"އަހަރެންގެ ދަރިފުޅު މީ މިހާރު ހީރޯއެއް.." ޒީމާ ހިނިތުންވެލަމުން އަޔާޒަށް ބަލައިލިއެވެ. ޒީމާގެ ހިތް އުފަލުން ނަށަން ފަށައިފިއެވެ. ނަޒީރާއަށް ގުޅާފައި އުފަވެރި ޚަބަރު ދޭން ޒީމާ ހުރީ ކެތްތެރިކަން ކޮޅުންލާ ގާތްވެފައެވެ.

ޒީމާއަށް ނޭނގޭ ހަޤީޤަތަކީ ސުހާގެ ހަޤީޤީ ލޯބިވެރިޔާގެ ވާހަކައެވެ. ސުހާ އާއި އަޔާޒްގެ ލޯބީގެ މަންޒަރު ކުރަހަމުން ދާއިރު، ޒީމާއަށް ސުހާ ގެނެވެން މި އުޅެނީ، ސުހާގެ ހަޤީޤީ ލޯބިވެރިޔާ ކަމަށްވާ ވާރިޝް ވެސް ދިރިއުޅޭ ގެއަށް ކަމެއް ޒީމާއަކަށް ނޭނގެއެވެ. އެއީ ޒީމާއަށް ވެސް އަދި އެންމެންނަށް ވެސް ނޭނގިފައި އޮތް ބޮޑު ސިއްރެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.