އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ވައްކަން، އެންމެނަށް އަދަބުދީ ފައިސާ ހޯދާނެ

އެންމެ ބޮޑު މައްސަލަ އަކީ އެމްއެމްޕީއާރުސީ ހިޔާނާތް ކަމަށާ އެ ފައިސާ ލިބިފައިވަނީ ކޮންމެ މީހަކަށް ކަމުގައިވީ ނަމަވެސް މައްސަލަ ބަލައި އަދަބު ދޭނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާ ހާއްސަކޮށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ގެއްލުނު ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނެތެވެ. އެ ވައްކަން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ހިޔާނާތުގެ ތަހުގީގު ހިންގާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ވެސް ރިޔާސީ ކޮމިޝަނެއް އެކުލަވާލި އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާއެއް އުފުލި އެވެ. ދިގު މުއްދަތަކަށް އެމަނިކުފާނު ޖަލުގައި ވެސް ބަންދުކޮށްގެން ގެންގުޅުނެވެ.

ކޮންގުރެސް ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އެކި އަމަލުތަކުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން ހިންގާފައިވާ ވައްކަންތައް ބަލައި ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންޖެހޭ ކަމަށެވެ. އަދި އެ ވާހަކައަކީ ދަޅައަކަށްނުވެ އަމަލީ ގޮތުން ކުރެވޭ ކަމަކަށްވާންޖެހޭ ކަމަށެވެ.

"ކޮންމެ ފަހަރަކު މިވާ ގޮތަކީ ރިޔާސީ ކޮމިޝަނެއް ހަދަނީ، ހަދާފައި ބަޔަކަށް މުސާރަ ދެނީ، ތަނެއް ހިފާފައި އެތަނަށް ކުލި ދައްކައި، އަނެއްކާވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުވަނީ. އެކައްޗެއްވެސް ރިކަވާއެއް ނުވޭ. ދައުލަތުގެ ހަޒާނާއަކަށް އެއެއް އަނބުރާ ގެނެސްނުދެވޭ،" މީގެ ކުރީ ސަރުކާރުތަކުގައި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.  

ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުމުގެ ނަމުގައި އިތުރު އެތައް ހަރަދެއް ހިންގުމަށްފަހު އެ ފައިސާ އަނބުރާ ނުހޯދޭ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. އެ މައްސަލަ ހައްލުކުރެއްވުމަށް އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އެކުލަވައިލުމަށްޓަކައި ބިލެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދަ ކަމަށް ވިދާޅުވި އެވެ.  

ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނު ފަރުމާކުރާނީ ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ކޮރަޕްޝަނުގެ ފައިސާ އަނބުރާ ހޯދުމަށް ބޭނުންވާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި އެގޮތަށް ގާނޫނު ބައްޓަންކުރެވުމުން ރާއްޖެއިން ބޭރުގައި ފޮރުވާފައި ހުރި ދިވެހި ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް ފަސޭހަވާނެ ކަމުގައި ވިދާޅުވި އެވެ.  

"އެއިރުން ހަމައެކަނި ރާއްޖޭގައި ވައްކަން ކޮށްގެން ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން. ރާއްޖެއިން ބޭރަށް އެއްޗެއް ގެންގޮސްފައި ހުރިއްޔާ އެ އެއްޗެއް ހޯދުމުގައިވެސް މިހާރަަށްވުރެ ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.  

އެމަނިކުފާނު ވިދާޅުވީ އެދިވަޑައިގަންނަވާ ގޮތަކީ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުން ކަމަށެވެ. އަދި އެކަމުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ އެމްއެމްޕީއާރުސީ ހިޔާނާތް ކަމަށާއި، އެ ފައިސާ ލިބިފައިވަނީ ކޮންމެ މީހަކަށް ކަމުގައިވީ ނަމަވެސް އެ މައްސަލަ ބަލައި އަދަބު ދޭންޖެހޭ މީހުންނަށް އަދަބު ދީ ރައްޔިތުންގެ ފައިސާ މި ސަރުކާރުން އަނބުރާ ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.  

"ކޮރަޕްޝަނަކީ އަބަދު ސަރުކާރު ތެރޭގައި ހިނގަ ހިނގައި އޮންނަ ކަމެއްގެ ގޮތުގައި ދެކިގެން ތިބޭ ތިބުން ބަދަލުކުރާނަން،" ކޮރަޕްޝަނުގެ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލައި، އެ މައްސަލަތަކުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.