ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 41

"އަހަރެން މި ހުރީ ބުނާނެ އެއްޗެއް ނޭނގިފަ.. ހާދަ ގޮތްކުޑަ އަންހެނެކޭ ދޯ؟"

- އެޕިސޯޑް 41 –

"ހަލޯ ނަޒީރާ.." 

ނަޒީރާ ފޯނަށް ޖަވާބު ދިނުމާ އެކުގައި ޒީމާ ވަރަށް ސިއްރުން ވާހަކަދައްކަން ފެށިއެވެ.

"ނަޒީރާ.. އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން.. ހަމަ މި ވަގުތު.. މި ވާހަކަ ބޮލުގަ އޮންނާތީ އަހަންނަން ހަމަ އުނދަގޫ ވަނީ.." 

ޒީމާގެ ކެތްތެެރިކަން ހީވަނީ ކޮޅުންލާ ގާތްވެފައިވާ ހެންނެވެ.

"ކޮން ވާހަކައެއް އަނެއްކާ؟" 

ނަޒީރާ ހައިރާން ކަމާއެކުގައި އަހާލިއެެވެ.

"ހިނގާބަލަ! ދިމާކޮށްލަން.. އަދި ގަޑިން ދިހައެއް ވެސް ނުޖަހާ.. ހިނގާ ކޮފީއަކަށް.." ޒީމާ ބުނެލިއެވެ.

"ނޫން.. ކޮފީއަކަށް ނުދެވޭނެ.. އެކަމު، ބޭނުން ވަންޏާ އާދޭ މިގެއަށް.." ނަޒީރާ އެހެން ބުނުމާއެކުގައި "އާނ.. މިދަނީ" އޭ ބުނެ ޒީމާ ސޯފާއިން ތެދުވިއެވެ.

ގަޑިން ރޭގަނޑު 10 ޖެހި އިރު، ޒީމާ އިނީ ނަޒީރާގެ ގޭގައެވެ. އެދެމީހުން ތިބީ އެގޭ ސިޓިންގރޫމްގެ ސޯފާގައެެވެ. ނަޒީރާ ހައިރާން ވެގެން އިނދެ ބަލައިލީ ޒީމާގެ މޫނަށެވެ. ޒީމާގެ މޫނުމަތިން އުފާވެރި ކަމެއް ނަޒީރާއަށް ފެނުނެވެ. ނަމަވެސް ޒީމާ ހުރިހާ ވާހަކައެއް ކިޔާދޭނެކަން އެނގޭތީ ނަޒީރާ މަޑުން އިނީއެވެ.

"ކޮބާ ސުހާ؟" 

ޒީމާ ވައި އަޑަކުން ފުރަތަމަ ވެސް އަހައިލީ އެހެންނެވެ.

"ނިދާފަ.." 

ނަޒީރާ ޖަވާބު ދިނެވެ.

"މި ވެގެން އުޅޭ ގޮތަކީ.." 

ޒީމާ ފުންކޮށް ނޭވާއެއް ލިއެވެ. އަދި ހުރިހާ ވާހަކައެއް އަކުރުން އަކުރަށް، ފިލިން ފިއްޏަށް ކިޔަދޭން ފެށިއެވެ. ބައެއް ވާހަކަ ތަކުގައި ރަހަ އަށް ކެތް ނުވާ ވަރަށް ކަރަންފޫ އަދި ކާފޫރު ތޮޅި އަޅާ މުޅި ވާހަކަ "ގިރަމުން" ދިޔައެވެ. ޒީމާގެ ވާހަކަތަކުން ނަޒީރާއަށް ކުއްލި އެތަކެއް ޝޮކުތަކެއް ލިބެމުން ދިޔައެވެ.

ޤަބޫލު ކުރަން ދަތިވާ ޒާތުގެ ވާހަކަތައް ވެސް ދިޔައީ ޒީމާގެ ދުލުން ނުކުންނަމުންނެވެ. ނަމަވެސް ޒީމާ ދޮގު ބުނާނެ ކަމަކަށް ނަޒީރާއަށް ޤަބޫލު ކުރާކަށް ފަސޭހައެއް ނޫނެވެ. އެންމެ ގާތް ރަހުމަތްތެރިޔާއަށް ވުމާ ވެސް އެކުގައެވެ.

"އަސްލުތަ؟ އަހަރެން ހަމަ ކޮސްވެއްޖެ!" 

ނަޒީރާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ނަޒީރާގެ ދޫ ގޮށްޖެހުން ކަހަލައެވެ.

"އާނ! އެ މާތްވެގެން އުޅުން ޝަރާގެ ފެންވަރު މީ.. ފިރިހެނެއް ވައްދައިގެން އޮއްވާއޭ އަތުލައިގަތީ.. އެެ ވެސް އަޔާޒަށް ފެނުނީ.. މީހަކު ބުނި ބުނި ވާހަކައެއް ނޫން މީ. މީ އަހަރެމެން ލޯ ކުރިމަތިން ފެނުން މަންޒަރެއް.. ހަމަ އަވަގުތު އަޔާޒް އެ މުޑުދާރު އަންހެނާ ވަރިިކޮށް އެއްލާލައިފި.." 

ޒީމާގެ ވާހަކަތަކުން ނަޒީރާ "ޕިސްޕިސް" ތަޅާލިއެވެ.

"އަހަރެން މި ހުރީ ބުނާނެ އެއްޗެއް ނޭނގިފަ.. ހާދަ ގޮތްކުޑަ އަންހެނެކޭ ދޯ؟" 

ނަޒީރާ އޭނާގެ ބޮލުގައި އެއް އަތުން ތަޅާލިއެވެ.

"އާނ.. ވަރަށް ގޮތް ކުޑަ މުޑުދާރު އަންހެނެއް،. އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން އެ މުޑުދާރު އަންހެނާ ހަލާކުކޮށްލައިފި.. ނުބައި ނުލަފާ މީހެއް އެއީ.. " 

ނަޒީރާގެ ހިތުގައި އިތުރަށް ޝަރާއަށް ނަފުރަތު އުފެއްދުމަށް ޒީމާ ބުނެލިއެވެ.

"އޭނާ ބަލިވެ ދޯ އިނީ ވެސް؟" 

ނަޒީރާ އަހައިލިއެވެ.

"އާނ.. ބަލިވެ އިނީ.. އަޔާޒް އެއްބަހެއް ނުވި،،" ޒީމާ ހިނިތުންވެލިއެވެ.

"ތިބުނީ؟ ކޮން ކަމަކަށް އެއްބަހެއް ނުވި ވާހަކަތަ؟" 

ނަޒީރާ ބަލައިލީ ޒީމާގެ މޫނަށެވެ.

"ޝަރާގެ ބަނޑުގަ އޮތީ އަޔާޒްގެ ދަރިއެއް ކަމަށް އަޔާޒް ޤަބޫލު ނުކުރޭ! ޝަރާ އެ ގަނޑެއް ގަންނަތާ ވަރަށް ދުވަސް ވެއްޖެ.. ފަޅަ އަރަން އިރާދާގަ އޮތީމަ އެހެން އެކަން ވެގެން ދިޔައީ.." ޒީމާ ވާހަކަދައްކަމުން ދިޔައީ ނަޒީރާގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.

"ހާދަ ނުބައި މީހެކޭ ދޯ؟" 

ނަޒީރާ އިނީ ވަރަށް ބޮޑަށް ހައިރާންވެ، އަންތަރީސް ވެފައެވެ. އަދި ޝަރާ ދެކެ ވަރަށް ފަކުރު ގަންފައެވެ.

"އީމާ ކިހިނެއް؟ އަދި މި އުޅެނީ އީމާގެ ފިރިމީހާ ވެސް ނުފެނި.. ތިގެއަށް ވެސް ނުދެވޭތީ.." ނަޒީރާ ފެށީ އީމާގެ ވާހަކައެވެ.

"އާން އެ މީހުން ވެސް އެބަ އުޅޭ.. އަހަރެން ވަރަށް ފޫހިވޭ... ހުވާ މި ބުނީ.. އޭ ތިއެއް ނޫނޭ.." ޒީމާ ސީދާ މައުލޫއަށް އަލިއަޅުވާލަން ބޭނުން ވީއެވެ.

"ކީކޭ؟" 

ނަޒީރާގެ ކަޅި ޒީމާގެ ސީދާ ދެލޮލަށް އަމާޒް ވެގެން ދިޔައެވެ.

"އަހަރެން ބުނީ.. މިހާރު އަޔާޒް ވެސް އެ ހުރީ ހުސްކޮށް.. ހިނގާ ސުހާ އާއި އަޔާޒްގެ ކަންތައް ހަޤީޤަތަކަށް ހަދަން..." ޒީމާއަށް ކެތް ނުވެގެން ވަރަށް ސީދާ ކޮށް ބުނެލިއެވެ. ނަޒީރާއަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އެެރުނެވެ. ޒީމާގެ އެ ވިސްނުން އަދިވެސް ހުރީތީއެވެ. ސަބަބަކީ އެ ވިސްނުން ނަޒީރާގެ ސިކުނޑިން އޭނާ ބޭރު ކުރިތާ ދުވަސްގަނޑެއް ވެއްޖެއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.