ބިދޭސީން ނަގަން ފެށުމުން މާރުކޭޓު ހުސްވެ ދިވެހިންނަށް ޖާގަ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނެޓްވޯކުތަކުގެ ބައެއް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމުން ނިޒާމަށް ވަނީ ބުރޫ އަރާފަ އެވެ. މިކަން ހައްލު ކުރަން ދިވެހިން ނެރެން ސަރުކާރުން ވިސްނަން ޖެހެ އެވެ.

ހުސްވެފައިވާ މާރުކޭޓު ގޮޅިއެއް : މާރުކޭޓުގެ މުޅި ނިޒާމަށް ވަނީ ބުރާ އަރާފަ

މީގެ ހަފުތާއެއް ކުރި އެވެ. ކުއްލި އަކަށް ފުލުހުންގެ "ފައުޖެއް" ސައިކަލްތަކު ގައި އައިސް ކަރާ މާރުކޭޓުގެ ދޮރުތައް ބަންދު ކުރި އެވެ. ކޮންމެ ދޮރެއްގެ ކުރިމަތީ ފުލުހެއް ހުއްޓި އެ ތަނުން މީހުން ނުކުންނަ ދޮރުތަށް "ބަންދު" ކުރީ އެވެ. ފުލުހުން ދޮރު ބަންދުކުރުމާއެކު އެތެރެ އަށް ވަނީ އިމިގްރޭޝަންގެ މުވައްޒަފުންނެވެ. އެ މީހުންނާއެކު ފުލުހުންގެ ޓީމެއް ވެސް މާރުކޭޓަށް ވަނެ އެވެ. ވަތްގޮތަށް ވަދެ ފަހަރަކު ގޮޅިއެއްގައި ތިބި މީހުން ވައިވަކިން ބަލާ ފާސްކުރި އެވެ. އެ މީހުންގެ ފޯކަސް ހުރީ ހައްދުންނެޓި ބޮއްސުންލާފައިވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން "ނެގުމަ" ށެވެ. އައިގޮތަށް އައިސް ހުއްދަނެތި މަސައްކަތް ކުރާ  އެންމެން ފުލުސް ބަހަށް ލައިގެން ނައްޓާލައިފި އެވެ.

މިއީ ފުލުހުންނާއި އިމިގްރޭޝަނުގެ ބިދޭސީން ހުއްޓުވާ ޓާސްފޯސް އެވެ. އެމީހުން އެ މަސައްކަތް ކުރަނީ ރާއްޖެ އަށް ނުރައްކާވެފައިވާ ބިދޭސީންގެ މައްސަލަ ހުއްޓުވުމަށެވެ. ގަވައިދާ ހިިލާފަށް ވިޔަފާރި ކުރަމުންދާ "ފިލައިގެން" އުޅޭ ބިދޭސީން ހުއްޓުވަން ފެށުމާއެކު ވިޔަފާރިތަކެއް ވަނީ ހުސްވާން ފަށާފަ އެވެ. ދިވެހިންގެ ނަމުގައި ނަގައި ބިދޭސީން ވިޔަފާރި ކުރަމުން ކޮންމެ މަހަކު ލައްކައިން ޑޮލަރު ބޭރު ކުރަމުން ދިޔަ މި ތަންތަން ހުސްވަމުންދާއިރު މި ހުސްކަން ފުރަން ދިވެހިން ނުކުނަން ޖެހޭ ވަގުތު މި އޮތީ ޖެހިފަ އެވެ.  

"މި ތަން ބަލާ ކުރި އަށް އޮތްތަނުގައި ގިނަ ގޮޅި ތަކެއް ހުސް ވާނެ. ޔަގީން. ބިދޭސީން މިހާތަނަށް މިކަން ކުރީ ނެޓްވޯކެއްގެ ގޮތުގަ. އެކަމަށް މިވަނީ ބުރޫ އަރާފަ،" ހޮނިހިރު ދުވަހު މާރުކޭޓަށް ދިޔައިރު ގޮޅި ހުސްކޮށް މުދާ އުކާލުމުގެ މަސައްކަތް ކުރަން ހުރި މެދުއުމުރުގެ މީހަކު ބުންޏެވެ. 

ގޮޅީ ވިޔަފާރިތަކުން ހުސްޖާގަ ތަކެއް އުފެދެމުންދާކަން އެންމެ ރަނގަޅަށް މިހާރު ފެންނާނީ މާލެ ލޯކަލް މާރުކޭޓުންނެވެ. އެ ތަނުގައި 180 ގޮޅި ހުރިއިރު މިތަނުން ގިނަ ގޮޅިތަކެއް ދުވަހެއް ދުވަހެއް ދަނީ ހުސްވަމުންނެވެ. މި ގޮޅިތަކުން 98 ޕަސެންޓުގެ "ވެރިންނަކީ" ބިދޭސީންނެވެ. މިކަން މިހެން ދިމާވާ ސަަބަބަކީ ކުރިން ނެޓްވޯކެއްގެ ގޮތުގައި މަސައްކަތް ކުރި ބިދޭސީންގެ ނެޓްވޯކަށް މިހާރު ސަރުކާރުން ހިންގާ އޮޕަރޭޝަންގެ ސަބަބުން ބުރޫ އަރާފައިވުމެވެ. 

މާރުކޭޓުގައި ގޮޅި ހިންގަމުންދާ މީހަކު ބުނި ގޮތުގައި މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ނުހުއްޓުވައި ކުރިއަށް ގެންގޮސްފިނަމަ މުޅި ނިޒާމު އެއްކޮށް ދިވެހިންގެ އަތް މައްޗަށް ދާނެ އެވެ. އެކަމަކު އެކަން ވާނީ ދިވެހިން ހިތްވަރާއެކު ނުކުމެގެންކަން އޭނާ ފާހަގަ ކުރި އެވެ. އިކޮނޮމިކް މިނިސްޓްރީންވެސް ފޮނި ވާހަކަ ދެއްކުން ހުއްޓާލައި ދިވެހިންނަށް މި ތަންތަނަށް ވަދެވޭނެ މަގު ތަނަވަސްކޮށްދޭންވީ އެވެ. 

"ކޮވިޑުގެ ކުރީގަ ގަދައީ ދިވެހިން. އޭގެ ފަހުން މި މީހުން [ބިދޭސީން] ބޮޑަށް ގަދަ ކުރީ. މާރުކޭޓުގެ ގޮޅި ތަކަށް ހެސް ކިޔާފަ އޯޑަރު އެބަ އާދެ. އެކަމަކު ކީއްކުރާނީ ގިނަ ގޮޅިތަކުގައި މިތީ މުސްކުޅިން ؟ ގިނަ މީހުންނަށް ނޭނގެ ވައިބާގައި އިންނަ އެއްޗެއް ބަލައިލަން ވެސް. އެ ވަރުގެ މުސްކުޅިން މިހާ މިތަނުގަ މިތިބީ. އަނެއްކާ ގެސްޓްހައުސްތަކާއި ބައެއް ރިސޯޓްތައް އަދި ބައެއް ރަށްރަށުގެ ފިހާރަ ތަކުން އަންނަ އޯޑަރުތައް މި ހުންނަނީ އިނގިރޭސިން. ކުރިން އެ ކިޔައި ވަގަށް އުޅުނު ބިދޭސީ މީހާ އެ އޮޕަރޭޓް ކުރީ. އެކަމަކު މިހާރު އެކަން މިވަނީ ހުއްޓިފަ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ. 

ސުވާލަކީ މި ވަރަށް މާރުކޭޓުގެ ގޮޅިތަށް ބިދޭސީން ހިފައިގެން ތިބޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ހަމަ މިތަނަކީ އެވަރަށް ފައިދާވާ ވިޔަފާރިއެއް ހެއްޔެވެ؟ 

މާރުކޭޓު ގޮޅީގައި އިން އުމުރުން ދުވަސްވީ މީހަކާ އެ ސުވާލު ކުރުމުން އޭނާ ކިޔައިދިނީ މީގެ ގޮޅި އަކުން ލިބޭ ފައިދާގެ ކުޑަ މިންވަރެކެވެ. ސިޓީ ކައުންސިލުން ގޮޅި ނަގައިގެން އުޅޭ މާރުކޭޓު ގޮޅީގެ ވެރިޔާ އަށް މަހަކު ދޭން ޖެހެނީ 1،200ރ. އެވެ. ބާކީހުރި ފައިދާއަކީ ގޮޅި ހިންގާ މީހާ އަށް ލިބޭނެ މަންފާ އެވެ. 

"ހަމައެކަނި މި ގޮޅީގައި އުޅޭ ދެ ދިވެހިންނާއި ބިދޭސީއެއް. ކޮންމެ މީހަކަށް 10،000ރ. ލިބޭނެ. ދުވާލަކު އެބަދެން 300ރ. އޯނަރަށް 1،200ރ މިހާ ރުވެސް 21،000ރ. ވެއްޖެ ދޯ ؟ އަދި ކޮބާ އަހަރެން ވެސް އެއްޗެއް ނަގާނެ .  ބަލާ އެންމެ ކުޑަކޮށް ވެސް މަހަކު ހަރަދަށް 35،000ރ. ދާނެ ކަމަށް. ދެން ކޮއްކޮ ވިސްނާ މި ތަނުން ލިބޭނެ ފައިދާ ؟ " ހިސާބު ހެދުން ބޭބެ ދޫކޮށްލީ އަހަރެންނަށެވެ. 

ގަވައިދާ ހިލާފަށް ހިންގާ ބިދޭސީންގެ ޓޭކްއަވޭ ފިހާރައެއްގައި އިމިގްރޭޝަނާއި ފުލުހުން؛ ބިދޭސީން އަންނަނީ މާލެ ސަރަހައްދުގައި މިފަދަ ގިނަ ތަންތަން ހިންގަމުން -- ފޮޓޯ: އިމިގްރޭޝަން

މާރުކޭޓަކީ ބިދޭސީންގެ މައި ނެޓްވޯކްގެ މޫ

މާރުކޭޓުގައި 180 ގޮޅި ހުރިއިރު މީގެތެރޭން 176 ގޮޅީގެ ވެރިންނަކީ ނަމުގައި ދިވެއްސެއް ހުއްޓަސް ބިދޭސީ އެކެވެ. ގޮޅި އަކަށް ދުވާލެއްގެ މައްޗަށް ކުރިން 35،000ރ. ވަރު ޖެހެ އެވެ. އެކަމަކު މިހާރުގެ އަންދާޒާއަކީ ދުވާލެއްގެ ސޭލްސްއަކީ 10،000ރ. އާއި 25،000ރ. އާ ދެމެދެވެ. ގޮޅި އަކަށް އެންމެ ކުޑަކޮށް ބެލިނަމަވެސް މަހަކު 300،000ރ. ލިބޭނެ އެވެ. މި އަދަދުން ބެލިނަމަވެސް މި ގޮޅިތަކަށް މަހަކު 50 މިލިއަން ރުފިޔާ ޖެނެރޭޓް ކުރާނެ އެވެ. މީގެތެރޭން ގޮޅީގައި ތިބޭ މީހުންގެ މުސާރަ އާއި ތަކެތި ގަންނަ ހަރަދު ކަނޑާގަ ބާކީ އޮތް ބަޔަކީ ރާއްޖޭން ބޭރު ވާނެ ފައިސާ އެވެ. ގާތްގަނޑަކަށް މި ގޮޅިތަކުން އެކަނި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން މިލިއަނުން ޑޮލަރު ބޭރު ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. 

ގޮޅި ހުސް ކުރަމުން ދިޔަ ދިވެހި މީހާއަށް ކުރިމަތި ވެގެން އުޅޭ މައްސަލައަކީ މި އެވެ. މި އަދަދަށް ފައިސާ ލިބެމުން ދިޔަ ވިޔަފާރި ބަންދު ކުރަން ޖެހުމަކީ އޭނާއަށް ލިބުނު ގެއްލުމެވެ. އެކަމަކު އޭނާވެސް ގަބޫލު ކުރާ ހަގީގަތަކީ މިކަންކުރަން ލަސްވެއްޖެ އެވެ. ބިދޭސީން ހުއްޓުވަން ޖެހެ އެވެ.

"މިރާ" އިން ވާހަކަ ދެއްކި ގޮޅި ހިނގަމުން ދިޔަ އެހެން މީހެއްގެ ބެލުމުގެ ދަށުގައި ދެ ގޮޅި ހުރެ އެވެ. އެކަމަކު ގޮޅި އަށް ސަޕްލައި ކުރާ ބިދޭސީ މީހާ އާއި އޭނާގެ ނެޓްވޯކް ވަނީ ފުލުހުންގެ އޮޕަރޭޝަނުގެ އުފުރާލުމުން ގޮޅީގެ ސަޕްލައިވަނީ ކެނޑިފަ އެވެ. 

އެއް ގޮޅީގަ ތިން ލައްކަ ރުފިޔާގެ މުދާ ހުރި

ފުލުހުންނާއި އިމިގްރޭޝަންގެ އޮޕަރޭޝަންގައި މާރުކޭޓަށް އިމްޕޯޓް މުދާ އެންމެ ގަދަޔަށް ސަޕްލައި ކުރާ މީހާ ވެސް ވަނީ އުފުރާލާފަ އެވެ. މާރުކޭޓު އިރުމަތިފަރާތު ކަނުގައި މުދާ ޖަހައިގެން ވިޔަފާރި ކުރި އެ މީހާ ގެންދިޔައީ އޭނާ އުޅޭ ގޮތް ގިނަ ދުވަސް ތަކެއް ވަންދެން ފާރަލައި ބެލުމަށްފަހު އެވެ. އެ ގޮޅީގައި 300،000ރ. ގެ މުދާ އަބަދު ވެސް ހުރެ އެވެ. އޭނާ ކުރާ ކަމަކީ މާރުކޭޓުގެ ގޮޅި ތަކުން އެއްޗެއް ހުސްވުމުން ވަގުތުން އެ ގޮޅިތަކާ ހަމަ އަށް ފޯރުކޮށް ދިނުމެވެ. މި މީހާއަކީ ރާއްޖޭގެ ބޮޑު އިމްޕޯޓަރަކާ ގުޅުމެއް އޮތް މީހެކެވެ. 

ބިދޭސީން ގެންދަން ފެށުމާއެކު މާލެ ލޯކަލް މާރުކޭޓުގެ ތެރޭން މިހާރު ފެންނަނި އެ ހުސްކަމެވެ. މިހާރު އެ ތަނުގައި ތިބި ބިދޭސީއެއްނަމަ އެ މީހަކީ އޮޕޭޝަނަށް ޓީމް އައި ގަޑީގައި ބޭރުގައި އުޅުނު މީހެކެވެ. ނޫނީ ވިސާ ފީ ދައްކައި ގަވައިދުގެ ތެރެ އަށް ވަދެގެން ހުރި މީހެކެވެ. 

މާރުކޭޓު ގޮޅިއެއްގައި ހުރި އެހެން މީހަކު ބުނީ ފުލުހުން އޮޕަރޭޝަނަށް އަންނައިރު ފާސް އަޅައިގެން ތިބެގެން މިހާރު ސަލާމަތެއް ނުވެ އެވެ. 

"ހުރިހާ އެއްޗެއް ބަލާ. ވިސާ ހަމަ ތޯ ބަލާ. ވިސާ ފީ ދައްކާ ތޯ ބަލާ. ހުރީ ކާކުގެ ބެލުމުގެ ދަށުގަ ތޯ ބަލާ. ޕާސްޕޯޓް އޮތް ތޯ ބަލާ. މީގެ އެއްވެސް އެއްޗެއް މަދުވާނަމަ އެ ދިޔައީ ދުވަސް. ވަގުތުން ބަހަށް އަރަންވީ. އެ ގެންދިޔައ. އެހެންވެ ބައެއް ބިދޭސީން މީހުން ފިލަން ވެގެން ބޯމަތީގަ ފުޅިމަދު ފޮށިގަނޑު އަޅައިގެން ތިއްބަ ވެސް ހޯދި. މިހާރު މުޅިން ތަފާތު. އެ މީހުން އިތުރު މާ ގިނަ ވާހަކަ ތަކެއް ނުދައްކާ،" 

ދިވެހިން ނެރެން އަވަސް ފިޔަވަޅުތަކެއް ބޭނުންވޭ

ހޯމް ލޭންޑް ސެކިއުރިޓީގެ ބެލުމުގެ ދަށުން ހިންގާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނެގުމުގެ އޮޕަރޭޝަން މިހާރު ވަނީ ފުޅާކޮށް ޓޭކް އަވޭ ވިޔަފާރިތަކާ ހިސާބަށް ގެންގޮސްފަ އެވެ. މިހާރު ޕާސްޕޯޓާ ހަމަނަމަ ވަގުތުން 48 ގަޑިއިރު ތެރޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީ މީހާ ޑީޕޯޓްކޮށްލަ އެވެ. އަދި ލިިޔެކިޔުންތައް ހަމަނޫން ނަމަ މަހެއްގެ ތެރޭގައި އެމީހަކު ޑީޕޯޓްކޮށްލާނެ އެވެ.މިހާތަނަށް 2،000 ބިދޭސީން ވަނީ ބޭރުކޮށްފަ އެވެ. 

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ އެވެ. "މަސައްކަތް މި ކުރަނީ ރައީސް ޑރ. ވައިދާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް އަަވަސް ހައްލެއް ހޯދަން. ކުރިއަށް މިގެންދާ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށް ދާނެ ވާހަކަ ދަންނަވަން." ޝަމްއާން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަކީ ކުރަން ޖެހޭ ކަމެކެވެ. މިއާއެކު ހުސްވާ ޖާގަ ފުރާނެ ގޮތްވެސް ހޯދަން ޖެހެ އެވެ. މި ކަމަކީ ހޯލްއޮފް ގަވަމެންޓް ގުޅިގެން ކުރެވޭނެ ކަމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.