އިރާނަށް ކާމިޔާބަށް އެދިވަޑައިގެން ހަމަޖެހުމާއި ސުލްހައަށް އިރާންގެ ދައުރާ މަސައްކަތަށް ވެސް ރައީސް ކާމިޔާބަށް އެދިވަޑައިގަތެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އިރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވިދާޅުވީ ރާއްޖެ-އިރާން ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިރާނަށް ކާމިޔާބަށް އެދިވަޑައިގެން ހަމަޖެހުމާއި ސުލްހައަށް އިރާންގެ ދައުރާ މަސައްކަތަށް ވެސް ރައީސް ކާމިޔާބަށް އެދިވަޑައިގަތެވެ.
އިރާންގައި ވަރަށް މަގުބޫލު ރައީސް، އިބްރާހިމް ރައީސީ އަވަހާރަވީ ހެލްކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި މެއި 19 ވަނަ ދުވަހު އެވެ.
މިއީ މި ފަހުން އިރާންގައި އޮތް އެންމެ ވާދަވެރި އިންތިހާބެވެ. ނަތީޖާ ނެރެން ޖެހުނީ ދެވަނަ ބުރުންނެވެ. އިރާންގެ ސިޔާސީ ރިފޯމިސްޓެއް އަދި ސިއްހީ ހިދުމަތްތެރިއެއް ކަމަށްވާ މައްސޫދު ޕެޒޭޝިއަން އިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި ސައީދު ޖަލީލީ ބަލި ކުރެއްވުމަށް ފަހު އެވެ. އޭނާ އިންތިހާޞު ކާމިޔާބު ކުރެއްވީ ވޯޓްލީ މީހުންގެ 53.3 ޕަސެންޓް ވޯޓުންނެވެ. އިންތިހާބުގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލި އެވެ.
އިރާންގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ މަހުގެ 28 ގައި ހަ ކެންޑުޑޭޓުންނާ އެކުއެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ހަމަ ނުކުރެއްވިގެނެވެ.
އިރާންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް އުމުރުން 69 އަހަރުގެ މައްސޫދަކީ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ހާތަމީގެ ވެރިކަމުގައި ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން މައްސޫދަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ. އޭނާ މި ފަހަރު ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.