އަބްދުއްރަހީމް ހަނދާންކޮށް ދެއްވީ ޔާމީން ކުޅުއްވި ޕެންޑްރައިވް ޑްރާމާތަައް

"ސުވާލު ކުރި މީހާއަށާ ޖަވާބް ދޭން ހުރި މީހާއަށް ޕެންޑްރައިވް ގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެ ކަމަށް ގަބޫލު ކުރެވެނީ،"

ރައީސް އަބްދުﷲ ޔާމީން (ކ) އަބްދުއްރަހީމްﷲ (މ) ރައީސް މުހަައްމަދު މުއިއްޒު (ވ)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދުމުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒު އަލީ ސަލީމް ބަންދު ކޮށްގެން އުޅެނީ އޭނާގެ އަތުގައި ކޮރަޕްޝަންގެ ޕެންޑްރައިވެއް އޮވެގެންތޯ ސުވާލު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް / ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

ރޭ އޮތް ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޝަމްނާޒަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ރައީސް ހުންނެވިއިރުން ފެށިގެން ވަރަށް ގާތް ދެ ބޭފުޅުން ކަމަށެވެ. އޭގެ ފަހުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ޝަމްނާޒް އުޅުއްވީ ރައީސް އަރިހުގައިކަން ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވީ އޭރު ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޝަމްނާޒްގެ އަތުގައި ރައީސާ ދެކޮޅަށް ހުރި ކޮރަޕްޝަނާ ގުޅޭ ހެކިތަކެއް ހިމެނޭ ޕެންޑްރައިވެއް އޮތީތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"އެހެންވީމަ ފަހަރުގަ ވެދާނެތޯ، ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ، އޭރު ހިނގާފަ ހުރި ހުރިހާ ކޮރަޕްޝަން މައްސަލަތަކުގެ ޕެންޑްރައިވެއް މީނާ އަތުގަ އޮތީމަ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތު ހޯދީއޭ؟ ސިހުރު ހާހޫރައިގެ ވާހަކަތޯ މިއުޅެނީ އެހެން ނޫނީ ކޮންމެސް އެއްޗެއް ހޯދާފަ، ކޮންމެވެސް ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ؟" ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ‏"އެ ޕެންޑްރައިވް" ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. އަބްދުއްރަހީމް އެ އިޝާރާތް ކުރައްވަނީ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެކޮޅުން ފެނުނު ކަމަަށް ބުނާ ޕެންޑްރައިވެއްގައި ހުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެތައް ބަޔަކު ހައްޔަރުކޮށް ޖަލުގައި ގެންގުޅެ ދައުވާ އުުފުލި އުފުލުމަަަށެވެ. އަދި ފަހުން ފާރިސް މައުމޫން ހައްޔަރު ކޮށް އޭނާ އުޅުއްވި ގެކޮޅުން ވެސް ޕެންޑްރައިވެއް ފެނުނު ކަމަށް ބުނެ ދައުވާ ކުރި އެވެ.

"ސުވާލު ކުރި މީހާއަށާ ޖަވާބް ދޭން ހުރި މީހާއަށް ޕެންޑްރައިވް ގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެ ކަމަށް ގަބޫލު ކުރެވެނީ،" ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކާނަލް ނާޒިމްގެ ގެކޮޅަށް ރެއެއްގެ ދަންވަރު ފުލުސް ފޯހެއް ވަދެ އެމަނިކުފާނު ގެކޮޅު ރެއިޑް ކުރި އެވެ. ފުލުހުންގެ އޮޕަރޭޝަންތަކާ މުޅީން ހިލާފަށް ހިންގި އޮޕަރޭޝަނަޑް ފަހު އެ ގެއިން ހަތިޔާރާއެކު ޕެންޑްރައިވެއް ފެނުނު ކަމަަށް ބުންޏެވެ.

އަދި އެ ޕެންޑްރައިވް ގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނާޒިމް އިސްވެ ހުންނަވައި "ވިލާއިން ފަންޑްކޮށްގެން" ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލަދޭން ރާވާފައިވާ ކަމަށް އޭރު ދައުލަތުން ބުންޏެވެ. އެ މައްސަލާ ގައި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި އެ ނޫން ވެސް އެތައް ބަޔަކު ހައްޔަރު ކޮށް ދައުވާ އުފުލި އެވެ. ސިޔާސީ ލީޑަރުންނަަށް އެތައް ތުހުމަތެއް ކުރައްވާ ތަފާތު ވާހަކަތައް ބޭރަށް ނެރުނެވެ.

ފަހުން ފާރިސް މައުމޫން ހައްޔަރުކޮށް ވެސް އޭނާ އުޅުއްވި ގެކޮޅުން ވެސް ޕެންޑްރައިވެއް ފެނުނު ކަމަށް ބުނެ ދައުވާ ކުރި އެވެ. އެ ޕެންޑްރައިވުން ފާރިސް އިސްވެ ހުސްނަވާ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.