ޔާމީންގެ ސުވާލެއް؛ ޝަމްނާޒް އަތުގައި ކޮރަޕްޝަނުގެ ޕެންޑްރައިވެއް އޮތީތޯ؟

ރައީސަށް ޝަމްނާޒް ސިހުރު ހެދި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ސަރުކާރުން މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ސިހުރު ހެދިކަމަށް ތުހުމަތުކޮށް ޝަމްނާޒް ބަންދު ކުރި މައްސަލައާމެދު ވަނީ ސުވާލު އުފައްދާފައި --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދުމުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒު އަލީ ސަލީމް ބަންދު ކޮށްގެން އުޅެނީ ހަގީގަތުގައި ވެސް ސިހުރު ހަދައިގެންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

މިރޭ އޮތް ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޝަމްނާޒަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ރައީސް ހުންނެވިއިރުން ފެށިގެން ވަރަށް ގާތް ދެ ބޭފުޅުން ކަމަށެވެ. އޭގެ ފަހުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ޝަމްނާޒް އުޅުއްވީ ރައީސް އަރިހުގައިކަން ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވީ އޭރު ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޝަމްނާޒްގެ އަތުގައި ރައީސާ ދެކޮޅަށް ހުރި ކޮރަޕްޝަނާ ގުޅޭ ހެކިތަކެއް ހިމެނޭ ޕެންޑްރައިވެއް އޮތީތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"އެހެންވީމަ ފަހަރުގަ ވެދާނެތޯ، ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ، އޭރު ހިނގާފަ ހުރި ހުރިހާ ކޮރަޕްޝަން މައްސަލަތަކުގެ ޕެންޑްރައިވެއް މީނާ އަތުގަ އޮތީމަ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތު ހޯދީއޭ؟ ސިހުރު ހާހޫރައިގެ ވާހަކަތޯ މިއުޅެނީ އެހެން ނޫނީ ކޮންމެސް އެއްޗެއް ހޯދާފަ، ކޮންމެވެސް ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ؟" ޔާމީން ސުވާލު އުފެއްދެވި އެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ ކާކުކަމެއް މިހާތަނަކަށް އެނގިފައެއް ނުވެ އެވެ. މުލިއާގެއިން މި މައްސަލަ ހުށަހެޅި ކަމުގެ އަޑުތައް ފެތުރުމުން ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޔާމީން ވިދާޅުވީ ޗައިނާ އަދި އިންޑިއާގެ މީޑިއާތަކަށް ވެސް މި ހަބަރު އަރާފައިވާއިރު، މިކަމުގެ ހަގީގަތް ސަރުކާރުން ކިޔައިދޭން ޖެހޭ ކަމަށެވެ.

ދިވެހި ފުލުހުންނަކީ އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމުގެ ގާބިލުކަން ހުރި ބައެއް ނޫން ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތަށް، އިދާރާއެއްގައި ހުރި ސިއްރު މައުލޫމާތު ޕެންޑްރައިވަށް އަޅާ ފޮރުވައިގެން އުޅޭ މީހުން ވެސް އުޅޭ ކަމަށެވެ.

ރައީސަށް ޝަމްނާޒް ސިހުރު ހެދި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ސަރުކާރުން މާގިނަ ވާހަކަތަކެއް ނުދައްކަ އެވެ. މި މައްސަލައިގައި ޝަމްނާޒްގެ އިތުރުން އޭނާގެ ކޮއްކޮ ހައްވާ ސަނާ ވެސް ވަނީ ބަންދުކޮށްފަ އެވެ. އެމީހުން އެދިގެން ސިހުރު ހަދައިދިން ކަމަށް ބުނާ މީހާ ކޯޓުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.