ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 7

އަދި ވަކިން ޚާއްޞަކޮށް ހެނދުނުގެ ނާސްތާއަށް ކާސިމްގެ ވަރަށް ފޯރު ހުރެއެވެ. ކާސިމްގެ ފަރާތުން މިއަދު ފެނުނީ ތަފާތު ކަމެއްކަން މުނީރާ އާއި ލައިލާއަށް އެނގުނެވެ.

- އެޕިސޯޑް 7 –

"ކިހިނެއްވީ ބައްޕައަށް؟" ލައިލާ ހައިރާންވެ ހުރެ ބަލައިލީ މުނީރާގެ މޫނަށެވެ. މޫނީރާ ދެފަރާތަށް ބޯހޫރާލަމުން "ނޭނގެ"އޭ ބުނެލިއެވެ.

***

ކާސިމް ގެއިން ނުކުމެގެން ދިޔައީ އޭނާގެ ގެވަޅަށެވެ. ކާސިމް ހިނގާފައި ދިޔައީ ވަރަށް އަވަހަށެވެ. ގެވަޅަށް ވަނުމާއެކުގައި ކާސިމް އޭނާގެ ތުން ތަޅުވަން ފެށިއެވެ. ކޮންމެވެސް އެއްޗެހި ތަކެއް ކިޔަވަމުން ކާސިމް ކުރިއަށް ފިޔަވަޅު ނަގަމުން ދިޔައެވެ. އެއީ ގަސްބޯކޮށް ހެދިފައިވާ ގެވަޅެކެވެ. އެ ގޭގެ ކަނެއްގައި ކުޑަ ކޮޓަރިއެއްގެ ގޮތަށް ހަދާފައިވާ ތަނެއް ހުއްޓެވެ. ކާސިމް މަޑު ހިނގުމެއްގައި ހިނގާފައި ގޮސް ވަނީ އެތަނަށެވެ.

"ބަތާން.. ބަތާން..." 

ކާސިމް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު، މަޑުމަޑުން ގޮވާލިއެވެ. ކޮޓަރި ތެރެއިން ފެންނަނީ ހިމޭން ކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ. ކާސިމް އޭނާގެ ކަޅި ހިންގާލީ މުޅި ކޮޓަރިތެރެއަށެވެ. އެއީ މުޑުދާރުކަން ބޮޑު ތަނެކެވެ. އެއްވެސް ތަރުތީބެއް ނެތެވެ. ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަރަބިން ލިޔެފައިވާ ގިނަ ފޮތްތަކެއް ފެންނަން އެބަ ހުއްޓެވެ. ކޮޓަރި ތެރޭގައި އެއްވެސް ފަންކާއެއް ލައިޓެއް ނެތެވެ. ކާސިމް ކޮޓަރިތެރެ އަލި ކުރަން ބޭނުން ކުރަނީ އުުއްބައްތި އެކެވެ. ކާސިމް ފުން ނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. އަދި ދޮރު ލައްޕައިލަމުން ކޮޓަރި ތަޅުލިއެވެ.

"ބަތާން.. ބަތާން.." ކާސިމް އަނެއްކާ ވެސް އެ ނަމުން ގޮވާލިއެވެ. 

މިފަހަރު ވެސް އެއްވެސް ޖަވާބެއް ކާސިމަކަށް ނުލިބުނެވެ. އެއާއެކުގައި ކާސިމް ކުޑަ ކަކޫ ޖަހާފައި ތަޅުންގަނޑު މަތީގައި އިށީންނެވެ. އަދި ފޮތްތައް ހާވަން ފެށިއެވެ. ބޭނުންވާ ފޮތް ފެނުމާ އެކުގައި ކާސިމް އެ ފޮތް ކިޔަން ފެށީ، ކޮޓަރި ތެރޭގައި ހުޅުވޭ ލެއްޕޭ ގޮތަށް ހުރި ކުޑަ ކަނބަޑެއްގެ ތެރެއިން ހުދު ކުލައިގެ ފޮތިކޮޅަކާއި މިނި ކަށިކޮޅެއް ނަގައިގެންނެވެ. ކިޔަވަމުންދާ ވަރަކަށް އެ މިނި ކަށިކޮޅުގައި ކާސިމް ދިޔައީ އޭނާގެ އަތުގައި އޮތް އިސްތައްޓެއް މަޑުމަޑުން އޮޅަމުންނެވެ. އިސްތަށި އެއްކޮށް އޮޅާނިންމާލުމަށްފަހު، ކާސިމް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަދި އަތުގައި އޮތް މިނިކަށިކޮޅަށް ފުމެލިއެވެ.

ކާސިމްގެ މޫނުމަތިން ޖެހިލުން ވުމާއި ކޮންމެވެސް ވަރަކަށް ހާސްކަން ފެނެއެވެ. މިކަމުގެ ތެރޭގައި އުޅެ، މިކަމުގެ ތަޖުރިބާ އެއްވެސް ވަރަކަށް ހުރި ފާޑެއް ކާސިމްގެ ކިބައިން ނުފެނެއެވެ. އެއީ އޭނާގެ ހަރާކަތްތަކުން މިއީ އޭނާއަށް ފަރިތަ މަސައްކަތެއް ނޫން ކަމުގެ ނިޝާންތައް ފާހަގަ ކުރެވޭތީއެވެ.

"ބަތާން..." ކިޔެވެލި ނިންމުމަށްފަހު ކާސިމް މި ފަހަރު އެ ނަމުން ގޮވާލީ ތަންކޮޅެއް އަޑަށް ބާރަށް ލާފައެވެ. 

ވަގުތުން ކޮޓަރީގެ ފާޚާނާގެ ދޮރު އޭގެ ޒާތުގައި އަމިއްލަ އަށް ހުޅުވުނެވެ. ފާޚާނާއިން އަރައިގެން ދިޔައީ މޭނުބައި ކުރުވާ ކަހަލަ ވަސްގަނޑެކެވެ. އެ ވަސްގަނޑުން ކާސިމަށް އަސަރެއް ކުރިހެން ހީނުވެއެވެ. އެއީ އެ ވަހަށް އޭނާ އާދަވެފައި ހުރުމުން ކަމަށް ވެދާނެއެވެ. ކާސިމް ހިނގާފައި ގޮސް ހުއްޓުނީ ފާޚާނާގެ ދޮރު ކުރިމަތީގައެވެ. އަދި ފާޚާނާ ތެރެއަށް ބަލާލިއެވެ. ފާޚާނާ ތެރޭގައި އެންމެ އިސްކޫރެއް ނޫން އިތުރު އެއްޗެއް ނެތެވެ. ފާޚާނާ ތަށްޓެއް ވެސް ނެތެވެ. އިސްކޫރު ކައިރީގައި ކުޑަވަރެއްގެ ބާލިދީއެއް ހުއްޓެވެ. ފާޚާނާގެ ތަޅުންގަނޑުމަތި ހުރީ ފެހި ޖަހާގޮތް ވެފައެވެ. ކިލާ ތަކާއި، ލޮދި ފާޑަކަށް ތަޅުންގަނޑުމަތި އޮތީ ނަޖިސްވެފައެވެ. ކާސިމަށް ވާންވީ ގޮތް އެނގެއެވެ.

ގަޔަށް ލައިގެން ހުރި ފޭރާން ގަޔާ ވަކިކޮށްލަމުން ކާސިމް ފާޚާނާއަށް ވަނީ ބަރަހަނާ ޙާލުގައެވެ. އަދި ބަރަހަނާ ޙާލުގައި ކާސިމް އިށީންނީ ތަޅުގަނޑު މަތީގައެވެ.

ބަތާންގެ ނަމުން ގޮވަމުން ކާސިމް ގަޔަށް ކުޑަކަމު ދާންފެށިއެވެ. އަދި ކުޑަކަމު ދިޔަ ތަކެތީގެ މަތީގައި ވެއްޓި ފުރޮޅެމުން ކާސިމް ދިޔައީ އެ ނަޖިސް އޭނާގެ މުޅި ގައިގައި އުނގުޅަމުންނެވެ. އިސާހިތަކު އެތަނަށް އެހެން މީހެއް ފައުޅުވެއްޖެކަން ކާސިމަށް ޔަޤީން ކުރެވުނެވެ. ތަޅުގަނޑުުމަތީގައި އޮތް ކާސިމް ކޮޅަށް ތެދުވެ ފަހަތް ބަލާލިއެވެ. ކާސިމަށް ފުރަތަމަ ޖެހެވުނީ ފަހަތަށެވެ. އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ބިރުގަންނަކަން ނުދައްކަން ކާސިމް ވަރަށް މަސައްކަތް ކުރިއެވެ.

"ބަތާން.." ކާސިމް ޖެހިލުންވެ ހުރެ ގޮވާލިއެވެ. 

ކާސިމްގެ ކުރިމަތީގައި ހުރީ ބަތާންއެވެ. އެއީ ފިރިހެން ޖިންނި އެކެވެ. މިކަމުގައި ކާސިމަށް ވާގިވެރި ވަނީ ބަތާންއެވެ. ބަތާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ކާސިމް ބަލައިލީ ބަތާންއަށެވެ. ބަތާން ފެންނަން ހުރީ ހަމަ އިންސާނެއްގެ ސިފައިގައެވެ. ތަފާތަކީ އާދައިގެ އިންސާނަކަށް ވުރެ ހަމުގެ ކުލަ ކަޅުކަމާއި އަނދިރިކަމެވެ. ކާސިމްގެ ކުރިމަތީގައި ބަތާން ހުރީ އެއްވެސް ފޭރާމެއް ނެތިއެވެ.

"ކޮން އިރަކުން މިކަން ވާނީ؟" ކާސިމްގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

"މިރޭ..." ބަތާން ޖަވާބު ދިނެވެ. އެއީ އަޑު އަހާލަން ފަސޭހަ އަޑެއް ނޫނެވެ. ބިރުވެރި، ބަރު، އަޑުގަދަ އަޑެކެވެ.

ބަތާންގެ ޖަވާބާއެކުގައި ކާސިމަށް ހިނިތުންވެވުނެވެ. މިރެ އަކީ މީކާލްގެ ފަރާތުން ލައިލާ މިނިވަން ވާނެ ރެޔެއް ކަމުގައި ކާސިމަށް އުއްމީދު ކުރެވި، އެކަމަށް ޔަޤީން ކުރެވުނެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ! މިކަމުން އަހަންނަށް އެއްވެސް ގެއްލުމެއް އެބައޮތްތަ؟ އަހަރެން މިކަން ކުރިކަން ބަޔަކަށް އެނގޭނެތަ؟" ކާސިމް އަހައިލިއެވެ.

ކާސިމްގެ ސުވާލާއެކުގައި ބަތާން ފެށީ ހޭންށެވެ. "ނޫން! ނޭނގޭނެ! ކަލޭ އެދުނު ކަންތައް އަހަރެން ކޮށްދޭނަން.. ކަލޭ އަހަރެންގެ ގާތުގަ، ދުވަސްދުއްވާލަން އެދުން މީހާގެ މުޅި ޙަޔާތް އަހަރެން ދުއްވާލާނަން.." ބަތާންގެ ޖުމުލައާ އެކުގައި އެތަނުން އެ ޖިންނި ގެއްލިއްޖެއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.