ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް ފަހުން އަގު އިތުުރުކޮށްފައިވެ އެވެ. މަޝްރޫއު ހިންގަން ނެގި ލޯނުތަކުން ރޭޓްތައް ހުރީ ބޮޑުކޮށެވެ. އަދި މަޝްރޫއު ހިންގާފައި ދެ ބިލިއަން ރުފިޔާ ހުރީ މުދަލާއި ހިދުމަތް ދިން މީހުންނަށް ނުދީ އެވެ.
ސަރުކާރަކުން ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް (ޕީއެސްއައިޕީ) އަށް އެންމެ ބޮޑު ހޭދައެއް ކުރި ކަމަށް މިހާތަނަށް ދައްކާފައި ވަނީ މިދިޔަ ފަސް އަހަރު އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި މަޝްރޫއުތައް ހިންގި ގޮތް މަޝްހޫރޫ ވެފައިވަނީ "ކުޑަ ރަށެއް ބޮޑު ރަށެއް" ނުބަލައި މަޝްރޫއު ހިންގުމަށެވެ.
އެ ސަރުކާރުގެ ފަލްސަފާއަކީ ދިވެހިން ތިބެން ޖެހޭނީ ގައިން ތާއިރު ވެގެނެވެ. އެހެން ބުނެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުންފުނިތަކާ ހަވާލު ކުރަމުން ދިޔަ އެވެ. އަދި ބަނދަރު ހެދުމުގެ މަސައްކަތް ތަކެއް ވެސް ފެށި އެވެ. ރައީސް ސޯލިހުގެ ސަރުކާރުން ބުނަމުން ދިޔަ ގޮތުގައި މަޝްރޫއުތައް ދެނީ އެންމެ ކުޑަ އަގުގައި ކޮމްޕެޓެޓިިވް ރޭޓުތަކުގަ އެވެ.
ފިނޭންސުގެ ޕްރޮކިއުޕަންޓް ޑޭޓާބޭސްއިން ދައްކާ ގޮތުގައި ގިނަ މަޝްރޫއު ތަކެއް ދިނީ ސަރުކާރު ކުންފުނި އެމްޓީސީސީ އަށެވެ. އަދި އެ ކުންފުނި ނަގާފައި ދެން ސަރުކާރު ކުންފުންޏަކަށް އެންމެ ގިނަ މަޝްރޫއު ދީފައި ހުރީ ފެނަކަ ކޯޕަރޭޝަނަށެވެ. އެކަމަކު ފަސް އަހަރު ނިމިގެން ދިޔައިރު ވެސް ގިނަ މަޝްރޫއު ތަކެއް ހުރީ ނުނިމި އެވެ. ހާއްސަކޮށް މައްސަލަ އެންމެ ބޮޑުވި ފެނަކަ ކުންފުންޏަށް 100 އަށްވުރެ ގިނަ މަޝްރޫއު ދީފައިވާއިރު މީގެ ތެރޭން 60 މަޝްރޫއެއް ނުނިމި އޮތް ނަމަވެސް އެ މަސައްކަތަށް ކަނޑައެޅި އެންމެ ރުފިޔާއެއް ވެސް ނެތެވެ. ފައިސާ ހުރީ ދީފަ އެވެ. ފެނަކައިން ތިލަވި މި މައްސަލައިގެ ވަށައިގެންވާ އަދި ދުރުން ފެންނަ މަންޒަރަށް ބަލާއިރު މުޅި ބަޖެޓުގެ ޕީއެސްއައިޕީ ހަރަދުން ފެންނަނީ ބަޖެޓުން ހަރަދު ކުރުމުގައި ބިރުވެރި ގޮތަކަށް ގެންގޮސްފައި އޮތް ތަނެވެ. ހަރަދުކޮށްފައި ހުރި ގޮތުން ފެންނަނީ މަޝްރޫއު ހަވާލު ކުރުމަށް ފަހު، ފަހުން ބޮޑުތަނުން ޕްރޮޖެކްޓުގެ ހަރަދު ބޮޑު ވެގެން ގޮސްފައިވާތަނެވެ. މަސައްކަތެއް ނުނިމި އެހެން ނަމަވެސް ބަޖެޓުގެ ބޮޑު ބައެއް ހުސް ވެގެން ދިޔަ މައިގަނޑު ސަބަބެއްގެ ގޮތުގައި ފެންނާން އޮތީ އެކަމެވެ.
"ގިނަ މަޝްރޫއު ތަކެއް އެބަހުރި ހަވާލު ކުރި އަގަށް ވޭރިއޭޝަން އިތުރުކޮށްފަ އެކި މަރުހަލާތަކުގައި. މިހެން ކިތަންމެ ގޯހެއް ހިނގާފަ އެބަހުރި،" ފިނޭންސުގައި މަސައްކަތް ކުރެއްވި އިސް އޮފިޝަލެއް "މިރާ" އަށް ވިދާޅުވި އެވެ.
މިކަމަކީ ހަމަ ހުރެފައި ވެފައިވާ ކަމެއް ނޫނެވެ. މިއީ ގަސްދުގައި ބަޔަކަށް ފައިސާ ދޭން ހިންގާފައިވާ ފްރޯޑުގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މިކަމަށް ވެސް ދެއްކޭނެ ކިތަންމެ އުޒުރެއް އޮންނާނެ އެވެ. އެ އުޒުރުތައް ދައްކާނެ އެވެ. ދަނީ ވެސް ދައްކަމުންނެވެ.
މިފަދަ އެންމެ މައްސަލައެކެވެ؛ ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި ދަރުމަވަންތައިގެ އާ އިމާރާތެއް އަޅަން އެސްޖޭ ކުންފުންޏަށް ދިނީ ފެބްރުއަރީ 4، 2020 ގަ އެވެ. ހަވާލުކުރީ އެއް އަހަރު ތެރޭ ނިންމަން 74.9 މިލިއަން ރުފިޔާ އަށެވެ. އެކަމަކު މުއްދަތަށް މަސައްކަތެއް ނުނިމުނެވެ. އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އެ މަޝްރޫއުގެ އަގަށް 20 މިލިއަން ރުފިޔާ އިތުރު ކުރި އެވެ. މިއާއެކު އެންމެ ސްކޫލަކަށް 100 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ހަރަދު ކުރަން ޖެހުނެވެ.
މި ނޫނަސް ކިތަންމެ މަޝްރޫއެއްގެ އަގު ބޮޑުވެފައި އެބަހުއްޓެވެ. ވޭރިއޭޝަން އިތުރުކޮށް މަޝްރޫއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމަކީ ޕީއެސްއައިޕީ ބަޖެޓު ކޮޅުން ލައި ނުކަތައިގެން ދިޔަ ސަބަބެވެ. ޕީއެސްއައިޕީގެ ގިނަ މަޝްރޫއު ތަކަކީ ހަވާލުކުރާ ކުންފުނިން ކުރާ މަސައްކަތްތަކެއް ނޫނެވެ. އެ މަސައްކަތް ކުރަނީ ކޮންމެ ވެސް އެހެން ކުންފުންޏަކަަށް ހަވާލު ކޮށްގެންނެވެ. އެހެން ހަވާލުކުރާ ގިނަ ކުންފުނިތަކުން އެ މަސައްކަތް ކުރަނީ ފެންވަރު ވަރަށް ދަށްކޮށެވެ. ގިނަ މަސައްކަތްތައް ހަވާލު ކުރާ ކުންފުނިތަކަށް އެ މަސައްކަތް ނުނިންމިގެން އެހެން ކުންފުންޏަކަށް ދޭން ޖެހެ އެވެ. މިއީ މަޝްރޫއު ލަސްވާ ސަބަބެވެ. މިގޮތަށް ހަވާލު ކުރާ ގިނަ މަސައްކަތްތަކުގެ އެޑްވާންސް ފައިސާ ވެސް ހުންނަނީ ކުންފުނިތަކަށްދީފަ އެވެ. އެހެންވެ އެ ކުންފުންޏެއްގެ އަތުން މަސައްކަތް ޓާމިނޭޓް ކުރި ނަމަވެސް ދައުލަތަށް ގެއްލުން ލިބެ އެވެ. އެއް ގެއްލުމަކީ މަސައްކަތް ލަސްވުމެވެ. އަނެއް ގެއްލުމަކީ މަޝްރޫއުގެ އަގު ބޮޑުވުމެވެ. މިގޮތަށް ކިތަންމެ މަޝްރޫއެއްގައި މިވަގުތު ވެސް ތަޅު އެޅިފައި އެބަހުއްޓެވެ.
ސަރުކާރުގެ މަޝްރޫއު ލިސްޓުގައި މިވަގުތު ވެސް 3،000 މަޝްރޫއު އެބައޮތެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ 8.6 ބިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި އޮތީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށެވެ. އެއާޕޯޓު ފަދަ ޕްރޮޖެކްޓްތަކަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. މި ސަރުކާރުން ވަނީ ބައެއް މަޝްރޫއުތައް ހުރި ގޮތުން މަޝްރޫއުތައް ރިވިއު ކުރަން ނިންމާފަ އެވެ. ސަރުކާރު ހަވާލުވިއިރު އޮތް ޕީއެސްއައިޕީގެ 1،780 ޕްރޮޖެކްޓާއި އަލަށް ފަށާ 300 ޕްރޮޖެކްޓް އޮތް އިރު އެ ޕްރޮޖެކްޓްތައް ރިވިއުކޮށް އެންމެ މުހިއްމު ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ސަރުކާުރުން ވަނީ ކަނޑައަޅާ އެ މަގަށް އަމަލު ކުރަން ފަށާފަ އެވެ.
ޕްރޮޖެކްޓްތައް ހަރަދު ބޮޑުކޮށް ހިންގުމާ ބެހޭ ގޮތުން، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި މަޝްރޫއުތަކުގެ އަގު ބޮޑު ތަނުން ވަނީ މަތިވެފަ އެވެ. ނަމަވެސް އެ ވެރިކަމުގެ ކުރީގައި މަޝްރޫއުތައް ހިންގާފައި ހުރީ ބަޖެޓް ކޯސްޓް ކުރެވިގެން އޭރު ބަޖެޓުގެ އަދަދު އެއްކޮށް ކޮންސިއުމް ކުރެވޭ ގޮތަށް ހިންގި މަޝްރޫއުތަކެކެވެ.
"ޕްރޮޖެކްޓްތަކަށް ދާ ހަރަދު ވަނީ ބޮޑުވެގެން ގޮސްފަ، އެންމެ ފަހުން ބަލައިލިއިރު 8.6 ބިލިއަން ގައި ފެއްޓި ބަޖެޓުން 12.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ،" ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ސާއިދު ވިދާޅުވި އެވެ.
ސާއިދު ވިދާޅުވި ގޮތުގައި މިއީ މަޝްރޫއު ހިންގޭނެ ގޮތެއް ނޫނެވެ. ކޮންމެ އަހަރަކު ބަޖެޓާއި ސަޕްލިމެންޓްރީއަށް ބަލާއިރު ފެންނަނީ އާމްދަނީއާ ދެމެދު ހުރި ފަރަގު އިންތިހާއަށް ބޮޑު ތަނެވެ.
"އެ ފަރަގު އެގޮތުގައި ހުރިކަމަށް ވާނަމަ އެ ހަމަ މިޖައްސަނީ ފައިނޭންސިން ހޯދައިގެން. ދަރަނި ނަގައިގެން. ރާއްޖޭން ދަރަނި ނަގާފައިވޭ. ބައެއް ގައުމުތަކުން ވަރަށް ހަރަދު ކުޑަކޮށް ދަރަނި ދީފައިވޭ. އެހެން ނަމަވެސް އެއިން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ވަރަށް ގިނަ ހަގީގަތްތަކެއް މިއަދު އަޅުގަނޑުމެންނަށް ސާފުވޭ،" ސާއިދު ވިދާޅުވި އެވެ.
މަޝްރޫއު އަގު ބޮޑުކޮށް ހިންގިރު ހަގީގަތުގައި އިގްތިސޯދަށް ކުރި މަންފާ ވަރަށް ކުޑަ އެވެ. އޭގެން އަމިއްލަ ކުންފުނިތަކަށް ލިބުނު މަންފާ ކުޑަ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބަލާއިރު ދިވެހި ކުންފުންޏަކަށް މީގެ މަޝްރޫއަކުން ލިބުނު ފައިދާއެއް ނިސްބަތުން ނެތެވެ. ބޮޑެތި ހުރިހާ ކަމެއް ބޭރުގެ ކުންފުނިތަކުން ކުރިއިރު ގިނައީ ދިވެހިންނަށް ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ހުރި މަސައްކަތްތަކެވެ. އަދި މިކަމުގައި އޮތް އެންމެ ބޮޑު ދެރައަކީ މަޝްރޫއު އަގު ބޮޑުކޮށް ހިިންގައި ދެ ބިލިއަން ރުފިޔާގެ ބިލް ނުދައްކައި އޮތުމެވެ. ބައެއް މަޝްރޫއުތައް ނުފެނުނު ނަމަވެސް ބަޖެޓުގައި ފައިސާއެއް ނެތެވެ. މިއާއެކު ސަޕްލައިޔަރުންނަށް އޮތީ ފައިސާ ނުދީ އެވެ. މިކަމުގެ ސަބަބުން މުޅި އިގްތިސޯދު މިއޮތީ އަދިވެސް ކޮށިއަރާފަ އެވެ.
ސާއިދު ވިދާޅުވި ގޮތުގައި ލިބޭ އާމްދަނީއާ ނުބައްދަލު އެއްޗަކުން ޕްރޮޖެކްޓް ހިންގަން ރާވައިފިނަމަ އަބަދުވެސް ދައްކަން ޖެހޭ ފައިސާ އޮންނާނީ ތާށިވެފަ އެވެ.
"[މަޝްރޫއު] ހިންގޭނީ ފައިސާ ހޯދައިގެން. އެފަދަ ހާލަތެއްގައި އޮތްނަމަ ބަލާނެ ދަރަނި ނަގަން. މިގޮތުން ބައެއް ދަރަނި މި ނަގަނީ ދަރަނީގެ ދެމެހެއްޓިނިވިކަން ގެއްލޭ ގޮތަށް. މީގެ މާނައަކީ ރޭޓް އެކަނި ބޮޑުވުމެއް ނޫން. ދަރަނީގެ ޖުމްލަ ސްޓޮކް ބޮޑުވޭ. ފިނޭންސުގެ ޑެޓް ބްލެޓިން އަށް ބަލައިލީމަ އެބަ އެނގޭ.،" ސާއިދު ވިދާޅުވި އެވެ.
މަޝްރޫއެއްގެ ފައިދާ ރައްޔިތުންނަށް ކުރި ނިސްބަތް މިދިޔަ ފަސް އަހަރު ވަރަށް ކުޑައެވެ. އެކަމަކު ދަރަނި ހުރީ އިންތިހާއަށް މަތިވެފަ އެވެ.
ފިނޭންސުން އާއްމުކުރާ ދަރަނީގެ ހިސާބުތައް ނުވަތަ ޑެޓް ބެލެޓިންއިން ދައްކާ ގޮތުގައި 2018 އާ ހަމައަށް ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 58 ޕަސެންޓުގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ މި ނިސްބަތް ހުރީ 116.6 ޕަސެންޓޭޖުގަ އެވެ. މިހާރު މި އަދަދު ހުރީ 110 ޕަސެންޓުގަ އެވެ. މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 100ރ. އިން 38.50ރ. ވަރު ދަރަންޏަށް ހޭދަ ކުރަން ޖެހެ އެވެ.
ސާއިދު ވިދާޅުވި ގޮތުގައި މިހާރު ފެންނަ ފެނުމުން އާމްދަނީ ބޮޑުތަނުން އުފުލިގެން ނޫނީ މިކަން ރަނގަޅު ކުރަން ދަތިވާނެ އެވެ.
މިހާރު ކުރިމަތި ވެގެން ހުޅޭ ހަގީގީ މައްސަލަ ފެށޭ ހިސާބަކީ މިއެވެ. ދަރަނީގެ ހަރަދު ބޮޑު ވެގެން ދިއުމަކީ އުމްރާނީ ތަރައްގީ އަށް ހޭދަކުރާ ފިސްކަލް ޖާގަ ހަނި ވެގެންދާނެ ކަމެކެވެ. މިކަން މިދިޔަ އަހަރުން ފެށިގެން ފެންމުން ދިޔަ ނަމަވެސް ގެނެވުނު ހައްލެއް ނެތެވެ. ގިނަ ބިލް ތަކަށް ޕޭ ނުކުރެވިގެން ފެނަކަ ކުންފުނީގެ ސަޕްލަޔަރުން މުޒާހަރާ ކުރަން ފެށިތާ ދެ އަހަރާ ގާތް ވެއްޖެ އެވެ. ސަރުކާރުން މިވަގުތު ހިދުމަތް ހޯދާފައިވާ ފަރާތްތަކަށް ފައިސާ ދޫކުރަމުން ދަނީ ކޮންމެ މަހަކު ސަރުކާރުގެ ބަޖެޓަށް ވަންނަ ފައިސާ އިން ލިބޭ ގެޕުންނެވެ.
މިހާރު އިގްތިސޯދަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައިގެ ނުފެންނަ ފަރާތް އޮތީ މިގޮތަށެވެ. މަޝްރޫއުތަކުގެ އިސްރާފު އިންތިހާއަށް ބޮޑުވުމުން ދައުލަތުގެ ބަޖެޓު މިއޮތީ ފުނޑިފަ އެވެ. ހުލިވެފަ އެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލަ މަޝްރޫއު ހިންގި ނަމަވެސް ނިމުނު މަޝްރޫއުތައް މަދެވެ. އޭގެން ލިބުނު ފައިދާ ކުޑައެވެ. އެކަމަކު ބަޖެޓުން ހަރަދު ކުރުން އިންތިހާއަށް މައްޗެވެ. ގިނަ މަޝްރޫއުތައް ހުރީ އިޝްރާފު އިންތިހާ އަށް ބޮޑުވާނެ ގޮތަށެވެ. މަޝްރޫއު ހިންގަން ލޯނު ނެގި ނަމަވެސް އެ ފައިސާ ތަޅާ ބުރުއްސާލީމަ ވާނެ ގޮތް މި ފެނުނީ އެވެ.