ސަލީމް ވިދާޅުވީ ހައްދެއް ނެތް މިންވަރަށް ދަރަނި ނުނެގުމަށް ފިނޭންސް މިނިސްޓަރު އަމީރުގެ އަރިހުގައި އެދިވަޑައިގަތުމުން ތިމަންނާ ބޭނުންވަރަކަށް ދަރަނި ނަންގަވާނެކަމަށް ވިދާޅުވި ކަމަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަކީ ގައުމަށް "ގައްދާރުވި" މީހެއް ކަމަށާއި، އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި ކަންކަން ކުރީ ހިތުހުރި ގޮތަކަށް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ މިދިޔަ ދައުރުގައި މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގަންނަ ކޮންމެ ފަހަރަކު ގައުމަށް ގެއްލުންވާ ދަރަޖައަށް ދަރަނި ނުނެގުމަށް އެދިފައިވާނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް އަމީރު ވިދާޅުވީ "ތިމަންނާ ބޭނުންވަރަކަށް ދަރަނި ނަގާނެކަމަށް" ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެހެންވީމާ މިއީ ގައުމަށް ގައްދާރުވީ މީހެއް. ގައުމަށް ގައްދާރުވީ މީހެއްގެ ގޮތުގައި މީނާ އެބަ ޖެހޭ ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން. އެހެން ނޫންނަމަ ދެން އަންނަ ވަޒީރުން ވެސް މިގޮތަށް އަމަލުކުރާނެ" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އަމީރަކީ ގައުމަށް ގައްދާރުވީ މީހެއް ކަމަށާއި، އޭނާގެ މައްސަލަ ބަލައި ޝަރީއަތަށް ފޮނުވަން ޖެހޭ ކަމަށެވެ.
ގައުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން ދާއިރު، މިއަށްވުރެ ގާނޫނުތައް ވަރުގަދަވާން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ވެރިކަމަށް އަންނަ ބަޔަކު ކަންކަން ކުރާނީ ހިތު ހުރި ގޮތަކަށް ކަމަށް ސަލީމް ވިދާޅުވި އެވެ.
ދާދި ފަހުން އަވައްޓެރި ލަންކާ ބަނގުރޫޓުވެ ހާލުގައި ޖެހުމުގައި ޒިންމާވި ސަރުކާރުގެ ވެރިންނާ މެދު، ފިޔަވަޅު އެޅި ފަދައިން ގައުމަށް ގެއްލުންވާގޮތަށް އަމަލުކުރި ކޮންމެ މީހަކާ މެދު ފިޔަވަޅު އެޅުމަށް ސަލީމް ގޮވާލެއްވި އެވެ.
"ހަގީގަތުގައި އެމްޑީޕީއިން ވިސްނައިގެން ތިބީ، އެމީހުން ބުނަމުން ވެސް އައީ ހަމަސް ވަންދެއް ލާހިކެއް ނޫނޭ ވެރިކަން ކުރާކަށް ގައުމު އިނދަޖެހޭނެއޭ. އެމީހުންގެ ވެރިކަމަށް އައި އިރު ވިސްނައިގެން ތިބީ ކޮންމެވެސް ތަނަކުން ދަރަނި ނަގައިގެން ފޫބައްދަން. މީކީއެއް އަޅުގަނޑުމެންގެ ސަރުކާރުން ކުރާނެ ކަމެއް ނޫން" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މި ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީއާ އެކު ގައުމަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށާއި، ހަމައެކަނި ގާނޫނަށް ގެންނަ ބަދަލަކުން ކަންކަން މުޅިން އިސްލާހު ނުވާނެ ކަމަށެވެ.
"ގާނޫނު އަސާސީއަށް ބަދަލު ނެގެސްގެން، އެ ތަޅުލައިގެން، އެއްގޮތަކަށް ނުހުޅުވޭ ތަޅެއް އަޅުވައިގެން ނޫނީޔާ މި އެމްޑީޕީ މީހުން މަދުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ." ސަލީމް ވިދާޅުވި އެވެ.