ސަރުކާރުން ވަނީ އެސްޑީއެފް ފަންޑަށް ނަގުދު ފައިސާއިން ޑޮލަރު ޖަމާކޮށް ފަންޑު ބޮޑު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ސޮވްރިން ޑިވްލޮޕްމަންޓު ފަންޑު (އެސްޑީއެފް) ބިލަށް އާއްމުންގެ ހިޔާލު ދިނުމުގެ ފުރުސަތު ރައްޔިތުންގެ ހުޅުވާލައިފި އެވެ.
ރައްޔިތުން މަޖިލީހުން ބުނީ ސޮވްރިން ޑިވްލޮޕްމަންޓު ފަންޑުގެ ބިލަށް ހިޔާލު ދިނުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ހިޔާލުތައް ފޮނުވަން ޖެހެނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެއިލްއަށެވެ.
ސަރުކާރުން ވަނީ ފަހަށް ރައްކާކުރަން ފައިސާ ޖަމާކުރާ އެސްޑީއެފް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އަދި މި ފަންޑަށް ނަގުދު ފައިސާއިން ޑޮލަރު ޖަމާކުރަން ވަނީ ފަށާފަ އެވެ. މިހާރު މި ފަންޑުގައި 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ސަރުކާރު ނިމުނުއިރު މި ފަންޑުގައި ހުރީ ނަގުދު ފައިސާއިން ދެ މިލިއަން ޑޮލަރެވެ. މިހާރު މި ފަންޑުގައި ބޭންކް އާއި ޓީބިލަށް އިންވެސްޓްކޮށްފައި ހުރި ޖުމްލަ އަދަދު ވަނީ ހަތަރު ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
އެސްޑީއެފަށް ގާނޫނީ ގޮތުން ރައްކާތެރިކަން ދޭން ބިލެއް މިދިޔަ ދައުރުގައި ވެސް މަޖިލީހަށް ސަރުކާރުން ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ބިލް ބޭރު ކޮށްލީ އެވެ. އެސްޑީއެފް ފަންޑުގެ ބިލްގައިވާ ގޮތުން މި ފަންޑު އުފައްދަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ފޯރު ކޮށް ދިނުމަށެވެ. މި ފަންޑު ބަލަހައްޓާނީ އެމްއެމްއޭއިންނެވެ. އެ ފަންޑު ބޭނުން ކުރެވޭނެ ކަންކަމާއި ފަންޑު ހިންގައި މެނޭޖު ކުރުމުގައި ބަލަހައްޓާނެ ކަންކަން ބިލްގައި ބަޔާން ކޮށްފައި ވެ އެވެ. އެ ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސެވެ. ކައުންސިލްގެ ރިޔާސަތު ބަހަލައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. ދޭންޖެހޭ އުޖޫރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
މި ފަންޑަކީ ގައުމުގެ މުސްތަގުބަލާ ގުޅުންހުރި ފަންޑެކެވެ. އެހެންވެ މި އަށް ފައިސާ ޖަމާ ކުރުން އިތުރު ކުރަން ޖެހެ އެވެ. ކޮންމެ ފަހަރު ލޯނެއް ކައިރިވުމުން ގައުމުތަކުގެ ފައިބުޑަށް ވެއްޓި ލޯނު ރޯލްއައުޓް ކުރަން އެދުން މިއީ ހައްލެއް ނޫނެވެ. ގައުމެއް ވިއްޔާ އަމިއްލަވަންތަކަމެއްވެސް ހުންނަން ޖެހެ އެވެ. ލޯނު ފަސްކޮށް ދިނުމަކީ އެ ލޯނު ދައްކަން ނުޖެހުމެއް ނޫނެވެ. އެ ލޯނު ދައްކަން ޖެހެ އެވެ. އަދި ލޯނެއް ފަސްކޮށްދޭ ކޮންމެ ފަހަރަކު ޑިމާންޑު ތަކެއް ވެސް އަންނާނެ އެވެ. އެހެންވެ މި ފަންޑު ބޮޑުކޮށް އޮވެއްޖެނަމަ ލޯނު ދައްކަން އިތުރުވިސްނުމަކަށް ދާކަން ނުޖެހޭނެ އެވެ. ނުރައްކާ ވަގުތު ބޭނުން ކުރެވޭނެ އެވެ.