އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު އައިވީއެފް ފަރުވާ ހޯދަން ހުށަހެޅި 84 ފޯމުގައި ލިޔެކިޔުންތައް ހަމައެއް ނޫނެވެ. އަދި އެ ފަރުވާއަށް އެދި ހުށަހެޅި 32 ދެމަފިރިން ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ހިދުމަތް އާސަންދަ ސްކީމްގެ ދަށުން ހޯދަން ހުޅުވާލި ފުރަތަމަ ބުރުގައި ޝަރުތު ހަމަވާ 37 ދެމަފިރިން ކަނޑައަޅައިފި އެވެ.
ސަރުކާރުން ވަނީ މިއަހަރު 100 ދެމަފިރިންނަށް އާސަންދައިގެ ދަށުން މި ދެ ފަރުވާ ދިނުމަށް ނިންމާފަ އެވެ. އަލަށް ހުޅުވާލި ފުރަތަމަ ބުރުގައި 153 ދެމަފިރިން ވަނީ ފޯމު ހުށަހަޅާފަ އެވެ.
އެންސްޕާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މިއަހަރުގެ ފުރަތަމަ ބުރުގައި ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި 37 ދެމަފިރިންނަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށް ދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރުމާ ގުޅޭގޮތުން އެ އެޖެންސީން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
އެންސްޕާއިން ވަނީ ފަރުވާއަށް އެދި ކުރިމަތިލި ފަރާތްތަކުގެ ލިސްޓު އާންމުކޮށްފަ އެވެ. މި ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ މިމަހުގެ 10 ވަނަ ދުވަހުގެ 2:00 ގެ ކުރިން ޝަކުވާ ހުށަހަޅަން ވެސް ވަނީ ހުޅުވާލައިފަ އެވެ. މި ލިސްޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ލިސްޓު މުރާޖައާ ކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން އާންމު ކުރާނެ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު އައިވީއެފް ފަރުވާ ހޯދަން ހުށަހެޅި 84 ފޯމުގައި ލިޔެކިޔުންތައް ހަމައެއް ނޫނެވެ. އަދި އެ ފަރުވާއަށް އެދި ހުށަހެޅި 32 ދެމަފިރިން ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މިއަހަރު 100 ފަރާތަކަށް މި ފުރުސަތު ދޭން ނިންމާފައިވާއިރު، އެހީ ހަމަނުޖެހޭ މީހުން އަންނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ އެވެ. އާސަންދައިގެ ދަށުން އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުފުޅެކެވެ.