ސިހުރުގެ މައްސަލަ ރައީސްގެ ފަރާތްޕުޅުން ހުށައަޅާފައެއް ނުވާނެ: ތަރުޖަމާން

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާ އަށް ސިހުރު ހެދި މައްސަލައާ ގުޅިގެން އެކަންކަން ބަލައި ދިނުމަށް އެދި އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދުމުގެ މައްސަލައެއްގެ ތަހުގީގު ފުލުހުން އަންނަނީ ހިންގަމުންނެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރި އެވެ. އެއީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒު އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ، ހައްވާ ސަނާ އަލީ ސަލީމް އާއި ދިވެހި ފިރިހެނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ހ.މެލްބަން، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ދެ މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން މައްސަލަ ތަހުގީގު ކުރިނަމަވެސް  ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް ކަމަށް ހީނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފިރިހެން މީހާ އަީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

ޝަމްނާޒާއި ސަނާގެ މައްޗަށް އޮތީ އޭނާ ލައްވައި ސިހުރު ހެދުވި ކަމުގެ ތުހުމަތެވެ. ސިހުރު ހަދާފައި ވަނީ ރައީސް އާ "ގާތްވުމަށް" ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެމީހުން ސިހުރު ހަދާފައި ވަނީ ސީދާ ރައީސަށާއި އާއިލާއަށްކަން ކަށަވަރުކޮށްދީފަ އެވެ. ފުރަތަމަ ޝަމްނާޒް ހައްޔަރު ކުރުމަށްފަހު ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝަމްނާޒަކީ މާލެ ސިޓީ ކައުންސިލުގައި ރައީސް މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ ރައީސްކަމަށް އެމަނިކުފާނު އިންތިހާބު ވަޑައިގަތުމުން މުލިއާގޭ ވަޒީފާއަށް ވަޑައިގަތުމަށެވެ. މުލިއާގޭގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރުމަށްފަހު އޭނާ ފަހުން ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދުކޮށްފަ އެވެ. ނަމަވެސް މި މައްސަލަ ފެންމަތިވިއިރު ޝަމްނާޒް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހައްޔަރުކުރި އިރު ސަނާ ވެސް ހުރީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.

ޝަމްނާޒުގެ ކުރީގެ ފިރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުވެސް ސަސްޕެންޑުކޮށްފައިވެ އެވެ. އޭނާ ސަސްޕެންޑު ކުރި ސަބަބެއް ސަރުކާރުން ހާމަނުކުރެ އެވެ. އެ ބޭފުޅުންގެ ކާވެނި ރޫޅާލެއްވީ މި މަހު ކަމަށް އެނގިފައިވެ އެވެ.
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.