މާލީ އިސްލާހީ އެޖެންޑާ ނުހިންގާ އަމީރު އަނގަ ހުޅުވިކަން ލަދެއްނު

ދައުލަތަށް އާމްދަނީ ލިބޭ ވަގުތު އެ ބަހަން ކޮންމެ މީހަކަށްވެސް އެނގޭނެ އެވެ. އަމީރުގެ ސިޔާސަތުތަކުން ފެނުނީ އެކަމެވެ. މާލީ އިސްލާހީ އެޖެންޑާގެ އެއްވެސްކަމެއް ކުރަން ފިޔަވަޅެއް އަޅާކަން ނުކެރުނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ރައީސް އޮފީސް

ރާއްޖޭގެ ހަރަދު ބޮޑުވަމުންދާ ވާހަކަ ދުނިޔޭގެ މާލީ އިދާރާތަކުން ނުދައްކާ އިރެއް ނުދެ އެވެ؛ ހާއްސަކޮށް ކޮވިޑް-19 އަށްފަހު، ހަރަދު ބޮޑުވުމުގެ އްސަލަ ހައްދުފަހަނަޅައި ދިޔަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހިރާއްޖޭގެ ހަރަދުގެ ވާހަކަ ގަދައަށް ދެއްކި އެވެ. އެކަމަކު އެ ސަރުކާރުން މި ވާހަކައަހައި، ކަހާތަން ހިރުވާވެސް ނުލައި ލޯނު ނަގައިގެން ކުޑަރަށެއް ބޮޑު ރަށެއް ނުބަލަލައި މަސައްކަތް ކުރަން ހިފީ އެވެ.

މަޝްރޫއު ކުޑަ އަގުގައި ބިޑްކޮށް އެއަށް އެތައް ފަހަރު އަގު މަތިކޮށް ޕްރޮޖެކްޓް ބަހަމުން ދިޔަ އެވެ. ނަތީޖާއަކީ މަޝްރޫއު ހިންގުމުގެ ހަރަދު ވެސް އެތައް ގުނައެއް މަތިވެގެން ދިއުމެވެ. މިހުރިހާ ކަމެއް ގޯސްވަމުން ދިޔައިރު ރާއްޖޭގެ ހާލަތާމެދު ދުނިޔޭގެ މާލީ އިދާރާތަކުން ދެއްކި ވާހަކައަށް އަމަލު ކުރުމުގެ ބަދަލުގައި ރައްދު ދޭން އޭރުގެ ވަޒީރުން ތިއްބެވީ ފޫގަޅައިގެންނެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް 2020 ގައި ދަށް ކުރުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭރު ވިދާޅުވީ އިގްތިސޯދީ ހާލަތާއި ދަރަނީގެ ހާލަތާއި ހުރިހާ ކަމެއް ހުރީ ރަނގަޅަށެވެ. ގޯސް ހަމަ އެއްކަމެއް ވެސް ނެތެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ބޭންކް އެމެރިކާގެ ޖޭޕީ މޯގަންގެ އިކޮނޮމިސްޓަކު ރާއްޖެއާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސިފަ ކުރެއްވީ އެއީ އެތާނގެ ރިސެޕްސަނިސްޓެއްގެ ގޮތުގަ އެވެ. 

މި ހުރިހާ ކަމަކާއި އޭރުގެ ސަރުކާރުގެ ވެރިންގެ ބަސްމަގުން ދޭހަކޮށް ދޭން އުޅުނީ ރާއްޖޭގައި އިސްލާހު ކުރަން ޖެހޭ އެއްކަމެއް ވެސް ނެތް ތަނެވެ. އެކަމަކު އައިއެމްއެފްގެ އާޓިކަލް 4 ގައި މައްސަލަތައް ބައިވަރު ހުރިކަން ފާހަގަ ކުރުމުން އެކަން ކުރާނެ ކަމަށް ގޮތް ދެއްކި އެވެ. 

އެކަމަކު ހަރުދަނާ ފިޔަވަޅެއް އެކަމުގައި އެޅުމުގެ ބަދަލުގައި ބަދަލު ގެނައީ އާމްދަނީގެ ސިޔާސަތުކަށެވެ. ފައިސާ ޗާޕު ކޮށްގެން ހަރަދު ކުރީ އެވެ. ދެން ކުރި ކަމަކީ ހަރަދު ބޮޑުވަމުން ދިޔަ ސަރުކާރުގެ ހަރަދު ފޫބައްދަން އާއްމު ޓެކުހާއި ޖީއެސްޓީ މަތިކޮށްލީ އެވެ. އިންތިހާބާ ދިމާކޮށް ހުރިހާ މުސާރަ ތަކެއް ބޮޑު ކުރީ އެވެ. ދައުލަތަށް އާމްދަނީ އެންމެ ގިނަ އިން ލިބެން ހުރި ބިންތައް ގޯތި ދިނުމުގެ ނަމުގައި ހިލޭ ބަހާލީ އެވެ. އެހިސާބަށް ގެންދިޔަ އިރު ވެސް ހަރަދު ކުޑަ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރާކަން ބޭނުމެއް ނުވި އެވެ. އޭރުގެ އެކަންކަން ކުރައްވަން ހުންނެވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އޭނާއަށް އެކަން ކުރަން ކެރިވަޑައި ނުގަތުމުގެ ނަތީޖާ ފެންނަން މިހާރު އެ އޮތީ އެވެ.  

ނަތީޖާ ފެނުނީ ހިތިކޮށެވެ؛ ޓޫރިޒަމް ރަނގަޅުވެ އިގްތިސޯދު ރަނގަޅަށް ދިމާއަށް އެނބުރު ނަމަވެސް ބޮޑުކުރި މުސާރަތާއި ކުންފުނި ތަކަށް ވެއްދި "ބޯ" ތައް ގިނަވެ އިންތިހާބު ނިމުނުއިރު ވެސް އޮތީ ގޯސްވެފަ އެވެ. މިކަން ހައްދުން ނައްޓާލައި ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމަކަށްވީ މި ސަރުކާރުގެ ތެރޭގަ އެވެ. އެކަމަކު އެ ހިސާބަށް އައިއިރު ވާރުތަވަމުން އައިސްފައި ވަނީ ހުސް ގޯހެވެ. 

ރިފޯމް ގެންނަން އަމީރު ފަހަތު ފަޔަށް ބުރަވި

އާސަންދަ ރިފޯމް ނުކުރެވުމުގެ ނަތީޖާއަކީ އަހަރު ފެށޭއިރު ބިލިއަނެއް ބަޖެޓު ކުރާ އާސަންދަ ނިޒާމުގެ އިސްރާފު ހަތަރު ބިލިއަނަށް އަރައިގެން ދިއުމެވެ. ސަބްސިޑީ ރިފޯމް ކުރަން ނުކެރުމުގެ ނަތީޖާއަކީ ހަނޑޫ ހަކުރު ފުށަށް ބެލި ނަމަވެސް ދިވެހިންނަށްވުރެ ގިނައިން އެ ކެއުމުގައި ޓޫރިސްޓުންނާއި ބިދޭސީން ބޭނުން ކުރުމެވެ. 

ތެލަށް ކުރާ ހަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް މާނަފުން ގޮތެއްގައި ނުފެށުމުގެ ނަތީޖާއަކީ ޔޫޒަބަލް ރިޒާވުގެ 50 ޕަސެންޓް ކޮންމެ މަހަކު ތެޔޮ ގަންނަން ހަރަދު ކުރަން ޖެހުމެވެ. ލޯނު ނަގައި ދަރަނި 124 ބިލިއަން ރުފިޔާއަށް މަތި ކުރި ނަމަވެސް ވީއައިއޭ ފަދަ ލޯނު ދެއްކެން ހުރި ތަންތަން ނުހުޅުވުމުގެ ނަތީޖާއަކީ ލޯނު ދެއްކޭނެ ގޮތެއް ނެތުމެވެ. 

ސޮވްރިން ފަންޑަށް ފަސް ބިލިއަން ރުފިޔާ މިދިޔަ ފަސް އަހަރު ބޮޑު ކުރި އެވެ. މިއީ ރަނގަޅަށް ކުރި ކަމެކެވެ. އެކަމަކު ހަގީގަަތީ މި ފަންޑަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު 200 މިލިއަން ޑޮލަރު ނަގުދު ކޭޝްގެ ގޮތުގައި ހުރި ފަންޑެކެވެ. އެ ވެރިކަމުގައި މި ފަންޑު ހެދީ ލޯނު ދައްކާށެވެ. އެކަމަކު ވެރިކަން ނިމުނުއިރު ފަންޑުގައި ކޭޝްގެ ގޮތުގައި އަތްލެވެން ހުރީ ދެ މިލިއަން ޑޮލަރެވެ. މިހާރު 54 މިލިއަން ޑޮލަރު ހުރެގެން އެ ވާހަކަ ދައްކާއިރު އެއާޕޯޓް ޗާޖަސް ބޮޑުކޮށް ކްރޮސް ސަބްސިޑީ މަޝްރޫއު ހިންގިއިރު އެސްޑީއެފަށް ފައިސާ ޖަމާ ނުކުރީ ކީއްވެގެން ތޯ ސުވާލު އުފެދެ އެވެ.

މިނިސްޓަރު އިބްރާހިމް އަމީރު: ލޯނާއި ދަރަނީގެ މައްސަލާގައި އަބަދު ވާހަކަ ދައްކަވާ -- މި

އެމްޑީޕީއަށް މަޖިލީހުގެ ފުލް މެޖޯރިޓީ އޮވެމެ އެސްޑީއެފް ގާނޫނެއް ހަދައި ފިނޭންސް މިނިސްޓަރު ބޭނުން ވަގުތަކު އެއަށް އަތް ނުބޭނޭ ގޮތަށް "ތަޅު" ނޭޅުވީ ކީއްވެގެން ތޯ ރައްޔިތުން ސުވާލު ކުރެ އެވެ. އެސްޑީއެފް ފަންޑަކީ ލޯނު ދައްކާ ފަންޑެވެ. އިގްތިސޯދީ ދަތި ހާލަތެއް އަތުވެއްޖެނަމަ ދިވެހިންނަށް އެހީވާނެ ފަންޑެކެވެ. އެކަމަކު އޭގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ. ބާކީ ހުރި ހުރިހާ އެއްޗެއް ހުރީ މިއިން ދުވަހަކު މި ފަންޑަށް ރިޓާން ނުލިބޭ ގޮތަށް ދިގު މުއްދަތުގެ ސެކިއުރިޓީގައި އިންވެސްޓް ކޮށްފަ އެވެ. މިއީ އަތް ލެވޭނެ އެޗެއް ނޫނެވެ. މި ހުރިހާ ކަމެއް ކޮށްފައި ނުކުމެވަަޑައިގެން ކަންކަން ކުރެއްވީ އެންމެ ރަނގަޅަށް ކަމަށް ވާހަކަ ދެއްކުވުމަކީ ތަންދޮރު ދަންނަ ހަމަ ގަބޫލުކުރާ މީހުން ކޮށްއުޅޭ ޒާތުގެ ކަމެއް ނޫނެވެ.

އެންމެފަހުން އެނގިގެން ދިޔަ ހަގީގަތަކީ ފިޗުގެ ރޭޓިން ދަށްވުމުގެ ސަބަބަކީ ވެސް އަމީރުގެ މި ނާގާބިލް އަތުން ދޫވެފައިވާ ސިޔާސަތުތަކުގެ ނަތީޖާ އެވެ. 

ފިޗުގެ ރޭޓިން ދަށްވީ އިސްލާހީ ފިޔަވަޅު ނޭޅުމުން

ރާއްޖޭގެ ރޭޓިން ފިޗުން ދަަށްކުރި ސަބަބާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަކީ ކޮވިޑަށްފަހު އެންމެ އަވަހަށް އިގްތިސޯދު އިޔާދަވި އެއް ގައުމެވެ. ނަމަވެސް އޭގެ ފަހުން ދައުލަތުގެ މާލިއްޔާ އަށް ގޮންޖެހުން ހުރިކަން 2022-2023 ގައި ބަޖެޓު ފޮތާއި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓު ތަކުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންތިހާބުން ބަލިވެ -- ނޮވެމްބަރު 17 ވަނަ ދުވަހާ ހަމަ އަށް ވެސް ފިސްކަލް ހިރާސް ކުޑަ ކުރަން ފިޔަވަޅު އަޅާފައެއް ނެތެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ހަރަދު ކުޑަކުރަން ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލިގެން ގޮސް މި ޑެފިސިޓް ފޫބައްދަން ކޮންމެ އަހަރުކު ވެސް ނަގަން ޖެހޭ ދަރަނި މަތިވެގެން ދިއުމުގެ ސަބަބެވެ. 

"... މިކަމުގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް ނުވަތަ ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާ އަށް އުފުލިފައިވާ ގައުމެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ 2022 ވަނަ އަހަރުގެ އާޓިކަލް 4 ކޮންސަލްޓޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު މިކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައިވުމަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފިޗް ރޭޓިން މައިގަނޑު ޑައުން ގްރޭޑްކުރި މައިގަނޑު ސަބަބެވެ،" ފިނޭންސުގެ ބަޔާނެއްގައި ބުނެފައިވެ އެވެ. 

ފިޗުގެ ރޭޓިން ދަށްވި ސަބަބުވެސް އެއޮތީ އެނގޭށެވެ. މިހުރިހާ ކަމެއްގެ ހަގީގީ އަސްލަކީ ކުރީގެ މިނިސްޓަރު އަމީރުގެ ނާގާބިލް ސިޔާސަތުތައްކަން ނޭނގޭ މީހަކު ނެތެވެ. ޓޫރިޒަމް ރަނގަޅިއްޔާ އެ ފައިސާ ބަހަން ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. އަމީރު ކުރީ އެކަމެވެ. ކޮވިޑަށް ފަހު ރާއްޖެ އެކަނި ދުނިޔޭގައި ހުޅުވިފައި އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އާމްދަނީ މަތިވި ވަގުތު އެ ފައިސާ ބެހީ އެވެ. މިނޫން ކަމެއް ފެންނަން އެބައޮތް ހެއްޔެވެ؟  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.