މިއަދުގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދަރަނި ދެއްކޭނެ ކަމަށް ވިދާޅުވެ ވައުދުވި ކަމަށެވެ. ސަރުކާރު މެންބަރުން ވިދާޅުވީ އޭރު ހަގީގަތް ސާފު ނޫން ކަމަށެވެ.
ދިވެހި ދައުލަތް ދަރަނިން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ދަރަނި މެނޭޖް ކުރެވޭނެ ގޮތް ހޯދިފައި އޮތް ކަމަށް ވެރިކަމަށް އައުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހަގީގަތް ހާމަނުކުރާތީ ކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެންބަރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން ދަރަނި މެނޭޖް ކުރެވޭނެ ކަމަށް ކެމްޕޭން ޖަލްސާއެއްގައި ރައީސް މުއިއްޒު ދައްކަވާފައިވާ ވާހަކަފުޅެއް ހަމަ އެގޮތަށް މަޖިލީހުގައި އިއްވާފަ އެވެ.
ރައީސް މުއިއްޒު އޭރު ވިދާޅުވީ، "ކަންކަން ކުރެވޭ ވަރަށް ކޮންމެ މަހަކު ވަދޭ ފައިސާ. އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ދެއްކޭގޮތަށް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފައި. މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގުނަލް ލިބިފައި. ދައްކަން ހުރި ބޮޑެތި ބައެއް ލޯންތަކަށް ރީ ފައިނޭންސް ކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފައި. އެހެންވީމާ އެއްވެސް ކަންބޮޑުވުމެއް ނެތް" މީކާއިލް ރައީސް މުއިއްޒުގެ ވާހަކަ ކޯޓްކުރައްވަމުން ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، ދަރަނި އޮތްކަން އެނގިގެން އައި ސަރުކާރުން ބޭކާރު އެތައް ކަމެއް ކުރައްވާފައިވާކަމަށެވެ. އެކަންކަން ކުރައްވަނީ ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ މާލީ ހާލަތު ނޭނގޭތީތޯ ނުވަތަ ގަސްތުގައި، ރާއްޖެ އަނދަވަޅަކަށް ވައްޓާލުމަށްތޯ އޭނާ ސުވާލުކުރެއްވި އެވެ.
"ވެރިކަމަށް ވަޑައިގެން ދިވެހި ރާއްޖޭގެ މާލީ ކަންކަން މިހާ ރަނގަޅަށް މެނޭޖްކުރައްވަން ވިސްނަވައިގެން ހުރީމާހެން އަޅުގަނޑަށް ހީވަނީ، އަނެއްކާވެސް 21 މިލިއަން ރުފިޔާއިން މުލީއާގެ މަރާމާތުކުރައްވަން ނިންމެވީ. އިއްޒަތްތެރި ރައީސް، އަޅުގަނޑަށް ހީވަނީ ދިވެހިރާއްޖޭގެ މާލީކަންކަން ވަރަށްވެސް ރަނގަޅަށް ހުރީމާހެން އެއެއް މިއެއް ނުބަލާ، ކަނާތުން ވާތަށް އަތުރާލާފާ، އަދަދު ނޭނގޭހާ، އަދަދު ނޭނގޭހާ ގިނައިން ސިޔާސީ މުވައްޒަފުން ސިޔާސީ މުވައްޒަފުން ނަގަމުން ނަގަމުން އައީ" މީކާއީލް ވިދާޅުވި އެވެ.
މީކާއިލްގެ ވާހަަކަ ކުރިއަށް ގެންދަނިކޮށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، ދަރަނި މެނޭޖްކުރެވޭނެ ކަމަށް ރައީސް މުއިއްޒު އޭރު ވައުދުވެވަޑައިގަތީ އޭރުގެ ސަރުކާރުން ސިއްރުކޮށްފައިވާ ކަންކަން ލޮލަށް ނުފެންނާތީ ކަމަށެވެ.
ދެން ބަހުސްކުރެއްވި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ ގައުމު މިހާލަކަށް ގެނައީ އެމްޑީޕީއިން ވިސްނުމެއް ނެތި ކުރި ވެރިކަމުގެ ސަބަބުން ކަމަށެވެ. އެކި ދިމަދިމާއިން "ހެސްކިޔާފައި" ލޯނުތައް ނަގަމުން ދިޔަ ނަމަވެސް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކުރިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ހެސްކިޔާފަ ނެގީ ދަރަނި. ރަނގަޅު ވާހަކައެއް، އަޅުގަނޑު ގަބޫލުކުރަން ދަރަނިވެސް ނަގަން ޖެހޭނެ އެކަމަކު އޭގަ އިންނާނެ ލިމިޓެއް. ދުނިޔޭގެ ފައިނޭޝަލް ފާމްތަކުން އެދުވަހު ވެސް ދިޔައީ އަޅުގަނޑުމެންނަށް އިންޒާރު ދެމުން ފިޗުގެ ރޭޓިން ދަށްވެއްޖެއޭ ދުނިޔޭގެ ދެބިތުގައި ހަނގުރާމަތައް ކުރަމުން ދެޔޭ." ޒަރީރު ވިދާޅުވި އެވެ.
ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ވެރިއަކު ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ކޮށްފާނެކަމުގެ ބިރަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
"މިފަދަ ބިލެއް ފޮނުވަން މި ޖެހެނީ ދިވެހިރާއްޖެއަށް ވަންނަ ކޮންމެ ލޯލާރިއެއް، ދަރަންޏެއް ގޮތުގައި ވިޔަސް، ހިލޭ އެހީއަކަށް ވިޔަސް އަދި ޓެކުހެއްގެ ގޮތުގައި ވަންނަ ކޮންމެ ފައިސާއަކީ ރައްކާތެރިކަމާ އެކީގައި ހިމާޔަތްކުރެވިފައިވާ ފައިސާއެއްކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިއަދު އެބަ ގަބޫލުފުޅުކުރައްވާ. ވަތްގަނޑުން ބޭރުވާ ކޮންމެ ފައިސާއެއް ބޭރުވެގެން ދަނީ ޒިންމާދާރުކަމާ އެކީގައި ކަން އެމަނިކުފާނު އެބަ ގަބޫލުފުޅުކުރައްވާ." ޝުޖާއު ވިދާޅުވި އެވެ.
2018 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި އޮތް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެސް ގައުމު ދަރަނިވެރި ކުރުވިކަމަށް އެމްޑީޕީއިން ބުނާއިރު، އެ ވެރިކަމުގައި ކޮށްފައި ހުރި މަސައްކަތްތައް ފެންނަން ހުރިކަމަށާއި، ސަތޭކަ އެތައް ބިލިއަނަކުން ދަރަނިވެރިވި ރައީސް ސޯލިހުގެ އެމްޑީޕީ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވުން ނޫން ކަމެއް ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ދަރަންޏާ ބެހޭ ބިލުގައި ދައުލަތުގެ ދަރަނި ބެލެހެއްޓުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދަށުން ހާއްސަ އިދާރާއެއް ހަދަން ޖެހޭނެ ކަމަށް ބަޔާންކޮށް ހިމަނާފައިވެއެވެ.
މިބިލަކީ ދައުލަތުން ދަރަނި ނަގައި ބަލަހައްޓަނީ ގައުމުގެ އިގްތިސޯދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވި ގައުމުގެ އިގްތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ބިލުގެ ބަޔާނުގައި ވެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މިބިލުން ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޫކުރުމާއި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމާއި މޮނިޓާކުރާ އުސޫލުތައް ހިމަނާފައި ވެއެވެ.