ފުޓޭޖުން ފެންނަނީ އެތައް ފަހަރަކު ޖަމީލު ސަޖިދައިން ތެދުވާން މަސައްކަތް ކުރާ މަންޒަރެވެ. ކޮންމެ ފަހަރަކު ވެސް ބޯ ހިއްލާލުމަށްފަހު އަލުން ބޯ ތިރިކުރަނީ އެވެ.
މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ ޒަމާނީ ވިލާ، މުހައްމަދު ޖަމީލު ހަރަކާތެއް ނެތި ސަޖިދައިގައި ހަތަރު ގަޑިއިރު އޮތް ކަމަށާއި އޭނާގެ ހަށިގަނޑުން ފެނުނު އަނިޔާތަކަކީ މީހެއްގެ ފުށުން ލިބުނު އަނިޔާތަކެއް ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހިއްސާ ކުރުމަށް ފުލުހުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ފުލުހުން ބުނީ އިއްޔެ ގާތްގަނޑަކަށް 11:34 ހާއިރު ޖަމީލު އެއްވެސް ހަރަކާތެއް ނެތި ގޮޅީގައި އޮއްވާ ފެނިގެން މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ އަނގައިން ފޮނު ކަހަލަ އެއްޗެއް ނުކުމެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ކަރެކްޝަނުން ބުނީ އާންމު ގޮތެއްގައި ގަޑިއަކުން އެއް ފަހަރު ގައިދީންގެ ހާލު ބަލަން ޖަލު އޮފިސަރުން ގޮޅިތަކަށް ދާ ކަމަށެވެ. ޖަމޅު އޮތް ގޮޅީގެ ފޮރު ހުޅުވިއިރު އެނާ ސަޖިދައިގައި އޮތުމުން އޮފިސަރު އަޅާ ނުލާ ދިޔައީ ކަމަށެވެ. އެ ބްލޮކަކީ ހެނދުނު 7 އިން ރޭގަނޑު 9 އަށް ސެލްތަކުގެ ދޮރު ހުޅުވާފައި ހުންނަ ބްލޮކެއް ކަމުން އޮފިސަރުން ވަކިވަކި ސެލްތަކަށް ގޮސް ބަލައި ނުހަދާ ކަމަށެވެ.
ފުލުހުން މިއަދު ވަނީ އޭނާ ސަޖިދައިގައި އޮތް ސީސީޓީވީ ފުޓޭޖް ވެސް ދައްކާފަ އެވެ. ފުޓޭޖުން ފެންނަނީ އެތައް ފަހަރަކު ޖަމީލު ސަޖިދައިން ތެދުވާން މަސައްކަތް ކުރާ މަންޒަރެވެ. ކޮންމެ ފަހަރަކު ވެސް ބޯ ހިއްލާލުމަށްފަހު އަލުން ބޯ ތިރިކުރަނީ އެވެ. ހީވަނީ ތެދުވާން އުޅެ އެކަމަކު ނުތެދުވިގެން އުޅޭ ހެންނެވެ. މިފަދަ ހަރަކާތްތަކެއް ކުރުމަށްފަހު އެންމެ ފަހުން އޭނާގެ ހަރަކާތެއް ކެމެރާއިން ފެންނަނީ ހެނދުނު 7:43 ގައެވެ. އޮފިސަރުންނަށް އޭނާގެ ހަރަކާތެއް ނެތްކަން ކަށަވަރުވެފައި ވަނީ 11:34 ގައެވެ.
ފުލުހުން މިއަދު ބުނީ މިހާތަނަށް ހިންގި ތަހުގީގުން ޖަމީލުގެ ހަށިގަނޑަކަށް އެއްވެސް މީހަކު ޖިސްމާނީ އަނިޔާއެއް ދީފައިވާކަން އެނގެން ނެތް ކަމަށެވެ. އޭނާގެ ހަށިގަނޑުން ނިޝާންތައް ފެންނަން ހުރުމުން ތަހުގީގަށް އިތުރު ކަންކަން ފުރިހަމަ ކުރުމަށް މާލެ ގެނެސް، އައިޖީއެމްއެޗުން ވަނީ ސީޓީ ސްކޭނެއް ވެސް ހަދާފަ އެވެ. ނަމަވެސް އޭގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހަށިގަނޑުން އެއްވެސް ކަމެއް ނުފެންނާނީ ހަށިގަނޑު އިތުރަށް ނުބާއްވާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަށިގަނޑު އާއިލާއާ ހަވާލުކުރި ފަހުން "ޖަމީލަށް އަނިޔާކޮށް މަރާލީ" ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯއާއެކު ވާހަކަތައް ދައުރުވާން ފެށުމުން އަލުން އޮޓޮޕްސީ ހަދަން ނިންމީ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ހޯމް މިިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަލުން އޮޓޮޕްސީ ހަދަން ނިންމީ ދައުރުވަމުންދާ ފޮޓޯތަކާ ވެސް ގުޅިގެން ތަހުގީގަށް އިތުރު ކަންކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެހެންވެ، އޮޓޮޕްސީ ހަދަން އާއިލާއާއެކު މަޝްވަރާ ކުރި ނަމަވެސް އާއިލާއިން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއިލާއިން ވަރަށް ސާފުކޮށް އަޅުގަނޑަށް ދެންނެވި، އެ ބޭފުޅުންގެ އެއްވެސް ޝަކުވާއެއް ނެތޭ މީ ގަސްތުގަ މީހަކު ޖިސްމާނީ ގޮތުން ގެއްލުންދީފައިވާ ކަމެއް ކަމަށް. އެބޭފުޅުންނަށް ގަބޫލު ކުރެވެއޭ މީ ގުދުރަތީ މަރެއް ކަމަށް. އެހެންވީމަ އެބޭފުޅުން އެގޮތަށް ކުރިއަށް ދާށޭ ބޭނުންވަނީ، ހަށިގަނޑަށް އިތުރަށް ގެއްލުން ދޭކަށް ބޭނުމެއް ނުވެޔޭ،" އާއިލާއާ ހަވާލާދެއްވައި އިހުސާން ވިދާޅުވި އެވެ.
އާއިލާއިން އެގޮތަށް އެދުމުން މިއަދު ހެނދުނު 6:30 ހާއިރު ޖަމީލުގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.
އޭނާގެ ނިއްކުރިއާ މޫނުމަތި ނޫފައިގެންފައި ވަނީ ގިނަ އިރުތަކެއް ވާންދެން އެއް ގޮތަކަށް އޮތުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އޮގަސްޓު 22، 2022 ގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަމީލު ބަންދު ކުރީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގަ އެވެ. އޭނާ ބަންދު ކުރުމަށްފަހު ފުރަތަމަ ބެހެއްޓީ ހައި ރިސްކު ސެލްއެއްގަ އެވެ.
ކަރެކްޝަނުން ބުނީ އެ ގޮޅީގައި ތިބި މީހުންނަށް ޖަމީލުގެ ފަރާތުން އުނދަގޫވާތީ ދެން ބަދަލުކުރީ އިއްޒަތްތެރިން ބަންދު ކުރާ ހައި ސެކިއުރިޓީ ގޮޅިއެއްގައި ކަމަށެވެ. އެތަނުގައި އޭސީ އަދި އެނދު ވެސް ހުރެ އެވެ. ނަމަވެސް އެ ގޮޅީގައި ހުރި އޭސީ ޖަމީލު ހަލާކުކޮށްލީ އެވެ. އޭސީ އަދި އެނދު ބޭނުން ނޫން ކަމަށް ޖަމީލު ބުނުމުން އެތަކެތި އެ ގޮޅިން ނަގާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
ޖަމީލު އެގޮޅިއަށް ބަދަލުކުރި ފަހުން އެ ގޮޅީގައި ހަރުކުރި ސީސީޓީވީ ކެމެރާ ވެސް އޭނާ ހަލާކު ކޮށްލި ކަމަށް ކަރެކްޝަނުން ބުންޏެވެ. ފުރަތަަމަ ކެމެރާ ހަލާކުކޮށްލުމުން ދެވަނަ ކެމެރާއެއް ހަރުކުރި އެވެ. މިއަދު ފުޓޭޖް ދެއްކި ކެމެރާއަކީ ދެވަނަ ކެމެރާ ކަމަށާއި، ވީޑިއޯ ފުސްކޮށް ފެންނަނީ އޭގައި އޭނާ ދަތް އުނގުޅާ ބޭސް ހާކާފައި ހުރުމުން ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ. އެ ކެމެރާ ބަދަލުކޮށްފައި ނުވަތީ އާ ކެމެރާއަށް އަލުން ގެއްލުން ދީފާނެތީ ކަމަށް ވެސް އެ އިދާރާއިން މިއަދު ބުނެފައިވެ އެވެ.
ޖަމީލު އެފަދަ ކަންތައްތައް ކުރަމުން ދިޔައީ އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރުމުންނެވެ. ކަރެކްޝަނުން ބުނީ އޭނާގެ އެފަދަ މައްސަލަތައް ހުންނާތީ އޭނާއަށް ހާއްސަ ސަމާލުކަމެއް ދެމުން ގެންދިޔަ ކަމަށެވެ. ހައި ސެކިއުރިޓީ ގޮޅީގައި އޭނާ ގެންގުޅެމުން ދިޔައީ ވެސް އެހެންވެ ކަމަށެވެ.
އެހާ ގިނައިރު ހަރަކާތެއް ނެތި މީހަކު މަރުވެފައި އޮތްއިރު، ޖަލު އޮފިސަރުން އަޅާ ނުލައި ތިބުމުން ގިނަ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެހެން ނުވާނެ ކަމަށާއި ގަޑިން ގަޑިއަށް އެމީހުންގެ ކަންކަން ދެން ބަލާނެ ކަމަށެވެ. އެގޮތަށް ނުބެލި ދިޔައީ އެއީ ހުޅުވާފައި ހުންނަ ގޮޅިތަކަކަށް ވުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.