ޝަމްނާޒްގެ ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ނުދިން ވާހަކަ ދޮގުކޮށްފި

"މިއީ ހަގީގަތާއި ހިލާފު މައުލޫމާތެއް. ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަގީންކޮށްދޭ. އެމަގުން މިކަންވެސް ހަމަޖެހިފައިވާނެކަން ވާނީ އެންގިފައި،"

އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ސިހުރު ހެދުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒު އަލީ ސަލީމްގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް ފުލުހުން ފުރުސަތު ނުދޭ ކަމަށް މީޑިއާއެއްގައި އާންމުކޮށްފައިވާ ހަބަރު ފުލުހުން ދޮގުކޮށްފި އެވެ.

ޝަމްނާޒްގެ އާއިލާއާ ހަވާލާދީ "އަދަދު" ނޫހުން މިއަދު ޝާއިރުކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ އޭނާގެ ދޮޅު އަހަރުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށެވެ. ތުއްތު ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ހޯދައިދޭން ކޯޓުގައި ވެސް އެދިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ވިދާޅުވީ، ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.

"މިއީ ހަގީގަތާއި ހިލާފު މައުލޫމާތެއް. ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަގީންކޮށްދޭ. އެމަގުން މިކަންވެސް ހަމަޖެހިފައިވާނެކަން ވާނީ އެންގިފައި،" ޝިފާން ވިދާޅުވި އެވެ.

މި މައްސަލައިގައި ޝަމްނާޒްގެ ކޮއްކޮ ހައްވާ ސަނާ ސަލީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެމީހުން ސިހުރު ހަދާފައި ވަނީ ސީދާ ރައީސަށާއި އާއިލާއަށްކަން ކަށަވަރުކޮށްދީފަ އެވެ. ފުރަތަމަ ޝަމްނާޒް ހައްޔަރު ކުރުމަށްފަހު ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝަމްނާޒަކީ މާލެ ސިޓީ ކައުންސިލުގައި ރައީސް މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ ރައީސްކަމަށް އެމަނިކުފާނު އިންތިހާބު ވަޑައިގަތުމުން މުލިއާގޭ ވަޒީފާއަށް ވަޑައިގަތުމަށެވެ.

ޝަމްނާޒުގެ ކުރީގެ ފިރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުވެސް ސަސްޕެންޑުކޮށްފައިވެ އެވެ. އޭނާ ސަސްޕެންޑު ކުރި ސަބަބެއް ސަރުކާރުން ހާމަނުކުރެ އެވެ. އެ ބޭފުޅުންގެ ކާވެނި ރޫޅާލެއްވީ މި މަހު ކަމަށް އެނގިފައިވެ އެވެ. މުލިއާގޭގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރުމަށްފަހު އޭނާ ފަހުން ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.