ހަރަދު ކުޑަކުރުމަށް މަގާމުތައް މަދުކޮށް މިނިވަންދުވަހުގެ ހަރަކާތްތައް މަދުކުރަން ނިންމަވައިފި

މުނާސަބަތުތަކާ ގުޅިގެން ބާއްވާ ހަފުލާތައް މަދުކޮށް ނުވަތަ ހަފުލާތައް ނުބާއްވަން ނިންމާފައިވާކަން ހާމަކުރެއްވުމާއެކު، ރައީސް ވިދާޅުވީ ކުރިއަށް އޮތް މިނިވަން ދުވަހުގައި ބާއްވަން ނިންމާފައިވާ ފުޅަނދުބުރާއި ކުޅިވަރުތައް ނުބާއްވާނެ ކަމަށެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް މިނިވަން ދުވަހުގެ މުނާސަބާ އިހުތިފާލު ކުރުމަށް ބާއްވާ ހަރަކާތްތައް މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. 

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު މި ހާލަތުގައިވެސް ބައެއް ފިޔަވަޅުތައް އެޅުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ. އެގޮތުން ތަންފީޒުކުރަން ނިންމާފައިވާ ބައެއް ކަންކަން ރައީސް މިރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފާހަގަ ކުރެއްވި އެވެ. 

ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ނުވަތަ ރިކަރަންޓު ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމެނޭ ކަމަށެވެ. އެ ފިޔަވަޅުތަަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުމާއި ބައެއް ހަފުލާތައް ނުބޭއްވުން ހިމެނޭ ކަަމށް އެމަނިކުފާނު ވިދާޅުވި އެވެ. 

ހަރަދު ކުޑަކުރުމަށް ބައެއް މުނާސަބަތުތަކާ ގުޅިގެން ބާއްވާ ހަފުލާތައް މަދުކޮށް ނުވަތަ ހަފުލާތައް ނުބާއްވަން ނިންމާފައިވާކަން ހާމަކުރެއްވުމާއެކު، ރައީސް ވިދާޅުވީ ކުރިއަށް އޮތް މިނިވަން ދުވަހުގައި ބާއްވަން ނިންމާފައިވާ ފުޅަނދުބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ހަރަކާތްތައް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެ ހަރަކާތްތައް ނުބާއްވައި މިފަހަރު މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާނީ ހަމައެކަނި މިނިވަން ދުވަހުގެ ޖަލްސާއެކެވެ. 

މިނިވަން ދުވަހުގައި ބާއްވާ ހަރަކާތްތައް މަދުކުރުމުން ދައުލަތުގެ ހަރަދުތައް އެތައް ގުނައަކުން ކުޑަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހަރަދު ކުޑަކުރުމަށް އިތުރު ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ. 

ހަރަދު ކުޑަކޮށް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ބޮޑެތި މާލީ އިސްލާހުތަކެއް އެކިލެވޭ އިސްލާހީ އެޖެންޑާއެއް ތަންފީޒުކުރަން ފަށަން ސަރުކާރުންވަނީ ނިންމާފަ އެވެ. ސަރުކާރުން ގެންނަން ކަނޑައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާސަންދައާއި ސަބްސިޑީގެ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.