އަމީރުގެ އަންދާޒާ؛ މި މަސް ނިމޭއިރު މުސާރައިގެ ހަރަދު 700 މިލިއަނުން ބޮޑުވާނެ

އަމީރު ވިދާޅުވި ގޮތުގައި މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުގައި ފާއިތުވި އަހަރަށްވުރެ މި އަހަރު މުސާރައަށް ކުރި ހޭދަ ކުޑަވިކަމަށް ފެންނަނީ މި އަހަރުގެ އެ މުއްދަތުގައި މުވައްޒަފުންނަށް މުސާރަ ދީފައިނުވާތީ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު : ބޮޑު ހަރަދެއް ކުރަނީ ރިކަރަންޓް ހޭދައަށް -- ފިނޭންސް

މި މަސް ނިމޭއިރު މިއަހަރު މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ސަރުކާރުން ކުރާ ހަރަދު ފާއިތުވި އަހަރަށްވުރެ 700 މިލިއަނާއި 800 މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. 

މިއަދު ފިނޭންސް މިނިސްޓްރީންވަނީ 20 ޖޫންއާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއާއި ކުރި ހަރަދުގެ ތަފުސީލު ޝާއިއުކޮށްފަ އެވެ. ހަފުތާއަކު އެއްފަހަރު ޝާއިއު ކުރާ މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ނިމުނު އަހަރު ހިނގި ހޭދައަށްވުރެ 376 މިލިއަނެއްހާ ރުފިޔާ ކުޑަ އެވެ.

މި ހިސާބުތަކާ ގުޅޭ ގޮތުން "މިރާ"އާ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ފާއިތުވި އަހަރުގެ ޖޫން 20 ވަނަ ދުވަހުގެ ކުރިން މުސާރައިގެ ހަރަދު ބޮޑުވި ސަބަބަކީ ނިމުނު އަހަރުގެ ބޮޑު އީދު ދުވަސް ޖޫން މަހުގެ 27 ވަނަ ދުވަހާ ދިމާވުމުން އީދު ބަންދު ފެށުމުގެ ކުރިން މުވައްޒަފުންނަށް މުސާރަ ދިނުމުގެ ގޮތުން ބައެއް މުވައްޒަފުންގެ މުސާރަތަށް ޖޫން 20 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާތީ ކަމަށެވެ. 

އަމީރު ވިދާޅުވި ގޮތުގައި މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުގައި ފާއިތުވި އަހަރަށްވުރެ މި އަހަރު މުސާރައަށް ކުރި ހޭދަ ކުޑަވިކަމަށް ފެންނަނީ މި އަހަރުގެ އެ މުއްދަތުގައި މުވައްޒަފުންނަށް މުސާރަ ދީފައިނުވާތީ އެވެ. އަދި މި މަހުގެ މުސާރަ ދިނުމުން މުސާރައަށް ކުރާ ހަރަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. 

"މުސާރައިގެ ހަރަދުގެ ޓްރެންޑު ހުރި ގޮތުން މި ސަރުކާރުން މުސާރައަށް ޖޫން މަހު ކުރި ހަރަދު އެނގޭނީ ދެން ނެރޭ ފިސްކަލް ޑޭޓާއިން. އަޅުގަނޑަށް ބޮޑަށް ބެލެވެނީ 700 މިލިއަން ފަހަނައަޅައި 800 މިލިއަނުގެ ޑިފަރެންސްއެއް ފަރަގެއް 2023 ގެ ހަރަދާ އަޅަބަލާއިރު ހުންނާނެހެން،" އަމީރު ވިދާޅުވި އެވެ. 

ފާއިތުވި މަސްތަކުގައި ރިކަރަންޓު ހަރަދު ނިމުނު އަހަރަށްވުރެ އިތުރުވުމާ ގުޅިގެން އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުވީ މައިގަނޑު ގޮތެއްގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވުމުންނެވެ. 

ނަމަވެސް އިއްޔެ އޮތް މާލިއްޔަތު ކޮމިޓީއަށް ދައުލަތުގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ މުސާރައަށް ކުރާ ހޭދަ އިތުރުވީ ފާއިތުވި އަހަރު ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރުމާއި، މި އަހަރުގެ ކުރީ ކޮޅުގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމުންނެވެ. 

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މިހާރު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 ގާތްކުރެ އެވެ. އަދި މިހާތަނަށް ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކޮށްފައިނުވެ އެވެ. ބައެއް ވުޒާރާތަކުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން ހާމަކޮށްފައިވާއިރު، އެވެރެޖުކޮށް ކޮންމެ ވުޒާރާއެއްގައިވެސް 40 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.