އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަމަކީ ދޭދޭ ގައުމުތަކާއި ގިނަ ގައުމުތައް ބައިވެރިވާ މާލީ އިދާރާތަކުން ރަނގަޅު ޝަރުތުތަކާއެކު ފައިސާ ހޯދުމަށް މަގުފަހިވެ، ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުވާނެ ކަންކަމެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން މުރާޖައާ ކުރުމަށްފަހު، ކުރިންވެސް ދިން ރޭޓިން ދެމެހެއްޓުމަށް މޫޑީސްއިން ނިންމި ނިންމުމުގައި ފާހަގަކުރި ކަންކަމަކީ ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މޫޑީސްގެ އިއުލާނާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ އަދި އިގުތިސާދީ މާލީ ކުރިމަގު އެއް މިންގަނޑެެއްގައި ހިފަހެއްޓޭނެކަމަށް މޫޑީސްއިން ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނީގެ ޕްރޮފައިލަށް ހުރި ހިރާސްތައް ހުރީ ތިލަފަތް ހަމަގޮތެއްގައި މިހާރުގެ ރޭޓުގެ މިންގަނޑުތަކުގެ ތެރޭގައިކަން މޫޑީސްއިން ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި ފަތުރުވެރިކަން ކުރިއަށް އޮތް ތަނުގައި ކުރިއަރާނެކަމަށް ބެލެވޭތީއާއި، އިގުތިސާދު ފުޅާވާނެކަމަށް ލަފާކުރެވުމާއި، ޓެކުހަށް ގެނައި އިސްލާހުތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ އެކަމުގެ ސަބަބުން މާލީ އިސްލާހުތައް ގެނައުމަށް ފަސޭހަވާނެ ކަމަށް މޫޑީސްގެ އެސެސްމެންޓުގައި ބަޔާންކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.
އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރެވި އިގުތިސާދު ސިންދަފާތުވެ، އިންސާނީ ވަސީލަތް ތަރައްގީކުރަން މިހާރަށްވުރެ ބޮޑަށް އިންވެސްޓުކުރެވޭނަމަ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރަށްވުރެ ރަނގަޅުވުމުގެ ފުރުސަތު އޮތްކަން މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މާލީ އިސްލާހުތައް ގެނައުމުގެ ޒަރޫރަތްތެރިކަން ސަރުކާރަށް ފާހަގަވެ، މާލީ އިސްތިގުރާރު/ ހަމަޖެހުން ކަށަވަރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދެ އެވެ.
އަދި މޫޑީސްގެ އެސެސްމެންޓުގައި ފާހަގަކުރި ކަންކަމަކީ މި ހަފުތާގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ މާލީ އިސްލާހުތަކުގައި ހިމެނޭ ކަންކަން ކަމުގައިވާތީ އެއީ ސަރުކާރަށް ލިބުނު އިތުރު އިތުބާރަކާއި ހިތްވަރެއް ކަމަށް ފިނޭންސްއިން ބުންޏެވެ.
އަދި އެ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަމަކީ ދޭދޭ ގައުމުތަކާއި ގިނަ ގައުމުތައް ބައިވެރިވާ މާލީ އިދާރާތަކުން ރަނގަޅު ޝަރުތުތަކާއެކު ފައިސާ ހޯދުމަށް މަގުފަހިވެ، ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުވާނެ ކަމަށެވެ.
ސަރުކާރުންވަނީ ރާއްޖެއިން ނަގާފައިވާ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި، ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާ ރަނގަޅަށް ތަންފީޒުކުރެވުމުން ކުރިއަށް އޮތް ތަނުގައި ރޭޓިން މުރާޖައާކުރާއިރު ރަނގަޅު ރޭޓިންއެއް ލިބޭނެ ކަމުގެ އިތުބާރު އޮތްކަމަށް މިނިސްޓްރީން ބުންޏެވެ.