ފިޗްއާއި މޫޑީސްގެ ރޭޓިން؛ ރަނގަޅު ރޭޓިންއަކަށް ދެވިދާނެ މަގެއް އެބައޮތް؟

ރަނގަޅު ނިންމުންތަކެއް ނިންމަައި، މާލީ އިސްލާހުތައް ތަންފީޒުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރެވިއްޖެނަމަ "ގާބެޖް ރޭޓިން"ގައި ތާށިވެފައި އޮންނަންނުޖެހި ރާއްޖެއަށް މިހާރަށްވުރެ ރަނގަޅު ރޭޓިންއެއް ހޯދޭނެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ދެ އެޖެންސީ ކަމަށްވާ މޫޑީސްއާއި ފިޗުގެ ރޭޓިންތައް އިއްޔެއާއި މިއަދު ޝާއިއުކޮށްފައިވާއިރު، އެ ރޭޓިންތަކާއެކު ދެ އެޖެންސީންވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ވަޒަންކޮށް ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެކަންކަމަށް ބަލާއިރު ދައުލަތުގެ މާލީ ހާލަތަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ފާހަގަކޮށްފައިވެ އެވެ. އަދި އެ ހިރާސްތައް ކުޑަވެދާނެކަމުގެ އުންމީދު އާވާ ބައެއް ސަބަބުތައްވެސް ބަޔާންކޮށްފައިވެ އެވެ. 

2021 ވަނަ އަހަރު މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ1 ދަރަޖައަށް ދަށްކުރި އެވެ. އަދި ފިޗުންވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީމައިނަސްގެ ދަރަޖައަށް ދަށްކުރި އެވެ. ދެ އެޖެންސީން އެއިރު ފާހަގަކުރަމުންދިޔައީ ގާތް ގަނޑަކަށް އެއް ކަންތައްތަކަކެވެ. ދަރަނި ބޮޑުވުމާއި ހަރަދުތައް އާމްދަނީގެ މިންގަނޑުގެ ތެރޭގައި ނުހިފަހެއްޓުމުގެ ސަބަބުން ބޭރުގެ ދަރަނި އަދާކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތުވުމުގެ އިހުތިމާލު އޮތުމެވެ. 

މިފަހަރު ފިޗްއިންވަނީ އެންމެ ފަހުން އެ އެޖެންސީން ނެރުނު ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށްވުރެ ރޭޓިން ދަށްކޮށްފައެވެ. ނަމަވެސް މޫޑީސްއިން ނިންމީ ކުރިން އެ އެޖެންސީން ދިން ރޭޓިން ދަށްނުކޮށް އެ މިންވަރުގައި ބެހެއްޓުމަށެވެ. ނަމަވެސް ދެ އެޖެންސީންވެސް ފާހަގަކޮށްފައި ހުރީ މައިގަނޑު ގޮތެއްގައި އެއް ވާހަކަތަކެކެވެ. 

ޑެފިސިޓު ބޮޑުވެ ރިޒާވްއަށް ޕްރެޝަރު

މޫޑީސްގެ ކްރެޑިޓް ރޭޓިން މުރާޖައާކޮށް ނެރުނު އެނައުންސްމެންޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ ކަރަންޓު ޑެފިސިޓާއި ބަޖެޓުގެ ޑެފިސިޓު/ ފިސްކަލް ޑެފިސިޓު ވަރަށް ބޮޑެވެ. ކަރަންޓް އެކައުންޓް ޑެފިސިޓަކީ ގައުމަކުން ބޭރުކުރާ މުދަލާއި ހިދުމަތުގެ އަގާއި އެތެރެކުރާ މުދަލާއި ހިދުމަތުގެ އަގުގެ ފަރަގެވެ. 

މަރުކަަޒީ ބޭންކު އެމްއެމްއޭއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކަރަންޓް އެކައުންޓް ޑެފިސިޓު 780 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވެ އެވެ. ރާއްޖެއިން ބޭރުކުރާ މަސްވެރިކަމުގެ އުފެއްދުންތަކުގެ އަގު ދަށްވުމަކީ މި ޑެފިސިޓު ބޮޑުވުމުގެ ސަބަބެކެވެ. އަނެއް ސަބަބަކީ އެތެރެކުރާ މުދާ އިތުރުވުމެވެ. 

ބަޖެޓުގެ ޑެފިސިޓަށް ބަލާއިރު މި އަހަރު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބަޖެޓުގެ ޑެފިސިޓު ފާއިތުވި އަހަރަށްވުރެ ކުޑަވެފައިވެއެވެ. ގާތްގަނޑަކަށް 3 ބިލިއަނެއްހައި ރުފިޔާއިން ޑެފިސިޓުވަނީ ކުޑަކޮށްފަ އެވެ. 

ކަރަންޓު އެކައުންޓު ޑެފިސިޓާއި ބަޖެޓުގެ ޑެފިސިޓު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވަމުންދާކަން މޫޑީސްއިން ފާހަގަކުރެ އެވެ. 

ފިޗުންވެސް ބުނެފައިވަނީ މި އަހަރުވެސް ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއަށް އޮތް ފިއްތުން ބޮޑެވެ. މޭ މަހު ރިޒާވް ހުރީ 748 މިލިއަން ޑޮލަރުގަ އެވެ. 

ރިޒާވްއަށް ޕްރެޝަރު ބޮޑުވާ އިތުރު ސަބަބުތަކެއްގެ ގޮތުގައި ފިޗުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ދިވެހި ފައިސާގެ އަގު ހިފަހެއްޓުމަށް އެމްއެމްއޭއިން ބޭރު ފައިސާގެ ރިޒާވް ބޭނުންކުރަންޖެހުމާއި، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ރިޒާވް ބޭންކް އޮފް އިންޑިއާއަށް 100 މިލިއަން ޑޮލަރު ދައްކަންޖެހުން ހިމެނެ އެވެ. ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތުގެ އިލްތިޒާމުތައް އުނިކުރުމުން ރިޒާވްގައި ހުންނާނީ ބޭނުންކުރެވޭ ގޮތަށް 73 މިލިއަން ޑޮލަރު ކަމުގައި ފިޗުން ފާހަަގަކުރި އެވެ. 

ނަތީޖާއެއްގެ ގޮތުން ބޭރުގެ ޕޭމެންޓު ހެދުމަށް ބޭނުންވާ ފައިސާއަށް ބަލާއިރު ބޭރު ފައިސާ ރިޒާވްގައި މި އަހަރު ފައިސާ ހުންނާނީ 0.9 މަހަށް ބޭނުންވާ މިންވަރަށް ކަމުގައި އެ އެޖެންސީން ލަފާކުރެ އެވެ. 

ދައްކަންޖެހޭ ދަރަނި ބޮޑުވުމުގެ ހިރާސް

ކުރިއަށް ހުރި އަހަރުތަކަކީ ދައުލަތުން ދަރަނި އަދާކުރުމަށް ބޮޑެތިބ ހަރަދުތަކެއް ކުރަންޖެހޭ އަހަރުތަކެކެވެ. އެގޮތުން 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރު/ 8.7 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭނެ އެވެ. ޖެހިގެން އަންނަ 2026 ގައި އެ އަދަދު އެއް ބިލިއަން ޑޮލަރު ނުވަތަ 15 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. 

މޫޑީސް ފާހަގަކުރި ގޮތުގައި ބޭރުގެ ދަރަނި ދެއްކުމަށް އަދާކުރަންޖެހޭ ފައިސާ އިތުރުވުމަކީ، ބޭރުގެ މާލީ ބާޒާރުތަކުންނާއި، ދޭދޭ ގައުމުތަކާއި ގިނަ ގައުމުތައް ބައިވެރިވާ މާލީ އިދާރާތަކުން އެހީ ހޯދުމުގައި ރާއްޖޭގެ ގާބިލުކަން ހުރި މިންވަރެއް އިމްތިހާނުވާނެ ކަން ކަމެވެ. 

ފިޗުން އަންދާޒާކުރާ ގޮތުގައި މި އަހަރުވެސް ރާއްޖޭގެ ކަރަންޓް އެކައުންޓު ޑެފިސިޓު ނުވަތަ އިމްޕޯޓާއި އެކްސްޕޯޓުގެ އަގުގެ ފަރަހު ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 19.7 އިންސައްތައިގަ އެވެ. އެހެންކަމުން ދަރަނި އަދާކުރުމަށް ބޭރުން ފައިނޭންސް ހަމަޖެހުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކުރެ އެވެ. ސަބަބަކީ ތެލުގެ އަގު ހުރި ގޮތުން ރިޒާވް ހީނަރުވަމުންދާނެ ކަމަށް ބެލެވުމެވެ. 

ގިނަ ކަންތައްތަކެއް ބަރޯސާވާނީ މާލީ އިސްލާހުތަކުގެ ދުވެއްޔަށް

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރިއިރު ފާހަގަކޮށްފައިވަނީ ރާއްޖޭގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 2026 ގައި 117.6 އިންސައްތާގައި ހުންނާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އަޅާ މާލީ އިސްލާހީ ފިޔަވަޅުތައް ޝޯޓް ޓާމް ސްޓްރެޓެޖީގައި ކަނޑައަޅާފައިވާ އަމާޒުތަކާ އެއްގޮތަށް އެ ދުވެލީގައި ތަންފީޒުވާނެކަމަށް އެ އެޖެންސީއަށް ގަބޫލުނުކުރެވުމެވެ. 

ނަމަވެސް އިއްޔެ މާލިއްޔަތު ކޮމިޓީގައި މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީގު ދެއްކެވި ވާހަކަފުޅަށް ބަލާއިރު، މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ސަރުކާރުގެ ވިސްނުމަކީ ލަސްނުކޮށް އަވަހަށް ފިޔަވަޅުތައް ތަންފީޒުކުރުމެވެ. އެފަދައިން އެ ފިޔަވަޅުތައް ތަންފީޒުކުރެވިއްޖެނަމަ ފިޗުން އަންދާޒާކުރި މިންވަރަށް ޖީޑީޕީގެ ނިސްބަތުން ދަރަނި ނުއުފުލި ހިފަހެއްޓޭނެ އެވެ. 

މޫޑީސްއިން ބުނެފައިވަނީ މާލީ އިސްލާހުތައް ތަންފީޒުކުރެވި ޑެފިސޓުތައް ކުޑަކުރެވި ދަރަނި ކޮންސޮލިޑޭޓު ކުރެވި ނުވަތަ ރިފައިނޭންސް ކުރވިއްޖެނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމަށެވެ. އަދި އެފަދައިން އަމަލުކޮށްފިނަމަ ދަރަންޏަށް ފައިސާ ނަގަންޖެހޭ މިންވަރު ކުޑަވެ، ދަރަންޏަށް ފައިސާ ނެގުމުގެ ހޭދަވެސް ކުޑަވާނެ ކަމަށް އެ އެޖެންސީން ބުނެ އެވެ. 

މާލީ އިސްލާހުތައް ރަސްމީކޮށް ތަންފީޒުކުރަން ފަށާފައިނުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މިހާރުވެސް ބަޖެޓުގެ ޑެފިސިޓު ފާއިތުވި އަހަރަށްވުރެ 3 ބިލިއަން ރުފިޔާއިން ކުޑަކުރެވި ޕްރައިމަރީ ޑެފިސިޓު ވަރަށް ބޮޑަށް ދަށްކުރެވިފައިވެ އެވެ. އިސްލާހި ފިޔަވަޅުތައް ތަންފީޒުކުރުމަށް އިތުރަށް ޑެފިސިޓު ކުޑަވާނެ އެވެ. 

މޫޑީސް އަދި ފިޗުންވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމެވެ. ފިޗުން އަންދާޒާކުރާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރެއެރުން 4.0 އިންސައްތާގައި ހުރުމަށްފަހު މި އަހަރު 5.0 އިންސައްތައިން އަދި 2025 ގައި 6.3 އިންސައްތައިން ކުރިއަރާނެ އެވެ. 

މޫޑީސްއިން ބުނެފައިވަނީ ފަތުރުވެރިކަމުގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވުމުގެ ސަބަބުން އާމުދަނީ އިތުރުވާނެ ކަމަށެވެ. އަދި ޓެކުސް ރޭޓުތަކަށް ގެނައި ބަދަލަކީވެސް އާމްދަނީ އިތުރުވާނެ ސަބަބެއްކަމަށް އެ އެޖެންސީން ފާހަގަކުރެ އެވެ. އަދި ފަތުރުވެރިން އިތުރުވުމުގެ ސަބަބުން ބޭރު ފައިސާއިން ލިބޭ އާމްދަނީވެސް އިތުރުވާނެ އެވެ. 

މާލީ އިސްލާހުތަކާއެކު ރޭޓިން ރަނގަޅުވާނެ؟

ރާއްޖޭގެ އިގުތިސާދު ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަރާނެ ކަމާމެދު ރޭޓިން އެޖެންސީތަކުން ދެބަސްނުވެ އެވެ. އެ އެޖެންސީތަކުގެ ކަންބޮޑުވުމަކީ މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްވުމުގެ ސަބަބުންނާއި ބައިނަލްއަގުވާމީ މާލީ ބާޒާރުން ބޭނުންވާ އަގުގައި ފައިނޭންސް ހަމަނުޖެހުމުގެ ސަބަބުން ދަރަނި އަދާކުރަން ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. 

ނަމަވެސް މާލީ އިސްލާހުތައް ތަންފީޒު ކުރެވިއްޖެނަމަ ދައުލަތުގެ ހަރަދުތައް ކުޑަކުރެވި އިގުތިސާދުގެ އަސާސްތައް ރަނގަޅު ކުރެވޭނެ އެވެ. ބަޖެޓު ޑެފިސިޓު ކުޑަވާނެ އެވެ. އަދި އެއާއެކު ދަރަނި އިތުރުވާ މިންވަރު މަޑުޖެހި، އިގުތިސާދީ ކުރިއެރުމާ އަޅާބަލާއިރު ދަރަނި ބޮޑުވަމުންދާ ދުވެލި މަޑުޖެހޭނެ އެވެ. އެ ހާލަތުގައި ކްރެޑިޓް ރޭޓިންވެސް ރަނގަޅުވާނެ އެވެ. 

އިއްޔެ ސަރުކާރުންވެސް ބުނެފައި އޮތީ އެހެންނެވެ. މާލީ ގޮތުން ހުރި ދަތިތައް ގަބޫލުކުރުމާއެކު އަވަހަށް އިސްލާހީ ފިޔަވަޅުތައް އަޅައި ހަރަދު ކުޑަކޮށް ދަރަނި ރިފައިނޭންސް ކުރުމުގެ މަސައްކަތްތައް ކުރެވި ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމަށެވެ. 

ކްރެޑިޓް ރޭޓިން ރަނގަޅުވުން ބިނާވާނީ ސިޔާސީ އަޒުމުގެ މައްޗަށެވެ. އުދަގޫ ނިންމުންތަކެއް ނިންމަައި، މާލީ އިސްލާހުތައް ތަންފީޒުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރެވިއްޖެނަމަ "ގާބެޖް ރޭޓިން"ގައި ތާށިވެފައި އޮންނަންނުޖެހި ރާއްޖެއަށް މިހާރަށްވުރެ ރަނގަޅު ރޭޓިންއެއް ހޯދޭނެ އެވެ. މިހާތަނަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ނެރުނު ނަތީޖާއަށް ބަލާއިރު މިއީ ކުރެވިދާނެ ކަމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.