މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ވަރެއްގައި ހިފަހަައްޓާފައިވާއިރު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވަނީ ވަރަށް ބޮޑަށް ދަށް ކޮށްފަ އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ދެ އެޖެންސީގެ ތެރެއިން މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ1ގައި ދަމަހައްޓަން ނިންމައިފި އެވެ.
މިއަދު މޫޑީސްއިން އާންމުކުރި ޕީރިއަޑިކް ރިވީއުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ނިންމި މައިގަަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވުމާއެކު ދުޅަހެޔޮ އިގުތިސާދީ ކުރިއެރުމެއް ރާއްޖެއަށް ހާސިލުކުރެވުމުގެ ފުރުސަތު އޮތުމުންނެވެ.
މޫޑީސްއިން ފާހަގަކުރި ގޮތުގައި ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން އިގުތިސާދީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވި އެވެ. ނަމަވެސް ފަތުރުވެރިކަން ފަށައިގަނެ ފުޅާވަމުންދާ ދިއުމާއެކު އިގުތިސާދުވެ އިހު އޮތް ހާލަތަށް ރުޖޫއަވެފައިވާކަން މޫޑީސްއިން ފާހަގަކުރި އެވެ.
ނަމަވެސް ދައުލަަތުން ލިބޭ އާމްދަނީއަށްވުރެ އިތުރަށް ކުރާ ހޭދަ ބޮޑުވުމާއި، މުދާ ބޭރުކޮށްގެން ލިބޭ އާމްދަނީއަށްވުރެ ގިނަ ފައިސާ މުދަލާއި ހިދުމަތް އެތެރެކުރަން ހަރަދުކުރަންޖެހުމާއި، ބޭރުން ދަރަންޏަށް ފައިސާ ނަގާފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން، ސަރުކާރަށް ނަގުދު ފައިސާ ލިބުމާއި ބޭރުގެ ދަރަނި އަދާކުރުމުގެ ހިރާސްތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް މޫޫޑީސްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ބޭރުގެ ދަރަނީގެ ބޮޑު އަދަދެއް ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަންޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކޮށް، މޫޑީސްއިން ބުނެފައިވަނީ މި ދަރަނިތައް އަދާކުރުމަށް ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުން ފައިސާ ހޯދަން ނުވަތަ ގިނަ ދައުލަތް އެކުލެވޭ މުއައްސަސާތަކުން ނުވަތަ ދޭ ދައުލަތްތަކުން އެހީތެރިކަން ހޯދުމުގައި ރާއްޖޭގެ ގާބިލުކަން އިމްތިހާނުވާނެ ކަމަށެވެ.
ބޭރުން މިފަދަ ފައިނޭންސިން ހޯދުމަކީ ބޭރު ފައިސާގެ ލިކުއިޑިޓީ ހިރާސްތައް ކުޑަކުރަން މުހިއްމު ކަމެއް ކަމުގައި މޫޑީސްއިން ފާހަގަކުރި އެވެ. މޫޑީސްގެ ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލިގެ އަގު މަތިވުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވު ދަށްވަމުންދާ ކަމަށެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވުމާއި ކެޕިޓަލް ހަރަދުތައް ކުޑަ ކުރުމުގެ ސަބަބުން ބޭރުން ދަރަންޏަށް ފައިސާ ހޯދުމަށް އޮތް ޕްރެޝަރު ކުޑަވާނެ ކަމުގައި މޫޑީސްއިން ގަބޫލުކުރެ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމަށް އިސްލާހުތަކެއް ތަންފީޒުކޮށް، ފަސޭހަކަމާއި އިތުބާރާއެކު ރާއްޖޭގެ ދަރަނި އަދާކުރެވޭނެކަން ސާބިތުކޮށްދެވޭ މިންވަރަކީ، ރާއްޖެ ޑެފޯލްޓުވުން ނުވަތަ ބަނގުރޫޓުވުމުގެ ހިރާސް އޮތް މިންވަރު ވަޒަންކުރުމުގައި ރިއާޔަތްކުރާނެ ކަމެއް ކަމަަށެވެ.
މޫޑީސްއިން ރާއްޖެއަށް ފުރަތަމަ ދިން ކްރެޑިޓް ރޭޓިންއަކީ ބީއޭ1 ގެ ދަރަޖަ އެވެ. ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި އެ ރޭޓީން "ބީ2"އަށް ބަދަލުކުރުމަށްފަހު، 2021 ވަނަ އަހަރު ސީއޭއޭ3 އަށް ދަށްކުރި އެވެ. އޭގެ ފަހުން މޫޑީސްގެ ކްރެޑިޓް ރޭޓިންގައި ރާއްޖޭގެ ދަރަޖަ ސީއަށްވުރެ މައްޗަށް ނާރަ އެވެ.
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ވަރެއްގައި ހިފަހަައްޓާފައިވާއިރު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.