ދައުވާކުރީ ހޮންޑިއުރަސް މެދުވެރިކޮށް އެމެރިކާއަށް 400 ޓަނުގެ މަސްތުވާތަކެތި އެތެރެކުރުމަށް ރޭވި ކަމުގެ ކުށުގެ ތުހުމަތުގަ އެވެ.
އެމެރިކާއަށް ކޮކެއިން އެތެރެ ކުރުމުގައި އެހީތެރިވިކަން ހޮންޑިއުރަސްގެ ކުރީގެ ރައީސް ހުއާން އޯލަންޑޯ ހާނަންޑޭޒްގެ މައްޗަށް ސާބިތުވެ 45 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ވެރިކަމުގައި ހުންނެވިއިރު އެމެރިކާއާ ގާތް ގުޅުމެއް ބޭއްވެވި ހާނަންޑޭޒްގެ މައްޗަށް އެމެރިކާގެ މެންހަަޓަން ޑިސްޓްރިކްޓު ކޯޓެއްގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅީ މި އަހަރުގެ މާޗު މަހުގަ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ހޮންޑިއުރަސް މެދުވެރިކޮށް އެމެރިކާއަށް 400 ޓަނުގެ މަސްތުވާތަކެތި އެތެރެ ކުރަން ރޭވި ކަމުގެ ކުށުގެ ތުހުމަތުގަ އެވެ.
ޝަރީއަތުގައި ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެމެރިކާ ރައްޔިތުންގެ ނޭފަތުން އެތެރެއަށް މަސްތުވާތަކެތި ޖަހައި ގަދަ ކަމުން ވައްދައިލާނެ ކަމަށް އޭނާގެ އެކުވެރިން ކައިރީ ހާނަންޑޭޒް ވިދާޅުވި ކަމަށެވެ. މެކްސިކޯގެ ސިނާލޯ ޑްރަގް ކާޓެލްއާއެކު އޭނާ ބޭއްވެވި ގުޅުމުގެ މުގާބިލުގައި އެތައް މިލިއަން ޑޮލަރެއް ރިޝްވަތު ފައިސާގެ ގޮތުގައި ހާނަންޑޭޒްއަށް ލިބިވަޑައިގެންފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.
ހާނަންޑޭޒް ހުރިހާ ތުހުމަތެއް ދޮގު ކުރެއްވުމާއެކު އޭނާ ވެރިކަމުގައި ހުންނެވިއިރު ޑްރަގް ވިޔަފާރިކުރާ ގިނަ ބަޔަކު އެމެރިކާއާ ހަވާލު ކުރެއްވިކަން ފާހަގަ ކުރައްވައި އެއީ އޭނާގެ މައުސޫމުކަމުގެ ހެއްކެއްގެ ގޮތުގައި ދައްކަވަން މަސައްކަތް ކުރެއްވި އެވެ. އޭނާ ހަންޑިއުރަސްގެ ވެރިކަމުގައި ހޭދަ ކުރެއްވި ދެ ދައުރުގައި ހާނަންޑޭޒް ވަނީ އެމެރިކާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާފަ އެވެ.
ފާއިތުވި އަހަރުތަކުގައި އެމެރިކާގެ ކޯޓުތަކުގައި ޑްރަގުގެ ވިޔަފާރިއާ ގުޅުން އޮންނަ ކަމަށް ތުހުމަތުވާ، ދެކުނު އެމެރިކާގެ ސަރުކާރުތަކުގެ އޮފިޝަލުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވެ އެވެ.
ނަމަވެސް ހާނަންޑޭޒްގެ މައްސަލަ އެހެނިހެން މައްސަލަތަކަށްވުރެ ހަލުއިކޮށް ކުރިއަށްދިޔަކަން ފާހަގަވެ އެވެ. އޭނާ ހައްޔަރުކުރީ ވެރިކަން ދޫކޮށްލެއްވިތާ ހަފުތާތަކެއް ފަހުންނެވެ. އަދި އޭނާގެ މައްޗަށް އޭގެ ދޮޅު އަހަރެއްހައި ދުވަސް ފަހުން ހުކުމް ކޮށްފައިވެ އެވެ. އެއާ ހިލާފަށް މެކްސިކޯގެ ކުރީގެ ސެކިއުރިޓީ މިނިސްޓަރު ގެނާރޯ ގާސިއާ ލޫނާގެ މައްޗަށް ތުހުމަތުވާ ޑްރަގް ޓްރެފިކިން އަދި ރިޝްވަތު ނެގުމުގެ ކުށުގެ މައްސަލާގައި އޭނާ ހައްޔަރުކުރިތާ ހަތަރު އަހަރުވީއިރު ވެސް އަދި ހުކުމެއް ކުރެވިފައި ނުވެ އެވެ. އެ މައްސަލާގައި ހުކުމް ކުރާނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.
ހޮންޑިއުރަސްގެ ނޭޝަނަލް އޮޓޮނޮމަސް ޔުނިވާސިޓީގެ ވައިސް ރެކްޓާ ހޫލިއޯ ރޯޑާލެސް ވިދާޅުވި ގޮތުގައި ޑްރަގާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބައިނަލްއަގުވާމީ ދުވަހު ހާނަންޑޭޒްގެ މައްޗަށް އެމެރިކާ ކޯޓަކުން ކުރި ހުކުމަކީ މުހިއްމު ހުކުމެކެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ލެޓިން އެމެރިކާގެ އެހެނިހެން ލީޑަރުންނާއި ސިޔާސީންނަށް ސާފު ސިގުނަލަކަށްވާނެ. ސިޔާސީ ބާރު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިއަށް އެހީތެރިވުމާއި އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގައި މަދަދުވެރިވުމަކީ ކުށްވެރިވާނެ ކަމެއް ކަން،" އޭނާ ވިދާޅުވި އެވެ.