އެރްދެމް ވިދާޅުވާ ގޮތުން ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އިގުތިސޯދީ ހިރާސްތަކަކީ ފާއިތުވި 10 އަހަރު ރާއްޖޭގެ ދަރަނީގެ ސްޓޮކް އިތުރުވުމާއި، ޑެފިސިޓު ފުޅާވުމުގެ ނަތީޖާ އެވެ.
މިހާރު ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތަކީ ފާއިތުވި 10 އަހަރުގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން އުފެދިފައިވާ ހާލަތެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވިދާޅުވެއްޖެ އެވެ.
މިފަދައިން އޭނާ ވިދާޅުވީ މިހާރު ދައުލަތުގެ މާލީ ހާލަތު އޮތް ގޮތަށް ބަލައި، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ރޭ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ-މައިނަސްއިން ސީސީސީ ޕްލަސްއަށް ދަށްކޮށްފަ އެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވުމާއި، ބޭރު ފައިސާގެ ރިޒާވް ބަލިކަށި ވުމާއި، ދައުލަތުގައި ދަރަނި އަދާ ކުރުމަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާގެ ލިކުއިޑިޓީ ނެތުން ފަދަ ކަންކަން އެ އެޖެންސީން ފާހަގަ ކުރި އެވެ.
އެރްދެމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އިގުތިސޯދީ ހިރާސްތަކަކީ ފާއިތުވި 10 އަހަރު ރާއްޖޭގެ ދަރަނީގެ ސްޓޮކް އިތުރުވުމާއި، އެ މުއްދަތުގައި ބަޖެޓުގެ ޑެފިސިޓާއި ކަރަންޓު ޑެފިސިޓު ބޮޑުވަމުން ދިއުމުގެ ނަތީޖާ ކަމަށެވެ.
ބަޖެޓު ޑެފިސިޓަކީ ދައުލަތަށް ލިބޭ އަމްދަނީއަށްވުރެ އިތުރަށް ކުރާ ހަރަދެވެ. އެހެން އިތުރުވާ ހަރަދުތައް އާންމުކޮށް ފޫބައްދަނީ ބޭރުންނާއި އެތެރެއިން ދަރަންޏަށް ފައިސާ ނަގައިގެނެވެ. ފާއިތުވި އަހަރުތަކުގައި އަހަރުން އަހަރަށް ބަޖެޓުގެ ޑެފިސިޓު އިތުރުވެފައި ވަނީ ހަރަދުތައް އެކަށީގެންވާ މިންގަނޑެއްގައި ނުހިފަހެއްޓުމުގެ ސަބަބުން ކަމަށް މާލީ އިދާރާތަކުން ބުނެ އެވެ.
ކަރަންޓް އެކައުންޓު ޑެފިސިޓަކީ ގައުމަކުން އެތެރެ ކުރަ މުދަލަށް ކުރާ ހަރަދާއި އެގައުމަކުން ބޭރުކުރާ މުދަލުން ލިބޭ އާމްދަނީގެ މެދުގައި ހުންނަ ފަރަގެވެ. ރާއްޖެއަކީ ވަރަށް މަދު ބާވަތެއް ނޫނީ ހުރިހާ މުދަލެއްވެސް ބޭރުން އެތެރެކުރާ ގައުމަކަށްވަތީ އިމްޕޯޓާއި އެކްސްޕޯޓު ފަރަގު އަބަދުވެސް ވަރަށް ބޮޑެވެ.
މި މައްސަލަތައް ފާހަގަ ކުރެއްވުމާއެކު އެރްދެމް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު އިތުރަށް ފުޅާ ކުރުމަކީ ނުވަތަ އިތުރަށް ދަރަންޏަށް ފައިސަ ހޯދުމަކީ މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.
މައްސަލަތައް ހައްލު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެރްދެމް ފާހަގަ ކުރެއްވީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓުތައް ކުޑަ ކުރުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރެވި ދެ ބާވަތުގެ ޑެފިސިޓު ދަށް ކުރެވިއްޖެނަމަ އެމްއެމްއޭގެ ރިޒާވަށް ލުއި ލިބޭނެ އެވެ.
އަދި އެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ މެދުރާސްތާގައި ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅު ކުރެވޭނެ އެވެ.
އެރްދެމް ވަނީ ރާއްޖޭގެ މާލީ އަދި އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން މާލީ އިސްލާހުތައް ތަންފީޒު ކުރަން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައި ވަނީ، ހަރަދު ކުޑަ ކުރުމަށް ރާވާފައިވާ މާލީ އިސްލާހުތައް ތަންފީޒު ކުރުމަކީ ސަރުކާރަށް މިހާރު ހިޔާރެއް / އޮޕްޝަނެއް ނޫން ކަމަށެވެ. އެއީ މިހާރު ކުރަން މަޖުބޫރު ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ކަންކަން ފަސް ކުރެވެން ނެތް ކަމަަށެވެ.