ނިހާދު ވިދާޅުވި ގޮތުގައި މަޖިލީސް ޗުއްޓީ އިތުރު 15 ދުވަހަށް ދަންމާލާ އިތުބާރު ނެތް މައްސަލަތައް ކުރިއަށް ގެންދަން އޮތީ ރާވާފަ އެވެ. އެމްޑީޕީ ދޫކޮށްލީ އެއީ ގަބޫލު ކުރެވޭ ކަމަށް ނުވާތީ ކަަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
މިދިޔަ މަޖިލީހުގައި އޮތް އިދިކޮޅު އެމްޑީޕީގެ ސުޕަމެޖޯރިޓީގެ ބޭނުންކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރުމަށް އެ ޕާޓީން ރޭވި ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހައުސްގެ ހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މިރޭ ބޭއްވި ފުރަތަމަ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ސޯލިހްގެ ސަރުކާރުގެ ދިފާއުގައި އެންމެ ހަރުއަޑުން ވަކާލާތު ކުރެއްވި މެންބަރު ނިހާދު ވިދާޅުވި ގޮތުގައި އެމްޑީޕީ ދޫކޮށްލި މައިގަނޑު ސަބަބަކީ ގާނޫނީ ސަރުކާރެއް ވައްޓާލަން އެ ޕާޓީން ރޭވި ރޭވުން ކަމަށެވެ.
އެމްޑީޕީގެ ވެރީން ބޭނުންވީ މަޖިލީސް އިންތިހާބަށް ފަހު، އާ މަޖިލީސް ފެށުމާ ދެމެދު ލިބޭ ދައުރުގެ ފަހު ދުވަސްތަކުގައި ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީސް ތެރެއިން ހިންގުމަށެވެ. އެކަމަށް މަގު ފަހި ކުރުމުގެ ގޮތުން އާންމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައިކަން ފާހަގަ ކުރެއްވި އެވެ.
"ފުރަތަމަ ވެސް ކުރިކަމަކީ އާންމު ކޮމެޓީގައި ތިއްބެވި މެންބަރުން ބަދަލުކުރުން. އެއީ އެ ބޭފުޅުން [އެމްޑީޕީން] ބޭނުންވާ ގޮތަށް ވޯޓް ދޭނެ ބަޔަކު ކޮމެޓީއަށް ލުމަށް. އެއަށް ފަހު ގަވާއިދު ބަދަލުކޮށް މަޖިލީސް އިންތިހާބު ނިމޭ ފަހުން ލިބޭ މުއްދަތުގައި ސަރުކާރުގެ އިތުބާރު ނެތް ކަމަށް ނިންމުން،"
ނިހާދު ވިދާޅުވި ގޮތުގައި މަޖިލީސް ޗުއްޓީ އިތުރު 15 ދުވަހަށް ދަންމާލާ އިތުބާރު ނެތް މައްސަލަތައް ކުރިއަށް ގެންދަން އޮތީ ރާވާފަ އެވެ. އެމްޑީޕީ ދޫކޮށްލީ އެއީ ގަބޫލު ކުރެވޭ ކަމަށް ނުވާތީ ކަަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އެމްޑީޕީގެ މެޖޯރިޓީ ބޭނުންކޮށްގެން ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އެހީގައި މަޖިލީސް ގަވާއިދަށް ކުއްލި ބަދަލުތަކެއް ގެނަ އެވެ. އެއީ ރައީސާއި ނާއިބު ރައީސް ވަކިކުރެވޭ ގޮތް ފަސޭހަ ކުރުމަށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުނީ ކުއްލި ގޮތަކަށް އެމްޑީޕީގެ 12 / 13 މެންބަރަކު ޕީއެންސީއާ ގުޅުމުންނެވެ. އަދި ގަވާއިދަށް އިސްލާހު ގެނައި ގެނައުން ބާތިލު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. ކޯޓްގެ ހުކުމް ބަލައި ނުގަތުމަށް ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމި އެވެ.