މާލީ އިސްލާހުތައް ފެށިއްޖެ، އާރްޑީސީން މަހަކު 17 މިލިއަން ސަލާމަތްވޭ: ޝަފީގު

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަމަށާއި، އެކަންކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުގެ ތަފުސީލުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރެއްވުމަށް މިއަދު ކޮމިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝަފީގު ފާހަގަކުރެއްވި ގޮތުގައި މާލީ އިސްލާހުތަކަކީ 2022 ވަނަ އަހަރުން ފެށިގެން ރޭވިފައި ހުރި ކަންކަމެވެ. ނަމަވެސް 2022 ވަނަ އަހަރު އަދި 2023 ވަނަ އަހަރުވެސް އެ އިސްލާހުތައް ތަންފީޒުކުރެވިފައިނުވާ ކަމަށާއި، ހަމައެކަނި ތަންފީޒުކުރެވުނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެންނަން ނިންމި އިސްލާހުތައް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އިޝާރާތްކުރައްވާފައިވަނީ 2022 ވަނަ އަހަރު ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމުމެވެ. ޓެކުސް ބޮޑުކުރުމާއެކު ހަރަދު ކުޑަކުރުމަށް ސަބްސިޑީ ނިޒާމަށާއި، އާސަންދައަށް ބޮޑެތި އިސްލާހުތަކެއް ގެންނަން އެ އަހަރު އިއުލާނުކުރި އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެ އިސްލާހުތައް ހިމެނި އެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް އެއިރު ތަންފީޒުނުކުރެވުނެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތައް ތަންފީޒުކުރަން ފަށަން ކަނޑައަޅާފައި އޮތީ މި އަހަރުގެ މެދެއްހައި ހިސާބުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބާރުއަޅުއްވައިގެން އެއިން ބައެއް އިސްލާހީ މަސައްކަތްތައް މި އަހަރުގެ ކުރީ ކޮޅުގައި ފެށިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

"މި މަސައްކަތްކުރީ ފުރަތަމަ ދުވަހުން ފެށިގެން އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް. އޭގެ ނަތީޖާވެސް މިހާރު އެބަފެނޭ.،" ޑރ.ޝަފީގު ވިދާޅުވި އެވެ. 

އިސްލާހީ އެޖެންޑާގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ކުންފުނިތައް އިސްލާހުކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އާރުޑީސީއާއި ފެނަކަ ފަދަ ކުންފުނިތަކުގެ އެފިޝިއަންސީ އިތުރުކޮށް ހަރަދުތައް ދެކޮޅުޖެހޭ ގޮތަކަށް ބަދަލުކުރަންޖެހޭކަން އެންމެންވެސް ގަބޫލުކުރާ ކަމަށެވެ. ކުންފުނިތައް އިސްލާހު ކުރުމަށް މާސްޓާ ޕްލޭނެއް މިހާރު އެކުލަވައިލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަދި މިހާތަނަށް ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުން ނެރެވުނު ނަތީޖާގެ މިސާލެއްގެ ގޮތުގައި ޝަފީގު ފާހަގަކުރެއްވި އާރުޑީސީ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އާރުޑީސީން މިހާރު މަހެއްގެ މައްޗަށް 17 މިލިއަން ރުފިޔާ ސަލާމަތް ކުރާ ކަމަށެވެ. 

"މިކުރެވުނު [އިސްލާހީ] މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އާރްޑީސީން މިހާރު އެވެރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 17 މިލިއަން ރުފިޔާ ސޭވްކުރޭ. އެއީ އަޅުގަނޑުމެންނަށް މިހާރުވެސް ލިބެމުންދާ ފައިދާ،" 

އިތުރަށް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސިއްހީ ދާއިރާގެ މާލީ އިސްލާހުތަކަށް ބަލާއިރު ބަލްކުކޮށް ބޭސް ގަތުމަށް ކުރީ ސަރުކާރުން ރާވައި މަސައްކަތްތަކެއް ކުރި ނަމަވެސް އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. ފުރަތަމަ ބަލްކް ޝިޕްމެންޓަށް މިހާރު ފައިސާ ދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު އެ ޝިޕްމެންޓު އޮތީ ރާއްޖެއަށް އައުމުގެ މަގުމަތީގައިކަން ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑު މިދަންނަވަނީ ރިފޯމް އެޖެންޑާގައި ހުރި ކަންކަން ތަންފީޒުކުރަން ދޭ މި މަރުހަލާގައިވެސް އަޅުގަނޑުމެން މިދަނީ ކަންތައްތަކެއް ކުރަމުންނޭ. ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ އަދި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވާ މި އިސްލާހީ އެޖެންޑާ ވީހާވެސް އަވަހަށް ކުރިއަށްގެންދަން،" ޑރ.ޝަފީގު ވިދާޅުވި އެވެ. 

"ނަތީޖާއެއްގެ ގޮތުން މިދިޔަ އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން މި އިސްލާހީ އެޖެންޑާ ފާސްކޮށްފައިވަނީ. މިހާރު އަޅުގަނޑުމެން މިދަނީ ޓައިމްލައިނެއް ހަދައިގެން ތަންފީޒުކުރަން. މި އިސްލާހުތަކަކީ މިހާރު އޮޕްޝަނެއް ނޫން،" 

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ކުރެވުނު މަސައްކަތްތަކުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު 2 މިލިއަން ޑޮލަރު 50 މިލިއަން ޑޮލަރަށް އިތުރުކުރެވި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ ނިސްބަތްވެސް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު 2.5 ބިލިއަން ރުފިޔާއިން ހަރަދު ކުޑަކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.