މަހުގެ އަގު ބޮޑުކުރީ ޔޫރަޕުން ޑިއުޓީ ކުޑަކުރާނެކަމުގެ ޔަގީންކަން އޮތުމުން: ސޯލިހު

ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދެވި، އެމީހުން އިނދަޖެހެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ސަރުކާރުން އެކަމަށް އެކަށީގެންވާ އިންވެސްޓެއް ނުކޮށް އޮތުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިން ކިރުވާ މަހުގެ އަގު ބޮޑުކުރައްވަން ނިންމެވީ ޔޫރަޕާއި އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހުން ނަގަމުން އައި ޑިއުޓީ ކުޑަކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ނިމިދިޔަ ފަސްއަހަރުގެ ދައުރުގައި ވެރިކަން ކުރި އެމްޑީޕީއަށް 19 އަހަރު ފުރުމާ ގުޅިގެން "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަސްވެރިކަމަށް އިންވެސްޓު ނުކޮށް، އެސިނާއަތް ދޫކޮށްލާފައި އޮތް ނަމަވެސް ޒަމާން ތަރައްގީވަމުން އައި ވަރަކަށް މަސްވެރި އޮޑިދޯނިތަކާއި، އެކަމަށް ބޭނުންކުރާ އާލަތްތައް އައީ ތަރައްގީވަމުން ކަމަށެވެ. 

"ދޯނިތައް ބޮޑެތިވެ، އައިސް ބޭނުންކޮށްގެން ދުރަށް ގޮސް މަސްބޭނުމާއި އެކަހަލަ ކިތަންމެ ކަމެއް ކުރަމުން އައީ. އެއާ އެއްވަރަކަށް ސަރުކާރަކުންނެއް ނެތް ފައިހަމަކޮށްފައެއް. [މަސްވެރިންނަށް ސަޕްލައިއާ އެއްވަރަށް ފައިސާ ދޫނުކުރެވުމުގެ] މައިގަނޑު ސަބަބަކީ އެއީ. އަޅުގަނޑުމެން ވެރިކަމަށް އައި އިރުވެސް އޮތް އެ މައްސަލަ" ސޯލިހު ވިދާޅުވި އެވެ. 

ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރީ މަސްވެރިކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތަށް ކަމަށާއި، އެގޮތުން ފެލިވަރުގެ ފެކްޓްރީ ބޮޑުކުރުމާއި، ފެލިވަރު، އައްޑޫ، އިހަވަންދޫ ފަދަ ތަންތަނުގެ ސްޓޯރޭޖް ގާއިމްކުރުމާއި ބޮޑުކުރުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވާފައި ވާނެ ކަމަށް ވިދާޅުވި އެވެ. ސޯލިހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އަމާޒު ހިއްޕެވީ މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުމަށް ކަމަށެވެ. 

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރަނީ ރޯމަސް ކަމަށާއި، ތައިލެންޑަށް އެތަކެތި ގެންގޮސް އެތަނުގެ ފެކްޓްރީތަކުގައި ޕްރޮސެސްކުރުމަށް ފަހު ޔޫރަޕުގެ ބާޒާރަށް މަސް އެކްސްޕޯޓުކުރަނީ ބޮޑު އަގުގައި ކަމަށް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހޭނީ ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށްގެން ކަމަށާއި، އެކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވެވި ކަމަށެވެ. 

"ރާއްޖޭގައި [މަސް ޕްރޮސެސިންގެ މަސައްކަތް] ނުކޮށެއް ހަމައަގެއް ހޯދައެއް ނުދެވޭނެ. އެހެންވެ އަޅުގަނޑުމެން ޕްރޮސެސިން އިތުރުކުރުމުގެ މަސައްކަތް ފެށީ." ސޯލިހު ވިދާޅުވި އެވެ. 

ރާއްޖޭގެ މަސް އެންމެ ބޮޑަށް އެކްސްޕޯޓުކުރަމުން ދިޔަ ޔޫރަޕާއި އިނގިރޭސިވިލާތާ އެކު ޑިއުޓީ ޓެކްސް ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، އެމީހުން އެކަން ބަލައިގަންނާނެ ކަމަށް އޮތީ އުންމީދުކުރެވިފައި ކަމަށް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް ވެރިކަން ލިބުނު ނަމަ މި ޖެނުއަރީ ފެބްރުއަރީ ހިސާބުގައި ޑިއުޓީ ކަނޑާލެވި ހަމައަގު، ރަނގަޅު އަގު މަހަށް ލިބޭނެ. އެއަށް ބިނާކޮށް އަޅުގަނޑުމެން މަހުގެ އަގު އޭރު ބޮޑުކުރީ" ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް މި ސަރުކާރަށް ނުކުރެވެނީ އެކަށީގެންވާ ގޮތަކަށް ޔޫރަޕާއި އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރެވެމުން ނުދާތީ އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނާކާމިޔާބަށްފަހު މަސް ގަންނަ އަގު 25 ރުފިޔާއަށް ސޯލިހު ބޮޑު ކުރެއްވުމުގެ ސަބަބުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިމުނު އަހަރު ބަޖެޓު ކުރި މިންވަރަށްވުރެ އިތުރަށް 250 މިލިއަނެއްހައި ރުފިޔާ ދައުލަތުން ހަރަދުކުރަންޖެހުނު ކަމަށް އޮޑިޓު ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.