ސޯލިހު ވިދާޅުވަނީ އިގުތިސާދީ ހާލަތާމެދު ރައީސް ހައްދަވަނީ "ބުހުތާނު ދޮގު" ކަމަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރުން މިހާތަނަށް ސިޔާސީ މަގާމުތަކަށް 1500 އަށްވުރެ ގިނަ މީހުން ނަގާފައިވާ ކަމަށް ވަނީ ވިދާޅުވެފައި --

ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ބުހުތާނު ދޮގުތަކެއްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަ ކުރައްވައިފި އެވެ. 

އެމްޑީޕީއަށް 19 އަހަރު ފުރުނު މުނާސަބަތުގައި މިއަދު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގުރާމަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރު ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ އޮޅުވައިލެއްވުމުގެ ގަސްތުގައި ދައްކަވަމުންދާ "ބުހުތާނު ދޮގު" ވާހަކަ އެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދު އޮތީ އެންމެ ރަނގަޅަށް ނޫން ކަމށެވެ. އަދި ދައުލަތް ހިންގެވުމުގައި ބޮޑެތި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ. 

ސޯލިހު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެވުނީ އެއިރު ގެންގުޅުއްވި ސިޔާސަތުތަކާއި އެކލަވައިލެއްވި ޕްލޭންތަކުގެ ސަބަބުންނެވެ. އަދި އެ ސިޔާސަސަތުތައް ތަންފީޒު ކުރެއްވީ ކެތްތެރިކަމާއެކު ކަމަށެވެ. 

މަސްވެރިކަމުގެ ސިނާއަތުގެ ހާލަތު އެއިރު އޮތް ގޮތް ސިފަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ހަތަރު މަހުގެ ފައިސާ މަސްވެރިންނަށް ދޫނުކޮށް އޮތް ކަމަށެވެ. އެ ފައިސާ ދެއްވުމަށްފަހު، ދައުރުގެ ތެރޭގައި ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދީފައިވާނެ ކަމަށެވެ. 

އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއްވެސް ނެތްކަމަށާއި އެ މައްސަލައިން އަރައިގަތުމަށް ބޭރުގެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ކުރިން އެކި ފަރާތްތަކަށް ނުދައްކައި އޮތް ދެ ބިލިއަނަށްވުރެ ގިނެ ރުފިޔާވެސް ދެއްކެވި ކަމަށެވެ. 

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށްވެސް ސޯލިހު ފާޑުވިދާޅުވި އެވެ. އެގޮތުން އެސްޓީއޯއިން މިފްކޯ ވަކިކޮށް ވަކި ކުންފުންޏެއްގެ ގޮތުގައި ގާއިމުކުރުމަކީ މި ސަރުކާރުން ހެދި ގޯހެއް ކަމަށާއި، އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި މިފްކޯ ބޭއްވިނަމަ ކުންފުނީގެ ހާލަަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި މިހާރުގެ ސަރުކާރުގެ ހަރަދުތައް މާ ބޮޑުކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދުކުރަންޖެހޭ ކަމަށެވެ. އަދި މިހާރު މުސާރައަށް ކުރިއަށްވުރެ އިތުރަށް ހަރަދުކުރާ 150، 200 މިލިއަން ރުފިޔާ މަދުކުރަންޖެހޭ ކަމަށެވެ. 

" އެހެންވީމާ މިހާރުގެ ސަރުކާރުން ކުރައްވަންވީ ކަމަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން. ސިޔާސީ މަގާމުތައް މަދުކުރައްވަންވީ. މުސާރައަށް އިތުރަށް އެ ހޭދަކުރައްވާ 150، 200 މިލިއަން ރުފިޔާ މަދުކުރަންވީ. ރިކަރަންޓު ހަރަދުތައް މަދުކުރަންވަންވީ،" ސޯލިހު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.