ވާހަކަ ރަނގަޅެއް ނޫން ؛ ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާއެއް ނުނަގާ

އަދަދުތަކަށް ބަލާއިރު ޓްރެޝަރީ ބޮންޑާއި ޓީ-ބިލު ވިއްކައިގެން މިހާރުގެ ސަރުކާރުން ނަގާފައިވާ ފައިސާގެ އަދަދު ވެސް ކުރީ ސަރުކާރަށްވުރެ މަދެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ

ސަރުކާރުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފައިސާ ނަގާފައި ނެތްކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ. 

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ސަރުކާރު ހިންގަމުންދަނީ އެމްއެމްއޭއިން ފައިސާ ނަގައިގެން ކަމަށެވެ. އެގޮތުން އެޑްވާންސް ޓު ގަވަމެންޓު ގޮތުގައި 13 މިލިއަން ރުފިޔާ ސަރުކާރުން ނަގާފައިވާކަން އެމްއެމްއޭގެ މާލީ ހިސާބުތަކުން ފެންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. 

"އެހެންވީމަ އެމްއެމްއޭ އިން ބޮރޯކޮށްގެން މި އުޅެނީ. މިއީ ހަމަ ފައިސާ ޗާޕް ކުރުން. ފައިސާ ޗާޕް ކޮށްގެން ބޭރުން ގެނައީކީއެއް ނޫން. ޗާޕު ކޮށްގެން ބޭރުން ގެނެސް އެމްއެމްއޭގައި ބަހައްޓާފައި ހުރި ފައިސާ ނަގައިގެން މި އުޅެނީ. އެހެންވީމަ އެއީ ޗާޕު ކުރި ފައިސާ،"  އެމަނިކުފާނު ވިދާޅުވި އެވެ. 

އެމްއެމްއޭ އިން ކޮންމެ މަހަަކު އެއްފަހަަރު އާންމުކުރާ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަންގައި ސަރުކާރަށް އެމްއެމްއޭ އިން ފައިސާއެއް ދޫކުރާނަމަ އެކަން އަންނަނީ ހިމަނަމުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް ސަރުކާރަށް އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވެ އެވެ. 

މި ފައިސާއަކީ އަނބުރާ އެމްއެމްއޭއަށް ދޭ ގޮތަަށް ސަރުކާރަށް ދޭ ފައިސާ އެވެ. އެ ފައިސާ ދެނީ ޕަބްލިކް އެކައުންޓް އޮވާ ޑްރާފްޓުކޮށްގެންނެވެ. އެގޮތުން ފާއިތުވި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެމްއެމްއޭ އިން މި ފަދައިން ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް ދީފައިވާކަން ޑިސެންބަރު މަހު އެމްއެމްއޭ އިން އާންމުކޮށްފައިވާ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަން އިން އެނގެ އެވެ. 

ޑިސެންބަރު މަހުގައި އެމްއެމްއޭއިން އާންމުކޮށްފައިވާ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަން

ނަމަވެސް ޑިސެންބަރު މަހުގައި "އެޑްވާންސް ޓު ގަވަމެންޓް"ގެ ގޮތުގައި އެމްއެމްއޭ އިން ސަރުކާރަށް އެއްވެސް ފައިސާއެއް ދީފައި ނެތްކަން އެމްއެމްއޭ އިން އާންމުކޮށްފައިވާ ރިޕޯޓުތަކުން އެނގެ އެވެ. 

އެޑްވާންސް ޓު ގަވަމެންޓުގެ ގޮތުގައި އެމްއެމްއޭއިން ދޫކުރި ފައިސާ

  •  ސެޕްޓެންބަރު 2023: 1.4 ބިލިއަން
  •  އޮކްޓޯބަރު 2023: 1.7 ބިލިއަން
  •  ނޮވެންބަރު 2023: 1.7 ބިލިއަން
  •  ޑިސެންބަރު 2023: 0

ސަރުކާރުން ފާއިތުވި ޑިސެންބަރު މަހުން ފެށިގެން އެމްއެމްއޭ އިން ފައިސާ ނަގާފައިނުވާތީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މަރުކަޒީ ބޭންކުގެ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަންގައި ސަރުކާރަށް މިފަދަ އިން ދޫކުރާ ފައިސާގެ ރެކޯޑު ކަމުގައިވާ އެޑްވާންސް ޓު ގަވަމެންޓުގެ ރެކޯޑުތަކެއް ހިމަނާފައިނުވެ އެވެ. 

މި އަހަރުގެ މޭ މަހުގެ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަން

އޭގެ އިތުރަށް އެމްއެމްއޭގެ ޑޭޓާ އާންމުކުރާ ޕޯޓަލް މެދުވެރިކޮށް ޕަބްލިކް އެކައުންޓް އޮވަ ޑްރާފްޓުކޮށްގެން އެއްވެސް ފައިސާއެއް ނަގާފައިވާކަން ނުވަތަ ނޫންކަން ބަލައިލެވެ އެވެ. އެމްއެމްއޭގެ އެސެޓުތައް ބަލައިލުމުން އެޑްވާންސަސް އެންޑް އަދަ ކްލެއިމްސްގެ ގޮތުގައި ދައްކާނީ އެމްއެމްއޭއިން ސަރުކާރަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތަކެވެ. 

އެ ޑޭޓާ އަށް ބަލާއިރު ފާއިތުވި އަހަރުގެ ނިޔަލަށް ސަރުކާރުން އެމްއެމްއޭ އިން 1.9 ބިލިއަން ރުފިޔާ ނަގާފައި އޮތެވެ. ނަމަވެސް އެ އަހަރު ނިމުމަށްފަހު އެއްވެސް އަދަދަކަށް ސަރުކާރުން އެމްއެމްއޭ އިން ފައިސާ ނަގާފައި ނެތްކަން އެނގެ އެވެ. 

މި ހުރިހާ ހިސާބުތަަކަށް ބަލާއިރު އެޑްވާންސް ޓު ގަވަމެންޓުގެ ގޮތުގައި އެމްއެމްއޭއިން ބަލާ އުސޫލުތަކުގެ ތެރެއިން މި ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ ނަގާފައި ނެތްކަން އެނގެއެވެ.

އަދި އެމްއެމްއޭގެ ސްޓޭޓްމެންޓު އޮފް ފައިނޭންޝަލް ޕޮޒިޝަނަށް ބަލާއިރު މަރުކަޒީ ބޭންކުން ސަރުކާރުގެ ޓީ-ބިލުތަކާއި ޓްރެޝަރީ ބޮންޑުތަކަށް އިންވެސްޓުކުރި މިންވަރުވެސް ފާއިތުވި އަހަރާ އަޅާބަލާއިރު މާ ބޮޑަށް އިތުރުވެފައި ނުވެއެވެ. 

ޓީބިލް ވިއްކިވަރު ކުރީ ސަރުކާރަށްވުރެ މަދު

އެގޮތުން ފާއިތުވި ޑިސެންބަރުގެ ނިޔަލަށް ޓްރެޝަރީ ބިލަކަށް 14.5 ބިލިއަން ރުފިޔާ އެމްއެމްއޭ އިން އިންވެސްޓުކޮށްފައިވެ އެވެ. އަދި ޓީ-ބިލަށް އިންވެސްޓުކޮށްފައިވަނީ 59.9 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޓީ-ބިލަށް އިންވެސްޓުކުރި މިންވަރު ހުރީ 59 މިލިއަން ރުފިޔާގަ އެވެ. އަދި ޓްރެޝަރީ ބޮންޑަށް އިންވެސްޓުކުރި މިންވަރު ވެސް ހުރީ 14.4 ބިލިއަނުގަ އެވެ. 

މި އަދަދުތަކަށް ބަލާއިރު ޓްރެޝަރީ ބޮންޑާއި ޓީ-ބިލު ވިއްކައިގެން މިހާރުގެ ސަރުކާރުން ނަގާފައިވާ ފައިސާގެ އަދަދު ވެސް ކުރީ ސަރުކާރަށްވުރެ މަދެވެ. އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު ފެންނަ ހަގީގަތަކީ މިހާރު ސަރުކާރު ހިންގަމުންދަނީ އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދައިގެންނެއް ނޫން ކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.