"މަސައްކަތް ކުރާ އާބާދީގަ މިހިމެނޭ 17،000 މީހުންނަށް މިވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ އެއީ އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރު ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން."
މަސްވެރިންގެ ގަންނަ މަހަށް ދައުލަތުން އެހާ ބޮޑު ސަބްސިޑީއެއް ދިނުމަކީ އިޖުތިމާއީ އަދާލަތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބޭނީ ދެކޮޅު ޖެހޭ އަގެއް ކަނޑައަޅައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ފައިސާ ނުލިބިގެން މަސްވެރިން އިހުތިޖާޖު ކުރަމުންދާތީ މަސްވެރިންގެ ހައްގުގައި މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ތެދު ވާހަކަތަކެއް ކަމަށެވެ. އެމީހުންނަށް ދޭން ކަނޑައަޅާފައިވާ ފައިސާ އެމީހުންނަށް ދޭން ވާނެ ކަމަށެވެ.
ނަމަވެސް ނާޒިމް ވިދާޅުވީ އެ ފައިސާ ހުރިނަމަ މިހާރު ސަރުކާރުން ދޭނެ ކަމަށެވެ. މިހާރު މިއޮތީކީ ފައިސާ ދެވޭނެ ހާލަތެއްގައި ނޫން ކަމަށާއި މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އެ ދަނީ އަށް ރުފިޔާ ގެއްލުމުގައި ކަމަށެވެ. މިއީ ކުރީ ސަރުކާރުން ސިޔާސީ ބޭނުމެއްގައި 25 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު ބޮޑުކުރުމުން ދިމާވި މައްސަލައެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ވިސްނާލަން ޖެހޭ މި އަގު މުރާޖާ ކުރުމާ ދޭތެރޭގަ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވަނީ މަސްވެރިންގެ އާބާދީއަށް ވެސް އަލިއަޅުއްވާލާފަ އެވެ. އެގޮތުން، މަސްވެރިންގެ އާބާދީގައި 17،000 މީހުން އެބަތިބި ކަމަށާއި ކަންނެލި މަސްވެރިންގެ ގޮތުގައި 3700 މީހުން އެބަ ތިބި ކަން ފާހަގަކުރެއްވި އެވެ. އަދި މިފްކޯގައި 614 ދޯނި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
"މަސައްކަތް ކުރާ އާބާދީގަ މިހިމެނޭ 17،000 މީހުންނަށް މިވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ އެއީ އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރު ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން. ސިވިލް ސާވަންޓުންގެ ތެރޭގަ ވެސް 35،000 މީހުން އެބަތިބި. ރިސޯޓުތަކުގަ މަސައްކަތް ކުރާ ވެސް 15،000 އަށްވުރެ ގިނަ މީހުން އެބަތިބި. އެކަމަކު އަޅުގަނޑުމެން މި ސަންސިޑީ މިދެނީ މިގޮތަށް 17،000 މަސްވެރިންނަށް. މީކީ އެއްގޮތަކަށް ވެސް އިންސާފެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
ސިޔާސީ ފައިދާ ހޯދަން މަސައްކަތް ކުރުން ހުއްޓާލައި، ޕާޓީގެ ކުލަ ދޫކޮށް އެންމެންނަށް ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރަން ނާޒިމް ވަނީ އެމްޑީޕީ ހިމެނޭހެން ހުރިހާ ޕާޓީތަކަށް ގޮވާލައްވާފަ އެވެ.
އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެފައި ވަނީ މިއީ ހަމައެކަނި މި ސަރުކާރަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި ވެސް މަސްވެރިންނަށް އަގު ނުދެވި މަޖިލީހަށް މިފަދަ މައްސަލަތައް ހުށަހަޅާ އަދި މަސްވެރިން އެކިއެކި މުޒާހަރާތައް ވެސް ކޮށްފައިވާ ކަމަށެވެ.
"ފައިސާ ހޯދައިގެން އަބަދުވެސް މަސްވެރިންނަށް ދޭން ކުރިން އޮންނާނެ 200 މިލިއަން، 300 މިލިއަން ރުފިޔާ. އެހެންނަމަވެސް މި ސަރުކާރުން މިހާލަތުގަ ވެސް މަސްވެރިންނަށް މިއޮތީ އެންމެ 50 މިލިއަން ރުފިޔާ ދޭން ޖެހިފަ. އެހެންވީމަ ކޮން ބަޔަކަށްތޯ އެ މަސައްކަތްކޮށްދެނީ؟ ލާރި ނެތި، ފައިސާ ނެތި، ފައިސާ ޗާޕުނުކޮށް، އެ ހާލަތުގަ އޮވެފަ 50 މިލިއަނަށް މި ދަށް ކުރީ،" ސަލީމް ވިދާޅުވި އެވެ.
ބަހުސް ކުރައްވަމުން ސަލީމް ވަނީ އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް ފައިސާ ނުދީ އޮތްއިރު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ލަދުގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީން ލަދުގަންނަން ޖެހޭނެ މި މައްސަލަ މިތަނަށް ހުށަހަޅަން. އެއީ މިދިޔަ ފަސް އަހަރު ތެރޭގައި މަސްވެރިންނަށް އެންމެ ދުއްޕާންކުރި، އެންމެ ޖެއްސުން ކުރީ [އެމްޑީޕީން]. އެހެން ނަމަވެސް މަސްވެރިން ކެތްތެރިކަމާއެކުގަ ތިބީ. މުޒާހަރާ ވެސް ކުރި. މީކީ މަސްވެރިންނަށް މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ އެވެ. މި މައްސަލަ ހުށަހެޅުއްވީ އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ނުދޭތީ މުޒާހަރާ ކުރަމުންދާތީ އެވެ.