އިޒުރޭލުގެ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އިސް އޮފިޝަލަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަނގުރާމައިގެ ޖެޓްތަކުން އެ ކްލިނިކަށް ބޮން އަޅައި، އެ ތަނުގެ ކޮޓަރިތައް މުޅިން ހަލާކު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅާފައި

އިސްރާއީލުން ޣައްޒާގެ ކްލިނިކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ސިއްހީ އިސް އޮފިޝަލަކު ޝަހީދު ކޮށްލައިފި އެވެ.

މި ހަމަލާގައި ޝަހީދުވެފައި ވަނީ ޣައްޒާގެ އެމްބިއުލާންސް އެންޑް އިމަޖެންސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރު ހާނީ އަލް ޖަފަރާވީ އެވެ. އާންމު ސިއްހަތާއި ކުޑަކުދިންގެ އިތުރުން ދަތުގެ ފަރުވާ ދެމުން ދިޔަ ޓާގެޓެޑް ކްލިނިކަށް އިސްރާއީލުން ހަމަލާ ދިނުމުގެ ސަބަބުން ވަނީ ހިދުމަތް ހުއްޓިފަ އެވެ. އިސްރާއީލުގެ ހަނގުރާމައިގެ ޖެޓްތަކުން އެ ކްލިނިކަށް ބޮން އަޅައި، އެ ތަނުގެ ކޮޓަރިތައް މުޅިން ހަލާކު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދީރް އަލް ބަލާހްގައި ހުންނަ އަލް އަގްސޯ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އިޔާދު ޒަކައުތު ވިދާޅުވީ އަލްޖަފަރާވީ އަވަހާރަ ކޮށްލުމުން އިސްރާއީލުން ވަނީ އެ ސަރަހައްދުގެ ވެއްޓިފައިވާ ސިއްހީ ނިޒާމުގެ ތެރެއިން "ތަނބެއް" ނައްތާލާފައި ކަމަށެވެ.

"ޣައްޒާގެ ސިއްހީ އަދި ސިއްހީ ނިޒާމު މުޅިން ހަލާކު ކޮށްލަން އަނެއްކާ ވެސް އިސްރާއީލު ސިފައިން މަސައްކަތް ކުރާކަން ވަރަށް ސާފު،" ޒަކައުތު ވިދާޅުވި އެވެ. ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އަލްޖަފަރާވީއަކީ އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް، ބޭސް ފަރުވާގެ މަސްއޫލިއްޔަތާއި، ބަލި މީހުންނާއި ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި ނަމޫނާ ބޭފުޅެއް ކަމަށެވެ.

"އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލައި، ސިއްހީ ނިޒާމާއި އެ ގައުމުގެ މަސައްކަތްތެރިން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށާއި ދުނިޔޭގެ ޖަމިއްޔާތަކަށް ހެލްތު މިނިސްޓްރީން ގޮވާލަން" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ ބުނީ އެ ހަމަލާއަކީ ހަމާސް ހަތިޔާރު އުފައްދާ މައި މަރުކަޒަކަށް ދިން ހަމަލާއެއް ކަމަށާއި ހަމާސްގެ އިސް އޮފިޝަލަކު މަރާލާފައިވާ ކަމަށެވެ.

އިސްރާއީލުން ގެންދަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބޮމުގެ ހަމަލާތައް ދެމުންނެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނީ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 37،626 އަށް އަރާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.