އިގްތިސާދުގައި ދުޅަހެޔޮ ކަމެއް ނެތް، ފައިސާ ނަގަނީ އެމްއެމްއޭއިން: ޔާމީން

ޔާމީން ވިދާޅުވި ގޮތުގައި ތަފާސްހިސާބުން ހަގީގަތް ހާމަކޮށް ދެއްވަނީ ރައީސް މުއިއްޒަށް ފާޑު ވިދާޅުވުމުގެ ބޭނުމުގައެއް ނޫނެވެ. ދިވެހި އިގްތިސޯދު ރަނގަޅު ވުމަކީ އެމަނިކުފާނާއި ގައުމަށް ހެޔޮ އެދޭ އެންމެން ވެސް އެދޭ ގޮތެވެ،

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަނީ

ދިވެހި އިގްތިސޯދުގައި ދުޅަހެޔޮ ކަމެއް ނެތް ކަމަށާ އިގްތިސޯދު މެނޭޖު ކުރަމުން ދަނީ ވަރަށް ދޯހަޅި ސިޔާސަތެއްގެ ދަށުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. 

ޔާމީންގެ ޕާޓީން ރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ފައިސާ ޗާޕު ނުކޮށް ބޭރާއި އެތެރޭގެ ދަރަނި ދައްކަން މިދިޔަ ހަތް މަސް ދުވަސް ތެރޭ ގާތްގަނޑަކަށް 13 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމާމެދު ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ވިދާޅުވި ތަފާސް ހިސާބު ރަނގަޅު ނޫން ކަމަށް ވިދާޅުވެ ހިސާބު ނަންބަރުތަކުން މިސާލު ވެސް ދެއްކެވި އެވެ. ޔާމީން ވިދާޅުވީ ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނީ 12 ބިލިއަން ރުފިޔާ ކަމަށާ މިހާތަނަށް 13.7 ބިލިއަން ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ހަރަދުވި 1.7 ބިލިއަން ހޯދި ގޮތެއް ވިދާޅުވެ ދެއްވާފައި ނުވާ ކަމަށެވެ.

"އެެހެން ކަމުން ފުރަތަމަ ކަމަކަށް ވެސް ދަންނަވަން ޖެހެނީ އެ ވިދާޅުވާ ގޮތަށް އިގްތިސޯދު ގައި އެ ދުޅަހެޔޮ ކަމެއް ނެތޭ،"

ޔާމީން ވިދާޅުވީ އިގްތިސޯދީ ހާލަތާއި ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ނުދޭ ކަމަށާ އެހެން ކަމުން އެ މައުލޫމާތު ހޯދަން ޖެހެނީ އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ކަމަށެވެ. އެ މައުލޫމާތުތަކަށް ބެލުމުން ރައީސް އެ ވިދާޅުވާ ފައިސާ ނެންގެވީ އެމްއެމްއޭ އިން ކަން ހާމަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެންބަރުގެ ނިޔަލަށް އެޑްވާންސްޓް ޓް ދަ ގަވާމަންޓް -- ސަރުކާރުން އެދިގެން ދޭ ލޯނެއްގެ ނިސްބަތް ހުރީ 1.7 ބިލިއަަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ހުރީ 14.7 ބިލިއަން ގައި ކަމަށެވެ.

"އެހެންވީމަ އެމްއެމްއޭ އިން ބޮރޯޗކޮށްގެން މި އުޅެނީ. މިއީ ހަމަ ފައިސާ ޗާޕް ކުރުން. ފައިސާ ޗާޕް ކޮށްގެން ބޭރުން ގެނައީކީއެއް ނޫން. ޗާޕު ކޮށްގެން ބޭރުން ގެނެސް އެމްއެމްއޭގައި ބަހައްޓާފައި ހުރި ފައިސާ ނަގައިގެން މި އުޅެނީ. އެހެންވީމަ އެއީ ޗާޕު ކުރި ފައިސާ،"  

ޔާމީން ވިދާޅުވީ އެގޮތަށް ދޫކުރާ ފައިސާއަކީ މަސް ދުވަހުން ދައްކަން ޖެހޭ ފައިސާ ކަމަށާ ނަމަވެސް އެކަމުގައި ރައީސް ސޯލިހްގެ ސަރުކާރުން ވަރަށް ގޯސް ރޫލެއް ގާއިމުކޮށް އެ ފައިސާ ދެއްކުން އެތައް މަހަކަށް ދަންމާލާފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ފައިސާ ޗާޕު ނުކުރާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެމްއެމްއޭ އިން އެގޮތަށް ފައިސާ ނެގުމަކީ ފައިސާ ޗާޕު ކުރުން ފަދަ ކަމެއް ކަމަށެވެ. ފައިސާ ޗާޕު ކުރުން ދެ ގޮތަކަށް މާނަ ކުރެވިދާނެ ކަމަށާ އެއީ އާ ފައިސާ ޗާޕު ކުރުން ނުވަތަ އެމްއެމްއޭގައި ހުންނަ ފައިސާގެ ތެރެއިން އާންމުންނާއި ވިޔަފާރީތަކުގައި ރޯލްވާ ފައިސާ ނޫން އެހެން ފައިސާ ނަގާ ބޭނުން ކުރުން ކަމަށެވެ. އެއީ އިގްތިސޯދީ ގޮތުން ބަލާނަމަ ފައިސާ ޗާޕު ކުރުމާއި އެއް ނަތީޖާއެއް ނުކުންނަ ކަމެއް ކަމަށާ އެއީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ތަފާސް ހިސާބުގެ އަލީގައި ހަގީގަތް ހާމަކޮށް ދެއްވަނީ ރައީސް މުއިއްޒަށް ފާޑު ވިދާޅުވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ދިވެހި އިގްތިސޯދު ރަނގަޅު ވުމަކީ އެމަނިކުފާނާއި ގައުމަށް ހެޔޮ އެދޭ އެންމެން ވެސް އެދޭނެ ގޮތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.