"އަޅުގަނޑުގެ އަންހެނުން ނިކުމެ [ރައީސް] މުއިއްޒަށް ކެމްޕެއިން ކޮށް ދެއްވި. އަދިވެސް ގަބޫލުކުރަން ޖެހޭނެ ދެއްތޯ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ނެންގެވީ އެމަނިކުފާނުގެ އިރުޝާދަށް ކަމަށާ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ތާއީދު ދެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފްރަންޓް އޮފީސް ޖަލްސާ ގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ނޫސްވެރީންނާއި ޕީއެންއެފްގެ މެންބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ދީގެން ކުރިއަށް ގެންދިޔަ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ފުރުސަތު ނުލިބޭ ހާލަތެއް ގައި ދެން ފުރުސަތު ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ އިހްތިޔާރު ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕް އެމަނިކުފާނަށް ދެއްވި ކަމަށެވެ. މިއަދު ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތުގެ ބޭނުން އެމަނިކުފާނު ނުހިއްޕެވީ ކަމަށާ ބޭނުންވީ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ކެންޑިޑޭޓަކު ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށެވެ.
ރައީސް ޔާމީންގެ ފުރިހަމަ ތާއީދާ އެކު އެހެން ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް ގަބޫލުނުކުރެއްވޭތީ ރައީސް މުއިއްޒަށް ފުރުސަތު ހޯއްދަވައިދެއްވަން މާކުރީން ފެށިގެން ރޭއްވުންތައް ރޭއްވެވި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒަށް ޔާމީންގެ ތާއީދު ނެތްކަން ހާމަވާ މޭރުމުން ވާހަކަ ދެއްކެވި އެވެ.
ޔާމީން ވަނީ ރައީސް މުއިއްޒު ހޮއްވެވުމަށް އެމަނިކުފާނު ކުރެއްވި ބައެއް އެހެން މަސައްކަތްޕުޅުތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ. ޔާމީން ވިދާޅުވީ އިދިކޮޅު ކޮންގްރެސްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުން ރައީސް މުއިއްޒު، ރަނިންމޭޓަކަށް ފުރަތަމަ ނެންގެވީ ހުސައިން މުހައްމަދު ލަތީފް ނޫން ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެ ބޭފުޅަކު ނަންގަވައިގެން އިންތިހާބުން މޮޅުނުވާނެ ކަމަށް ދެންނެވި ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަންފުޅު ހުށައެޅުއްވި ކަމަށެވެ.
އެއީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ކަަމަށް ވިދާޅުވި އެވެ.
ޕީޕީއެމް / ޕީއެންސީގެ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހޯއްދަވައިދެއްވުމަށް މާކުރީން ރޭއްވެވި ކަމަށާ އެއީ ރައީސް އަބްދުﷲ ޔާމީން އެހެން ބޭފުޅަކަށް ފުރުސަތު ނުދެއްވާނެތީ ގައުމުގެ ހައްގުގައި ކުރެއްވި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ތަކުރާރު ކުރައްވާ ވިދާޅުވީ ރައީސް މުއިއްޒަށް އެމަނިކުފާާނު ތާއީދު ކުރެއްވި ކަމަށެވެ.
"އަޅުގަނޑުގެ އަންހެނުން ނިކުމެ [ރައީސް] މުއިއްޒަށް ކެމްޕެއިން ކޮށް ދެއްވި. އަދިވެސް ގަބޫލުކުރަން ޖެހޭނެ ދެއްތޯ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ"
ޔާމީން މިރޭ ތަކުރާރު ކުރައްވާ ވިދާޅުވީ ހުސްގޮނޑީގެ "ސިހުރު" އަދިވެސް ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.