މަސްވެރިންގެ ފައިސާ | ސަރުކާރުން ގަނަ ތެޅުން ހުއްޓާލައި، އަގު ބަދަލުކުރަންވީ

ފުރަތަމަ ކުރަން ޖެހޭ ކަމަކީ މިފްކޯ އިސްލާހު ކުރުމެވެ. އަބަދު ސަރުކާރުގެ ބަޖެޓުން މަސްވެރިންނަށް ފައިސާ ދޭ އުސޫލާ ދުރަށް ދިއުމެވެ. ސަރުކާރަށް ގަންނަ މަހަށް ދެވޭ އަގަކީ ދުނިޔޭގެ ބާޒާރު ދަންނަ ދެކޮޅު ޖެހޭ އެއްޗަކަށް ހެދުމެވެ.

ދޯންޏެއްގައި މަސް ބަނާނަނީ : މަސްވެރިކަމުގެ ސިނާއަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ -- މަސްވެރިން

މަސްވެރިންނަށް ކިރުވާ މަހުގެ އަގަށްވާ ފައިސާ ނުލިބުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ފެންމަތިވި މައްސަލައެއް ނޫނެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން މި މައްސަލަ ދިޔައީ ކުރިމަތިވަމުންނެވެ. މަސްވެރިކަން ބޮޑުވެ މަސްވެރި އުޅަނދުތައް ބިޔަ ވަމުން ދިޔަ ވަރަކަށް މި މައްސަލަ ފުނި ޖެހެމުން ދިޔަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އޮތީ މި ޝަކުވާ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހަމަ މި ޝަކުވާ ކުރި އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ވަކިން މި މައްސަލަ ބޮޑެވެ. މައްސަލަ ބޮޑުވެ ފުލުހުން މަސް ކާރުހާނާ ތަކަަށް ފޮނުވައިގެން މަސްވެރިން "ހަންމަތަ" ކުރަން ޖެހުނު ކިތަންމެ ދުވަހެއް ދިޔަ އެވެ. މިއަދު ވެސް މަސްވެރިން އެތިބީ ހަމަ އެ ޝަކުވާގަ އެވެ. އެމީހުންގެ ޝަކުވާއަކީ މަސް ކިރުވާ ފައިސާ ބަރާބަރަށް ނުލިބުމެވެ. މަސް ބާނާ ދުވަސްވަރެއްގައިނަމަ މަސް ކޮޅު ނުކިރިގެން ކަނޑަށް އަޅާލަން ޖެހުމެވެ. 

މި މައްސަލަތަކަށް ދާއިމީ ދެމެހެއްޓެނެވި ހައްލެއް ހޯދައިނުދެވި މައްސަލަ ދިގުލައިގެން މިވަނީ ގޮސްފަ އެވެ. މިހާރު މިވަނީ ފައިސާ ލިބުން ލަސްވާ ސަބަބުތަކާއި މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާމެދު ފުންކޮށް ވިސްނައިލަން ޖެހޭ ހިސާބުގަ އެވެ. އަބަދު މިގޮތަށް "ސަބްސިޑީ މަސްވެރިކަމެއް" ކުރަން ތިބެންވީ ހެއްޔެވެ؟ މަސްވެރިން މަސް ގެނައުމުން ނުއަގުގައި ސަރުކާރުން އެ ނަގައި ބޮޑު އަގު މަސްވެރިންނަށް ތާ އަބަދު ދިނުމަކީ ހަމަޖެހޭ އުސޫލެއް ހެއްޔެވެ؟ 

މި ހުރިހާ މައްސަލައެއްގެ ހަގީގީ "ފަންޏަކީ" ސަރުކާރުގެ މަސް ކުންފުނި މިފްކޯ އެވެ. މިއީ މިއަދުގެ ވާހަކައެއް ނޫނެވެ. މީގެ 31 އަހަރު ކުރީން ފެށިގެން ދެކެވޭ ބާވެފައިވާ ވާހަކައެކެވެ. 

މިފްކޯއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ކުންފުންޏެވެ. އެ ކުންފުނި 1993 ގައި އުފެއްދި ކުންފުނީގެ ވަސީލަތްތައް ޒަމާނާ އެއްވަރަށް، މަސްވެރިކަަމުގެ ސިނާއަތަށް އަންނަމުންދިޔަ ބޮޑެތި ބަދަލުތަކާ ފައިހަމަވާ ގޮތަށް ތަރައްގީ ކުރެވުނުތޯ ސުވާލު ކޮށްލަން ޖެހެ އެވެ. މަސްވެރި އޮޑި ފަހަރު ބޮޑު ވެއްޖެ އެވެ. މިފްކޯ މަސް ބޯޓެއްގައި 20 ޓަނު ހުންނައިރު މިހާރު ހުންނަ ޒަމާނީ ދޯންޏަކަށް 40 ނޫނީ 80 ޓަނު ކިރުވާލެވެ އެވެ. މަސްވެރިން މަސް އައިނު ހޯދަން ކުރާ ދަތުރުތައް ދިގުވެއްޖެ އެވެ. ބާނާ މަހުގެ އަދަދު ވެސް އިތުރު ވެއްޖެ އެވެ. އެކަމަކު މި ބަދަލުތަކާ ފައިހަމަވާ ގޮތަކަށް މިފްކޯ ތަރައްގީ އޮތީ 31 އަހަރު ފަހަތުގަ އެވެ. މިފްކޯ އޮތީ ދަބަރު ޖަހާ ގެދަބުޅި ހިލިފަ އެވެ. 

މިފްކޯގެ މަސް ކާރުހާނާ އާއި ގަނޑުކުރި މަސް ރައްކާކުރާ ވަސީލަތްތައް ހުރި ހާލަތު ވަޒަންކުރެވޭނެ އެއް ގޮތަކީ ރޯ މަސް ބޭރުކުރާ މިންވަރާއި އަގު އިތުރުކޮށްގެން ބޭރުކުރާ މިންވަރަށް ބެލުމެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު މާޗު މަހުގެ ތެރޭގައި ވިދާޅުވި ގޮތުގައި އެވެރެޖުކޮށް އަހަރެއްގެ މައްޗަށް 120،000 ޓަނުގެ މަސް ބާނާއިރު ބޭރުކުރެވެނީ 62 ނުވަތަ 65 ޓަނުގެ މަހެވެ. އެއިން 75 އިންސައްތައަކީ ރޯ މަހެވެ.  

މިނިސްޓަރު ހާމަކުރެއްވި ތަފާސް ހިސާބުން ފެންނަ ހަގީގަތަކީ މަސްވެރިކަން ތަރައްގީވެ، މަސްވެރިން ބާނާ މަސް އިތުރުވި މިންވަރާ އެކަށީގެންވާ މިންވަރަކަށް މަސް ބަންދުކޮށް އަގު އިތުރުކޮށްގެން ބޭރުކުރެވޭނެ ވަސީލަތްތައް ތަރައްގީވެފައި ނެތް ކަމެވެ. އަދި ބާނާ ހުރިހާ މަހެއް ތާޒާކަމާއެކު ރައްކާކޮށް ބޭރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ނެތް ކަމެވެ. 

ކުޅުދުއްފުށީ މާލި ޕެރޭޑުގެ ތެރެއިން މަސްވެރިންގެ ފައިސާއާ ގުޅޭ ފުޅަނދު ބުރެއް، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލު

މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުދެވޭ މައިގަނޑު ސަބަބަކީ ސިނާއީ ފެންވަރެއްގައި މަސްވެރިކަން ކުރިއެރުވުމަށް މިފްކޯ އަށް އިންވެސްޓު ކުރެވި ޒަމާނާ އެކަށޭނެ ގޮތެއްގައި އެ ކުންފުނީގެ ވަސީލަތްތައް ތަރައްގީ ކުރެވިފައި ނެތުމެވެ. މަހަށް އަގު އިތުރުކޮށްގެން ބާނާ މަހުން ރަނގަޅު މަންފާއެއް ހޯދޭނެ މިންވަރަށް އެ ކުންފުނި ބިނާކުރެވިފައި ނެތުމެވެ. ނަތީޖާއަކީ ބާނާ މަސް ރޯ މަހުގެ ގޮތުގައި ބޭރުކުރަންޖެހުމުގެ ސަބަބުން އެކަށީގެންވާ އަގެއް މިފްކޯއަށް ނުހޯދުމެވެ. 

އެއްވެސް ދެބަސްވުމެއް ނެތް ގޮތުގައި މިއީ ހައްލުކުރަންޖެހޭ މައްސަލައެކެވެ. ނަމަވެސް މިއީ އެއް ދުވަހުން ދެ ދުވަހުން ހައްލުވާނެ ކަމެއް ނޫނެވެ. ސަރުކާރުންވަނީ މިފްކޯގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް އިއުލާނުކޮށްފަ އެވެ. އެއީ ވަގުތު ނަގައިގެން ކުރެވޭނެ މަސައްކަތެކެވެ. 

މަހުގެ އަގު، ދައުލަތަށް ބޮޑު ބުރައަކަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ބޮޑުތަނުން ޝަކުވާ ކުރީ މަސްވެރިންނަށް ފައިސާ ނުލިބޭތީ އެވެ. އެކަމަކު މި ޝަކުވާ މަދުވެގެން ދިޔައީ މަސްވެރިން ބާނާ މަސް ބޭރުގެ މާރުކޭޓުގެ އަގަށް ދޫކޮށްލުމުމުންނެވެ. ރާއްޖޭގެ ބާޒާރުގައި އެވްރެޖުކޮށް 2014 ވަނަ އަހަރު މަސް ކިލޯއެއް ގަތީ 19ރ. އަށެވެ. މި އަގު 2017 ގައި 20ރ. އަށް އޭރުގެ ސަރުކާރުން މަތި ކުރި އެވެ. އެކަމަކު އޭރުވެސް އޮތީ ސަރުކާރުގެ ބަޖެޓުން ފައިސާ އަޅާ އުސޫލެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި 2019 ގައި ދުނިޔޭގެ މާކެޓް ރޭޓުގައި ގަންނަން ސަރުކާރުން ދޫކޮށްލި އެވެ. މި ހިސާބުން ފެށިގެން 16، ސެޕްޓެމްބަރު 2023 ގެ ނިޔަލަށް ފިނިކުރި ރޯމަސް މަސް ކިލޯއެއް ގަތީ 17ރ. އަށެވެ. މި މައްސަލަ ގޯސްކޮށްލީ އޭގެފަހުންނެވެ. އިންތިހާބީ ކެމްޕޭނަށް މަސްވެރިންގެ ލޮލުގައި އެޅުވި އަނދުނާއެކު މަސް ކިލޯއެއް 25ރ. އަށް އުފުލާލައި މުޅި ސިނާއަތް ހަލާކުކޮށްލި އެވެ. މި އަގަކީ މަސްވެރިންނަށް މާވަހަރަކަށް ވިޔަސް ކުރިމަގުގައި އަންނަ ރާޅު މަސްވެރިންނަކަށް ރޭކާވެސް ނުލަ އެވެ. މަސްވެރިންގެ ރާޑަރުތަކަށް މިކަން އެރީ ވެރިކަން ބަދަލުވެ ފައިސާ ނުލިބިގެން އުޅެން ޖެހުނު ހިސާބުންނެވެ. 

މަހުގެ އަގަކީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި ގޮތަށް ރިއާޔަތް ކުރުމެއް ނެތި ބަދަލު ކުރާ އަގެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުގެ އަގު ދޫކޮށްލައި ވަކި ރޭންޖެއް ކަނޑައަޅައި އަގު ކުޑަކުރި އެވެ. ރިޔާސީ އިންތިހާބު ތެރޭގައި ކުއްލި ގޮތަކަށް އެމަނިކުފާނު ނިންމެވި ނިންމެވުމަކާއެކު މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރެއްވި އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މަހުގެ އަގު 20 ރުފިޔާ އަށް ކުޑަކުރެއްވި އެވެ. އެމަނިކުފާނު އިންތިހާބުގައި ވައުދުވެވަޑައިގެންފައި އޮތީވެސް އެ އަގުގައި މަސް ގަތުމަށެވެ. އެ ވައުދުވެވަޑައިގެންނެވިއިރު މަސް ކިލޯއެއް މިފްކޯ އިން ގަންނަމުން އައީ 15 ރުފިޔާއާއި 17 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

މަހުގެ އަގަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން އާންމުކުރި ބަޖެޓް ޕޮޒިޝަން ރިވީއުގައި ފާހަގަކޮށްފައިވަނީ ރައީސް ސޯލިހު ސެޕްޓެންބަރު 16 2023 ގައި ނިންމެވި ނިންމެވުމާއެކު، އަހަރުގެ ބާކީ އޮތް ތަނުގައި މަސްވެރިންނަށް ފައިސާ ދިނުމަށް 248 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ބޭނުންވެ އެވެ. އެ އަހަރަށް މިފްކޯ އަށް ސަބްސިޑީގެ ގޮތުގައި ދޫކުރަން ބަޖެޓުކޮށްފައި އޮތީ 250 މިލިއަން ރުފިޔާ އެވެ. ސެޕްޓެންބަރު 16 ވަނަ ދުވަހާ ހަމައަށް އެއިން 167 މިލިއަން ރުފިޔާ އޮތީ ދޫކޮށްފަ އެވެ. އެކަމަކު މަސްވެރިންނަށް ފައިސާ ދިނުމާއެކު މިފްކޯގެ ހަރަދުތައް ހުރިގޮތުން ބޭރަށް ދައްކާ ބިލްތަކާއެކު މިފްކޯ އޮތީ ހާލުގަ އެވެ. 

މަސް ދޯންޏެއް މަހަށް ފުރައިގެން ދަނީ -- މަސްވެރިން

މި އަހަރުގެ ބަޖެޓުގައި މިފްކޯއަށް ސަބްސިޑީގެ ގޮތުގައި 413 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވެ އެވެ. ނަމަވެސް މިފްކޯއިން ލަފާކުރާ ގޮތުގައި އެ ކުންފުންޏަށް 763 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ބޭނުންވާނެ އެވެ. އެއީ 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަނަމަ އެ ކުންފުންޏަށް ބޭނުންވާނެ ފައިސާ އެވެ. 

ރައީސް މުއިއްޒުގެ ނިންމެވުމަށް 25 ރުފިޔާއިން 20 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު ކުޑަކުރުމުން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދޭންޖެހޭ އަދަދު ވަރަށް ބޮޑަށް ކުޑަވާނެ އެވެ. ނަމަވެސް އޮޑިޓު އޮފީހުން ބުނެފައިވަނީ ކުޑަކުރި އަގުގައި މަސް ގަތަސް މިފްކޯއަށް ބޮޑު ގެއްލުމެއްވާނެ ކަމަށެވެ. އަދި އެ ގެއްލުން ކުޑަކުރުމަށް ސަބްސިޑީ ދެމުންދިއުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

މަހުގެ އަގާއި ހިނގާ ހަރަދު ދިމަލެއް ނުވޭ

"މިރާ" އިން އެދިގެން މިފްކޯ އިން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިފްކޯ އަށް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނައިރު، ކޮންމެ މަސްކިލޯއަކަށް އިތުރު ހަރަދުގެ ގޮތުގައި މިފްކޯއިން 9.72 ރުފިޔާ ހަރަދުކުރެ އެވެ. އެއީ ބޯޓުފަހަރަށް ހިނގާ ހަރަދުތަކާއި މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި އެނޫންވެސް އެކި ހޭދަތައް މަސް ކިލޯއަކަށް ބަހައިލުމުން ޖެހޭ އަދަދެވެ. ޖުމްލަ ކިލޯއަކަށް މިފްކޯއިން ހަރަދު ކުރަނީ 29.72 ރުފިޔާ އެވެ. 

މި ވަގުތު ބޭރުގެ ބާޒާރުގައި މަސް ޓަނެއް ވިއްކަމުންދަނީ 1،200 ޑޮލަރާއި 1،400 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. އެއީ ކިލޯއަކަށް 18.50 ރުފިޔާއާއި 21.58 ރުފިޔާއާ ދެމެދުގެ އަގެކެވެ. މި އަގަށް ބަލާއިރު މިފްކޯއަށް ކޮންމެ އެއް ކިލޯ މަހުން 8.21 ރުފިޔާއާއި 11.29 ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެ އެވެ.  

މިހާރު އަގުން މިފްކޯއަށް ލިބޭ ގެއްލުން

  • މަސް ގަންނަނީ 20ރ. އަށް
  • މަސްކިލޯއަކަށް އިތުރު ހަރަދުގެ ގޮތުގައި މިފްކޯއިން 9.72 ރުފިޔާދޭ
  • މިފްކޯއިން މަސް ކިލޯއަކަށް 29.72 ރުފިޔާ ހަރަދު ކުރަން ޖެހޭ
  • މިފްކޯއަށް މަސް ކިލޯއަކުން 8.21 ރުފިޔާ އާއި 11.29 ރުފިޔާއާ ދެމެދުގެ ގެއްލުންވޭ

މިފްކޯގެ މި ހިސާބުތަކަށް ބަލާއިރު ޔަގީންވާ ކަމަކީ މަސް ކިލޯއެއް 20 ރުފިޔާއަށް ގަނެގެން މަސް ބޭރުކޮށްގެން އެ ކުންފުންޏަށް ދެމެހެއްޓެނެވި ގޮތެއްގައި މަހުގެ ވިޔަފާރި ކުރެވެން ނެތް ކަމެވެ. ސަރުކާރުން ބޮޑު އަދަދެއްގެ ސަބްސިޑީއެއް ނުލިބި މަސް ގަތުމަކީ އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫން ކަމެވެ. އޮޑިޓު އޮފީހުން ފާހަގަކުރަނީ އެ ސަބްސިޑީ މެދުކެނޑުމެއް ނެތި ދިނުމަކީ ދައުލަތަށް ދާއިމަށް އުފުލޭ ވަރަށްވުރެ ބޮޑު ބުރައެއް ކަމެވެ. 

ހައްލަކީ ބައިނަލް އަގުވާމީ ބާޒާރުގެ އަގަށް ދޫކޮށްލުން

ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަކީ ވަރަށް ބޮޑަށް ބަދަލުވާ އަގެކެވެ. ބައެއް ފަހަރު ކިލޯއެއްގެ އަގު 10 ރުފިޔާއަށްވުރެ ދަށަށްވެސް ވެއްޓެ އެވެ. ބައިނަލްއަގުވާމީ ބާޒާރުގެ އަގުގައި މިފްކޯއިން މަސް ގަތުމަކީ މަސްވެރިންނަށް އެކަމުން ގެއްލުމެއް ލިބިދާނެ ކަމެއް ކަމުގައި ބައެއް މަސްވެރިން ދެކެނީ މި ސަބަބާ ހުރެ އެވެ. 

"މިރާ" އަށް މައުލޫމާތު ދެއްވި އިގުތިސާދީ މާހިރެއް ވިދާޅުވީ މަހުގެ އަގު ކަނޑައެޅުމުގައި ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ރިއާޔަތްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ހަމައެކަނި މިންގަނޑަކީ ބައިނަލްއަގުވާމީ އަގުކަމަށް ނިންމައިފިނަމަ މަސްވެރިންނަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ. 

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަހުގެ އަގު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ފްލޯ ޕްރައިސިން ނުވަތަ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މިފްކޯގެ ކޭޝް ފްލޯ އަށް ރިއާޔަތްކޮށް މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ދިނުމެވެ. މިފަދަ ނިޒާމެއްގެ ތެރެއިން އަގު ކަނޑައެޅިއްޖެނަމަ މިފްކޯއަށް ގެއްލުންނުވެ މަސްވެރިންނަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިނުވާނެހެން މަހުގެ އަގު ކަނޑައެޅިދާނެ ކަމުގައި އޭނާ ގަބޫލުކުރައްވަ އެވެ.  

"ފްލޯ ޕްރައިސިން ސިސްޓަމެއް ތަންފީޒުކުރަން ފެށީމަ، މަސްވެރިކަމުގެ މައްޗަށް ބަރޯސާވާ ކޮމިއުނިޓީސް ނިކަމެތިނުވާނެހެން މިފްކޯއަށް ގެއްލުންނުވާނެ ގޮތަށް މަސްވެރިންނަށް ފައިސާ ދެވޭނެ. އެއިރުން މެދުނުކެނޑި މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ. 

މަހުގެ އަގު ފްލޯ ޕްރައިސަކަށް ބަދަލު ކުރުމަކީ މައްސަލައިގެ ވަގުތީ ހައްލެވެ. "މިރާ" އަށް މައުލޫމާތު ދެއްވި އިގުތިސާދީ މާހިރު ގަބޫލުކުރައްވާ ގޮތުގައި މައްސަލައިގެ ދާއިމީ ހައްލަކީ މިފްކޯގެ ގާބިލުކަން އިތުރު ކުރުމެވެ. އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތައްވެސް ބާރުވެރިކޮށް، އެ ސިނާއަތުގައި އިންވެސްޓުކުރާ މިންވަރު އިތުރުކޮށް، އަގު އިތުރުކޮށްގެން ބޭރުކުރާ މަހުގެ އުފެއްދުންތައް އިތުރުކުރުމެވެ. 

ސަރުކާރުގެ އަމާޒު ދާއިމީ ހައްލަކަށް

ސަރުކާރުގެ އަމާޒު ހުރީ މަސްވެރިކަމުގެ ސިނާއަތަށް ވަށާޖެހޭ ދާއިމީ ހައްލެއް ގެނައުމަށެވެ. މިނިސްޓަރު ޝިޔާމު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތަށް ގެންނަން އެންމެ ބޮޑަށް ބޭނުންވާ ބަދަލަކީ ދިވެހި މަސްވެރިން ބާނާ މަހުގެ އަގު ރާއްޖެއަށް ކަނޑައެޅޭނެ މިންވަަރަށް އެ ސިނާއަތް ތަރައްގީ ކުރުމެވެ. 

ޝިޔާމު ވިދާޅުވި ފެންވަރަށް މަސްވެރިކަން ތަރައްގީކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެއިން އެއްކަމަކީ މިފްކޯ އިސްލާހު ކުރުމެވެ. އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި މިފްކޯއަށް ލިބޭ ގެއްލުން އިތުރުވާ ސަބަބަކީ މިފްކޯގެ އިންއެފިޝިއަންސީ ނުވަތަ ހިންގުމުގެ ދޯހަޅިކަން ބޮޑުވުމެވެ. އެހެންކަމުން މިފްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރަންޖެހެ އެވެ. 

ފުރަތަމަ ކުރަން ޖެހެނީ މިފްކޯ އިސްލާހު

ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ މާލީ އިސްލާހީ ޕްލޭނުގައި އެންމެ އިސްކަންދޭ ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް ކަމަކީ މިފްކޯ އިސްލާހު ކުރުމެވެ. "މިރާ"އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ، ސަރުކާރުން މަސައްކަތް ކުރަމުން ދާ މިސްރާބަކީ މިފްކޯ ހަރުދަނާކޮށް މަސްވެރިކަމާއިގެން އަމިއްލަ އަށް އުޅެވޭނެ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ. 

"މިފްކޯގައި އިންއެފިޝެންޓް ވަރަށް ގިނަ ކަންކަން އެބަހުރި. އެކަންކަން އިސްލާހުކޮށް އެސްއޯއީ ރިފޯމްގެ ތެރޭން މިފްކޯ ހަމަމަގަަށް އެޅުވުން މަގުސަދަކީ،" ޝަފީގު ވިދާޅުވި އެވެ.

މަސްވެރިކަމުގެ އަމިއްލަ ކުންފުނިތައް ހަލާކުވެފައި

ސަރުކާރުގެ ދެވަނަ އަމާޒަކީ ރޯ މަސް ބޭރުކުރުން ހުއްޓައިލެވޭ ފެންވަރަށް މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމެވެ. އެކަމުގައި އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުމެވެ. އެތައް މިލިއަން ޑޮލަރު މި ސިނާއަތުގައި އިންވެސްޓުކޮށްފައި ތިބި ވިޔަފާރިވެރިންނާއި އިގުތިސާދުގައި މުހިއްމު ދައުރެއް އަދާކުރާ އެއަށްވުރެ ކުދި ވިޔަފާރިތައްވެސް މި ސިނާއަތުގައި ހަރަކާތްތެރިވެ އެވެ. 

މަސް ގަންނަ އަގު ސަރުކާރުން ހިތުހުރި ގޮތަކަށް ކަނޑައަޅައިގެން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދީގެން މަސްވެރިކަން ހިންގުމުގެ ނަތީޖާއަކީ މިފަދަ ވިޔަފާރިތައް ހުއްޓުމެވެ. ބަނގުރޫޓުވުމުގެ ތުންފަތް މައްޗަށް އެ ވިޔަފާރިތައް ހުށަހެޅުމެވެ. މީގެ އެއް މިސާލަކީ ސޯލިހު ސަރުކާރުން މަސް ކިލޯއެއް 25ރ. އަށް ބޮޑު ކުރުމުން އެންސިސް ފިޝަރިޒްއަށް ވެގެން ދިޔަ ގޮތެވެ.

މިފްކޯގެ ކާރުހާނާއެއްގެ އޮފީސް އިމާރާތް: މަސްް ކުންފުންޏަކީ ނިޒާމެއްގައި ހިނގާ ތަނެއް ކަމަށް އޮޑިޓަކުން ނުފެނޭ

އެންސިސްގެ ޗެއާމަން މުހައްމަދު ވަސީމް ވިދާޅުވެފައިވާ ގޮތުގައި ކުއްލި އަކަށް އެ ސަރުކާރުން ގެނައި އެ ބަދަލާއެކު އެ ކުންފުނީގެ 25 މިލިއަން ޑޮލަރުގެ ފެކްޓްރީ ހުއްޓިގެން ދިޔަ އެވެ. މި ފެކްޓްރީއަކީ ޖަރުމަނުގެ ބޭންކް އަކުން ލޯނު ނަގައިގެން ހެދި ތަނެކެވެ. މި ގެއްލުމާއެކު އެންސިސްގެ މުޅި ވިޔަފާރި އަށް ވަނީ ހުރަސް އެޅިފަ އެވެ.

މި ބަދަލުގެ ސަބަބުން އާއްމު އެތައް އާއިލާއަކަށް އަސަރު ކުރި އެވެ. މި ފެކްޓްރީގައި 400 މީހުންގެ ބޮޑުބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ. މި މުވައްޒަފުންގެ 40 ޕަސެންޓަކީ އަންހެނުންނެވެ. ދިވެހި އަންހެން ކަނބަލުންނެވެ.

އެހެންކަމުން މަހުގެ އަގު ދޫކޮށްލުމަކީ މިފަދަ ކުންފުނިތައް އަލުން ހިންދެމިލައި މަސްވެރިކަމުގެ ސިނާއަތަށް ނުކުތުމަށް ކޮށޭނެ މަގެކެވެ. އަދި އިތުރު އިންވެސްޓަރުން މި ސިނާއަތަށް އިންވެސްޓު ކުރަން ޝައުގުވެރި ކުރެވޭނެ ހަމައެކަނި ގޮތެވެ. އިތުރު ވިޔަފާރިތައް މި ސިނާއަތުގައި ހަރަކާތްތެރިނުވެ މަސްވެރިން ބާނާ ހުރިހާ މަހަކަށް އަގު އިތުރުކޮށްގެން ބޭރުކޮށް އެކަށީގެންވާ އަގެއް ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. 

މިފްކޯގެ ގާބިލުކަން އިތުރު ކުރަން ޖެހޭ

ދެން އޮތީ މިފްކޯގެ ގާބިލުކަން އިތުރުކުރުމެވެ. އިތުރު މަސް ކާރުހާނާތައް އަޅައި، ކޯލްޑް ސްޓޮރޭޖު ފެސިލިޓީތައް މިހާރަށްވުރެ އިތުރުކުރުމެވެ. މިވަގުތު ރާއްޖޭގައި ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީ ހުރީ 10،000 ޓަނަށްވުރެ ކުޑަ އަދަދެއްގެ މަސް ރައްކާކުރެވޭ މިންވަރަށް ކަމުގައި މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީ 40،000 އަށް އިތުރުކުރުމެވެ. 

އޭގެ އިތުރަށް މަސް ބަންދުކުރާ ކާރުހާނާތައް އިތުރުކޮށް އަގު އިތުރުކުރުމުގެ ގާބިލުކަން މިހާރަށްވުރެ ބޮޑަށް ތަރައްގީކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. މިހުރިހާ ކަމެއް ހާސިލުވުމުން މަސްވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިކޭ އަގަށްވުރެ ރަނގަޅު އަގެއްގައި ކިރުވޭނެ އެވެ. 

ނަމަވެސް މިހާރަށް މި ވަގުތަށް ބޭނުންވަނީ ބާޒާރުގެ އަގަށް ރިއާޔަތްކުރެވޭ އަގެއް ކަނޑައެޅުމެވެ. އެއްގޮތަކީ ބައިނަލްއަގުވާމީ ބާޒާރުގައި ހުރި އަގެއްގައި މަސް ގަތުމެވެ. އަނެއް ގޮތަކީ ފްލޯ ޕްރައިސިންގެ އުސޫލަށް ކުންފުނިތަކުގެ ކޭޝް ފްލޯއާއި، ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން ކަނޑައެޅޭ އަގެއްގައި މަސް ގަތުމެވެ. ތައައްސުފީ ގޮތެއްގައި ކަނޑައެޅޭ އަގެއްގައި މަސް ގަންނަން އުޅުނަސް އެއީ ދާއިމަށް ކުރެވޭނެ ކަމެއް ނޫންކަން ތަޖުރިބާއިން އަންނަނީ ފެންނަމުންނެވެ. އަގު ބަދަލުނުކުރާނަމަ ސަރުކާރުތަކަށް އޮންނާނީ ގަނަތެޅުމެވެ. މަސްވެރިންނަށް އޮންނާނީ ނިމުމެއް ނެތް އިހުތިޖާޖެއްގައި ތިބުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.