ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި

ވަޒީފާ އަދާކުރުމުގައި އެކަށީގެންވާ ގޮތަކަށް ޕާފޯމް ނުކުރެވޭ މުވައްޒަފުން ވަޒީފާތަކުގައި ނުބައިތިއްބަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ފަށައިފި އެވެ. 

"މިރާ" އަށް އެނގިފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ ގޮތަށް މަސައްކަތްނުކުރާ މީހުންގެ ލިސްޓެއް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވަން މިނިސްޓްރީތަކަށް އެ އޮފީހުން އޮތީ އަންގާފަ އެވެ. 

ގިނަ މިނިސްޓްރީތަކުން އެ ލިސްޓު ތައްޔާރުކޮށް މިހާރު ރައީސް އޮފީހަށް ފޮނުވާފައިވެ އެވެ. ލިސްޓު ލިބުމާއެކު ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ރައީސް އޮފީހުން ފަށާފައިވާކަން "މިރާ" އަށްވަނީ ކަށަވަރުވެފަ އެވެ. 

އެގޮތުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، އަނެއްބައި މުވައްޒަފުން ވުޒާރާތަކުން ވަކިކޮށް ސަރުކާރު ކުންފުނިތަކަށް ބަދަލުކުރަމުން ދެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 25 އަށް މަދުކުރަން ސަރުކާރުންވަނީ ނިންމާފަ އެވެ. 

މި މައުލޫމާތު ލިބުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި ވަޒީފާގައި ތިބޭނީ އެ ވުޒާރާތަކުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ. 

އަދި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބަލައި، މުވައްޒަފުން އުނި އިތުރުކުރެވެމުންދާނެ ކަމުގައިވެސް ހީނާ ވިދާޅުވި އެވެ. އަދި ރައީސްގެ ވައުދުފުޅަކީ އެމަނިކުފާނުގެ ޓީމަކީ ޕާފޯމުކޮށް ނަތީޖާ ނެރެވޭނެ ޓީމަކަށްވުންކަން އޭނާ ފާހަގަކުރެއްވި އެވެ. 

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި ތިބޭނީ 700 އެއްހައި ސިޔާސީ މުވައްޒަފުންނެވެ. އަދި ވަޒީފާ އަދާކުރުމުގައި އެކަށީގެންވާ ގޮތަކަށް ޕާފޯމް ނުކުރެވޭ މުވައްޒަފުން ވަޒީފާތަކުގައި ނުބައިތިއްބަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. 

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވާދަވެރި ޕާޓީތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހޯދުމަށް ނޫސްވެރިން މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ނަމަވެސް ސަރުކާރުން އެ މައުލޫމާތު ހާމަކޮށްފައިނުވެ އެވެ. 

ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު ފާއިތުވި މަސްތަކުގައި ރިކަރަންޓު ހަރަދު ފާއިތުވި އަހަރަށްވުރެ ބޮޑުވެފައިވެ އެވެ. ރިކަރަންޓު ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.