"ހުރިހާ ގޮތަކަށް ބެލިޔަސް، ކޯސްޓް ވައިސްކޮށް ބެލިޔަސް ފަތުރުވެރިޔާ އަތުން ދާ ހަރަދު ވެސް ވަރަށް ބޮޑަށް ބޮޑުވެގެން މިދަނީ،" މުބީން ވިދާޅުވި އެވެ.
މިހާރު ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އޮންނަ ބާރު ކުޑަވެގެން ދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ ރާއްޖޭގެ އުތުރުގައި އޮންނަ ރިސޯޓުތަކަށް ދަތުރުކުރާ ފަތުރުވެރިން ވީއައިއޭ އަށް އައިސް އަލުން ޑޮމެސްޓިކް ފްލައިޓެއް ނުވަތަ ސީޕްލޭނެއް ނަގައިގެން ދަތުރު ކުރާން ޖެހިފައި އޮތް އޮތުމަކީ ބުރައެއް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވީއައިއޭއަށް އޮތް އެއާ ޓްރެފިކް އިތުރަށް މަތިވެގެން ދާނެ ކަމަށް ވެސް މުބީން ވިދާޅުވި އެވެ. އަދި، ފަތުރުވެރިންގެ އަތުން ދާ ހަރަދު ވެސް ބޮޑުވެގެން ދާ ކަމަށެވެ. އެހެންކަމުން އުތުރުގެ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު މިހުރިހާ މައްސަލައަކަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ގޮތަކަށް ބެލިޔަސް، ކޯސްޓް ވައިސްކޮށް ބެލިޔަސް ފަތުރުވެރިޔާ އަތުން ދާ ހަރަދު ވެސް ވަރަށް ބޮޑަށް ބޮޑުވެގެން މިދަނީ،" މުބީން ވިދާޅުވި އެވެ.
މުބީން ވިދާޅުވީ 1.3 ޓޫރިސްޓުންނަށް އަހަރަކު ހިދުމަތް ދެވޭ ގޮތަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ދާނެ ކަމަށެވެ.
"އެހެންވީމަ ރީ-ޑިވެލޮޕްމެންޓް އަންނައިރުގަ އެތަނަށް ގިނަ ފްލައިޓްތައް ގެނެވޭނެ ގޮތަކަށް، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން އައީ ޓޫރިޒަމް މިނިސްޓަރާއެކު މަސައްކަތް ކުރުން، އިކޮނޮމިކް ކައުންސިލާއެކު މަސައްކަތް ކުރުން މި ސަރަހައްދުގަ ޓޫރިޒަމް ބެޑުތައް އިތުރު ކުރަން ހަގީގަތުގަ،" މުބީން ވިދާޅުވި އެވެ.
އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ވަރަށް އަވަހަށް 24 ގަޑިއިރަށް ރަންވޭ އެއްކޮށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޑިއާގެ އިންޑިއަން އެގްޒިމް ބޭންކުން ލޯނު ނަގައިގެން އެ ގައުމުގެ ޖޭއެމްސީ ކުންފުނިން ކުރަމުން ގެންދާ މި މަސައްކަތުގެ ދަށުން 2.46 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ. މި ރަންވޭ ތަރައްގީ ކުރަމުން ގެންދަނީ އޮޕަރޭޝަނަށް ބުރޫ ނާރާ ގޮތަށެވެ. އެހެންވެ ފުރަތަމަ ހުޅުވީ މި ރަންވޭގެ 1،200 މީޓަރެވެ.