ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް ލޯބީގެ ގޮތުން ހަތް އަހަރު ގުޅިގެން އުޅުމަށްފަހު މިއަދު ދެ ތަރިން ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާއާއި އެކްޓަރު ޒަހީރު އިގްބާލް އާ ދެމީހުންގެ ކައިވެނި މިއަދު އޮންނައިރު ފްރީ ޕްރެސް ޖާނަލްއަށް ޒަހީރުގެ ބައްޕަ އިގްބާލް ރަތަންސީ ދިން އިންޓަވިއުއެއްގައި ބުނީ ޒަހީރުއާއި ސޮނާކްޝީ ކައިވެނި ކުރިނަމަވެސް އިސްލާމް ނުވާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކައިވެނީގެ ހަފްލާގައި އިސްލާމް އަދި ހިންދޫގެ ވެސް އެއްވެސް ދީނީ ކަމެއް ނޯންނާނެ ކަމަށެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނީގެ ހަފްލާ އޮންނަނީ ޒަހީރުގެ ގެ ކާޓާ ރޯޑްގައި ހުންނަ ގޭގައި ކަމަށް ޒަހީރުގެ ބައްޕަ ބުނެފައިވެއެވެ. ސޮނާކްޝީ އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޒަހީރުގެ ބައްޕަ ބުނީ އޭނާ އިސްލާމް ނުވާ ކަމަށާއި އެއީ ޔަގީން ކަމެއް ކަމަށެވެ.
ސޮނާކްޝީގެ ކައިވަންޏާއި ގުޅިގެން އޭނާގެ އާއިލާ ތެރޭގައި ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިވާ ކަމުގެ ބައެއް ހަބަރުތައްވެސް ވަނީ ފެތުރިފައެވެ. އޮގޮތުން އޭނާގެ ކައިވެނީގެ އަޑުތައް ފެތުރުމާއެކު ސޮނާކްޝީގެ ބައްޕަ ކުރީގެ މަޝްހޫރު ފިލްމީތަރި ޝަތުރުގަން ސިންހާ ވަނީ ކައިވަންޏާއި ގުޅޭ އެއްވެސް ކަމެއް އޭނާއާއި ހިއްސާ ނުކުރާކަމަށް މީޑިއާގައި ބުނެފައެވެ. އަދި ފަހުން ސޮނާކްޝީގެ މަންމައާއި ކޮއްކޮ އޭނާ އިންސްޓަގްރާމުން އަންފޮލޯ ކުރި ކަމަށް ބުނެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ކައިވެނީގެ ހަފްލާތަކުގައި ސޮނާކްޝީގެ އާއިލާއިން ބައިވެރިވަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަތް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސޮނާކްޝީ އާއި ޒަހީރު އެކުގައި ފެނިގެން ގޮސްފައިވަނީ 2022 ގައި ރިލީޒްކުރި "ޑަބަލް އެކްސްއެލް" އިންނެވެ.